ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ޔޫކްރެއިން އަށް އެރުމަށް ނިންމާފައިކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.
ރިޔާސީ ގަޑުވަރު ވައިޓް ހައުސްގައި ވާހަކަފުލު ދައްކަވަމުން ބައިޑަން ވިދާޅުވީ މިވަގުތުވެސް ރަޝިޔާގެ އަސްކަރީ ފައުޖުތަކުން ވަނީ ޔޫކްރެއިން ވަށާލާފައިކަމަށެވެ. އަދި އެމެރިކާއަށް ގަބޫލުކުރެވޭ ގޮތުގައި ރަޝިޔާއިން ހަމަލާދޭނީ ޔޫކްރެއިންގެ ވެރިރަށް ކިޔެވް އަށް ކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ބައިޑަން ވިދާޅުވީ ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދިނުމަށް ޕްލޭންކުރަމުން އަންނަ ކަމަށާއި އެމެރިކާއަށް އެގޮތަށް ގަބޫލުކުރެވޭ ސަބަބުތަކެއް އެބަހުރިކަމަށެވެ. ބައިޑަން އިތުރަށް ވިދާޅުވީ ރަޝިޔާގެ ޕްލޭނާ އެއްގޮތަށް ހަމަލާދީފިނަމަ އެކަންވެގެންދާނީ ނުރައްކާތެރިކަން ބޮޑު އެއްވެސް ބޭނުމެއްނެތް ހަނގުރާމައެއްގެ މައިދާނަކަށް މަސްރަހު ބަދަލުވެގެންދިޔުން ކަމަށެވެ. އަދި އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ތިބީ ނޭޓޯ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް ތައްޔާރަށްކަމަށް ބައިޑެން ވިދާޅުވިއެވެ.
ބައިޑެން އަނެއްކާވެސް މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ ފާއިތުވި ދުވަސްތަކުގައިވެސް އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ރަޝިޔާއިން ޔޫކްރެއިންއަށް އެރުމަށް ރާވަަމުންދާކަމަށް ބުނަމުން ދިޔުމަށްފަހުއެވެ. އެއާއެކު މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަން އަދިވެސް ފިނިވާ ގޮތެއްނުވެއެވެ.
ރަޝިޔާގެ ރިޔާސީ ގަނޑުވަރުން ބުނަމުން އަންނަނީ ޔޫކްރެއިން އަށް އެރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށެވެ. ނަމަވެސް ރަޝިޔާގެ ސަލާމަތަށްޓަކައި ނޭޓޯގެ ފައުޖުތައް ކުރީގެ ސޯވިއެޓް ޔޫނިއަންގައި ހިމެނޭ ގައުމުތަކުން ފޭބުމަށް އަންނަނީ އެދެމުންނެވެ. އަދި ޔޫކްރެއިން އަށް ހަތިޔާރު ނުދިނުމަށާއި އިރުމަތީ ޔޫރަޕްގައި ހަރަކާތްތެރިވާ ނޭޓޯގެ ފައުޖުތައް އެތަންތަނުން ފޭބުމަށްވެސް އަންނަނީ އެދެމުންނެވެ.
އެމެރިކާއިން ވަނީ ރަޝިޔާގެ ހުރިހާ ހުށަހެޅުމެއް ގަބޫލުނުކުރާނެކަމަށް ބުނެފައެވެ. އެއާއެކު ރަޝިޔާއިން ވަނީ އަސްކަރީ ފިޔަވަޅުތަކެއް އެސަރަހައްދުގައި އަޅާނެކަމަށް ބުނެ އެކަމުގެ އިންޒާރު އެމެރިކާ އަށާއި ހުޅަނގަށް ދީފައެވެ.
ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދޭނެކަމަށް ބައިޑެން ވިދާޅުވުމަށްފަހު ވަނީ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވާލުމަށް މަޝްވަރާގެ މޭޒު ހިޔާރުކުރުމަށް ރަޝިޔާއަށް ގޮވާލައްވާފައެވެ. އަދިވެސް ރަޝިޔާއަށް މަޝްވަރާގެ މަގު ހުޅުވިފައިވާކަމަށާއި އެފުރުސަތު ނުގެއްލޭކަމަށް ބައިޑެން ވިދާޅުވިއެވެ.
ބައިޑެން މިމޭރުމުން ވާހަކަދައްކަވާފައިވާއިރު ފާއިތުވި 72 ގަޑިއިރުވެސް އެމެރިކާގެ އޮފިޝަލުން ވިދާޅުވެފައިވަނީ އެސަރަހައްދުގައި ތިބި ރަޝިޔާ ސިފައިން ފަހަތަށް ޖެހިފައިވާކަމަށް ބުނެ ރަޝިޔާއިން ދައްކަމުންދާ ވާހަކަ ގަބޫލުކުނުކުރެވޭ ކަމަށެވެ.
ރަޝިޔާއިން ބުނަމުން އަންނަނީ ޔޫކްރެއިން އާއި ރަޝިޔާ ގުޅޭ ސަރަހައްދީ ރޮނގުކައިރީގައި ރަޝިޔާގެ އަސްކަރިއްޔާއިން ފަރިތަކުރުންތަކެއް ކުރިޔަށް ގެންދާކަމަށެވެ. ރަޝިޔާގެ ރައީސް މި ފަރިތަކުރުންތައް ހޮނިހިރު ދުވަހު ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ މިފަރިތަކުރުންތަކުގައި އެކިވައްތަރުގެ މިސައިލްތައް ޓެސްޓްކުރާނެކަމަށެވެ. އެގޮތުން ބެލެސްޓިކް މިސައިލާއި ކްރޫޒް މިސައިލް ޓެސްޓްކުރާނެކަމަށެވެ. އަދި މިފަރިތަކުރުންތައް ދެކުނާއި އުތުރު އަދި ބްލެކް ސީގައި ކުރިޔަށްގެންދާނެ ކަމަށް ވަނީ ބުނެފައެވެ.