ޔޫކްރެއިންގެ މައްސަލަ އާއި ގުޅޭގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އާއި ދެބޭފުޅުން ގަޑިއިރަކާއި ދެމިނެޓްގެ ވީޑިއޯ ކޯލެއް ކުރައްވާފައިވާ ކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.
މިވީޑިއޯ ކޯލުގައި ބައިޑަން ވަނީ ރަޝިޔާއިން ޔޫކްރެއިން އަށް އަރައިފިނަމަ އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ރަޝިޔާ އާއި ދެކޮޅަށް ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ދެއްވާފައިކަމަށް ވައިޓް ހައުސްއިން ބުނެއެވެ. އަދި އެކަމާއި ގުޅިގެން ރަޝިޔާގެ ދެމިއޮތުމަށް އަސަރުތަކެއްކުރާނެ ކަމަށްވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ.
ވައިޓް ހައުސްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިމައްސަލައިގައި އެމެރިކާއިން ޑިޕްލޮމެޓިކް އުސޫލުތައް ގެންގުޅެމުންދާނެ ކަމަށާއި ހަމައެއާއެކު މަޝްރަހު ބަދަލުވެގެންދާ އިތުރު ގޮތްތަކަށްވެސް ތައްޔާރުވެފައިވާ ކަމަށެވެ.
ވާހަކަތަކާއި ގުޅޭގޮތުން ރަޝިޔާއިން ބުނީ މަޝްރަހު ހޫނުކުރުމަށް އެމެރިކާއިން މަސައްކަތްތައް ކުރަމުންދާކަމަށެވެ. ނަމަވެސް ކުރިޔަށް އޮތްތަނުގައިވެސް ބައިޑަން އާއި ޕުޓިން މިމައްސަލައިގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރަޝިޔާއިން ބުނެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ ޖޭކް ސުލިވަން ހުކުރު ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ އެމެރިކާއަށް ލިބެމުންދާ އިންޓެލިޖެންސް މައުލޫމާތުތަކަށް ބަލާލާއިރު ރަޝިޔާ އޮތީ ޔޫކްރެއިންއަށް ކޮންމެ ގަޑިއެއްގައި އެރުމަށްވެސް އަސްކަރީ ގޮތުން ތައްޔާރަށްކަމަށެވެ. ޔޫކްރެއިނަށް އެރުމުގެ އަސްކަރީ ހުރިހާ ޤާބިލުކަމެއް ރަޝިޔާގައި އެބަހުރިކަމަށް ޖޭކް ވިދަޅުވިއެވެ.
ރަޝިޔާއިން ވަނީ ފާއިތުވި ހަފްތާތަކުގައި ޔޫކްރެއިން އާއި ރަޝިޔާ ގުޅޭ ބޯޑަރު ސަރަހައްދުގައި އެއްލައްކަ ސިފައިން ބައިތިއްބާފައެވެ. އަދި ބްލެކް ސީ ސަރަހައްދުގައި އަންނަނީ އަސްކަރީ ތަމްރީނުތައް ކުރިޔަށް ގެންދަމުންނެވެ. ނަމަވެސް ރަޝިޔާއިން ޔޫކްރެއިން އަށް އަރާނެކަމަށް ދެކެވޭ ވާހަކަތައް އަންނަނީ ތަކުރާރުކޮށް ދޮގުކުރަމުންނެވެ. ނަމަވެސް ސަލާމަތީ ގޮތުން ކަންތައްތަކެއް ކަށަވަރުކުރަން ބޭނުންވެ އެކަންކަން ހުށަހަޅާފައިވާއިރު އޭގެތެރޭގައި ޔޫކްރެއިނުން ދުވަހަކުވެސް ނޭޓޯއާ ނުގުޅޭނެކަމުގެ ޔަގީންކަން ދިނުމަށް އަންނަނީ އެދެމުންނެވެ.
އަނެއްކޮޅުން އެމެރިކާއިން ވަނީ އެޤައުމުގެ 3000 ސިފައިން ޕޮލެންޑްގައި ހުންނަ އެޤައުމުގެ އަސްކަރީ ބޭހަށް ފޮނުވާފައެވެ. މިއީ މިހާރު އެސަރަހައްދުގައި ހަރަކާތްތެރިވާ 8500 ސިފައިންނަށްވުރެ އިތުރަށް އެމެރިކާއިން އެސަރަހައްދަށް ފޮނުވާފައިވާ ސިފައިންނެވެ.