ރަޝިޔާގެ އަސްކަރިއްޔާ އޮތީ ކޮންމެ ފަދަ ދަނޑިވަޅެއްގައިވެސް ޔޫކްރެއިނަށް އެރޭވަރުގައި ކަމަށާއި ވަރަށް އަވަހަށް ރަޝިޔާއިން ޔޫކްރެއިނަށް އަރާނެކަމަށް ބެލެވޭތީ މިހާރުން މިހާރަށް ޔޫކްރެއިންގައި ތިބި އެމެރިކާ ރައްޔިތުން އެޤައުމު ދޫކޮށް ދިޔުމަށް އެމެރިކާގެ އިސް އޮފިޝަލަކު އަންގަވައިފިއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ ޖޭކް ސުލިވަން ހުކުރު ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ އެމެރިކާއަށް ލިބެމުންދާ އިންޓެލިޖެންސް މައުލޫމާތުތަކަށް ބަލާލާއިރު ރަޝިޔާ އޮތީ ޔޫކްރެއިންއަށް ކޮންމެ ގަޑިއެއްގައި އެރުމަށްވެސް އަސްކަރީ ގޮތުން ތައްޔާރަށްކަމަށެވެ. ޔޫކްރެއިނަށް އެރުމުގެ އަސްކަރީ ހުރިހާ ޤާބިލުކަމެއް ރަޝިޔާގައި އެބަހުރިކަމަށް ޖޭކް ވިދަޅުވިއެވެ.
ޖޭކް ސުލިވަން އިތުރަށް ވިދާޅުވީ ބެއިޖިންގ ގައި މިހާރު ކުރިޔަށްދާ ވިންޓަރ އޮލިމްޕިކްސް ނިމުމުގެ ކުރިންވެސް ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާ ދީފާނެކަމަށެވެ. އެގޮތުން ވައިގެ މަގުން ބޮމުގެ ހަމަލާތައް ދޭނެކަމަށް ބެލެވޭކަމަށް ޖޭކް ވިދާޅުވިއެވެ.
އެކަން ރަޝިޔާއިން ކުރާނެ ވަކި ދުވަހަކާއި ވަކި ގަޑިއެއް ބުނަން ނޭންގުނަސް އެއީ ރަޝިޔާއިން ކުރާނެ ކަމެއްކަމުގެ ޔަޤީންކަން އެބައޮތްކަމަށް ޖޭކް ވިދަޅުވިއެވެ. ޖޭކް އިތުރަށް ވިދާޅުވީ އެމެރިކާގެ އޮފިޝަލުން އަދިވެސް ޕުޓިން ޔޫކްރެއިން އަށް ހަމަލާދީފާނެކަމަށް ޤަބޫލުނުކުރައްވާކަމަށާއި އެހެންކަމުން އެމެރިކާއިން އަދިވެސް މިމައްސަލައަށް ޑިޕްލޮމެޓިކް ގޮތުން ހައްލު ހޯދުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
ޖޭކް އިތުރަށް ވިދާޅުވީ ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދިނުމަށް ނިންމީކަމަށް ބުނަނީ ނޫންކަމަށެވެ. އެކަން ނިންމަވާނީ ރަޝިޔާގެ ރައީސް ޕުޓިންކަމަށާއި ނަމަވެސް މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު ކަންބޮޑުވާ ގިނަކަންތައްތަކެއް އެބަހުރިކަމަށެވެ.
ފެންނަމުންދަނީ ރަޝިޔާއިން ޔޫކްރެއިން އަށް އެރުމަށް ރަޝިޔާ އާއި ޔޫކްރެއިން ގުޅޭ ބޯޑަރު ސަރަަހައްދަށް އިތުރު ސިފައިން ޖަމާކޮށް ހަރަކާތްތައް ހިންގަމުންދާތަން ކަމަށް ޖޭކް ވިދާޅުވިއެވެ.
ރަޝިޔާއިން ވަނީ ފާއިތުވި ހަފްތާތަކުގައި ޔޫކްރެއިން އާއި ރަޝިޔާ ގުޅޭ ބޯޑަރު ސަރަހައްދުގައި އެއްލައްކަ ސިފައިން ބައިތިއްބާފައެވެ. އަދި ބްލެކް ސީ ސަރަހައްދުގައި އަންނަނީ އަސްކަރީ ތަމްރީނުތައް ކުރިޔަށް ގެންދަމުންނެވެ. ނަމަވެސް ރަޝިޔާއިން ޔޫކްރެއިން އަށް އަރާނެކަމަށް ދެކެވޭ ވާހަކަތައް އަންނަނީ ތަކުރާރުކޮށް ދޮގުކުރަމުންނެވެ. ނަމަވެސް ސަލާމަތީ ގޮތުން ކަންތައްތަކެއް ކަށަވަރުކުރަން ބޭނުންވެ އެކަންކަން ހުށަހަޅާފައިވާއިރު އޭގެތެރޭގައި ޔޫކްރެއިނުން ދުވަހަކުވެސް ނޭޓޯއާ ނުގުޅޭނެކަމުގެ ޔަގީންކަން ދިނުމަށް އަންނަނީ އެދެމުންނެވެ.
ޖޭކް ސުލިވަން މިމޭރުމުން ވާހަކަދައްކަވާފައި މިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޔޫރަޕްގެ ކަމާބެހޭ ފަރާތްތަކާއި ދެމެދު ވައިޓް ހައުސްގެ ސިޓުޔޭޝަން ރޫމްގައި ގަޑިއިރަކަށްވުރެ ގިނައިރު ވަންދެން ކުރިޔަށް ގެންދިޔަ މަޝްވަރާތަކަށް ފަހުއެވެ.
އެކޯލްގައި ހިމެނެނީ ކެނެޑާ، ފްރާންސް، ޖަރމަނީ، އިޓަލީ، ޕޮލެންޑް، ރޯމޭނިއާ، އަދި އިނގިރޭސިވިލާތުގެ ލިޑަރުންނާއި ޔޫރަޕިއަން ކޮމިޝަން އަދި ނޭޓޯގެ ވެރިންނެވެ.
އަނެއްކޮޅުން އެމެރިކާއިން އަންނަނީ އެޤައުމުގެ 3000 ސިފައިން ޕޮލެންޑްގައި ހުންނަ އެޤައުމުގެ އަސްކަރީ ބޭހަށް ފޮނުވުމުގެ މަސައްކަތްކުރަމުންނެވެ. މިއީ މިހާރު އެސަރަހައްދުގައި ހަރަކާތްތެރިވާ 8500 ސިފައިންނަށްވުރެ އިތުރަށް އެމެރިކާއިން އެސަރަހައްދަށް ފޮނުވާ ސިފައިންނެވެ.
ޖޭކް ސުލިވަން ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާއިން އެސަރަހައްދުގައި ހަރަކާތްތެރިވަނީ ދިފާއުގައި ކަމަށާއި ނަމަވެސް ރަޝިޔާގެ ސިފައިންނާއި ދެކޮޅަށް ހަނގުރާމަ ނުކުރާނެކަމަށެވެ.
ޔޫކްރެއިންގައި ތިބި އެމެރިކާ ރައްޔިތުން އެޤައުމު ދޫކޮށްދިޔުމަށް އަންގާފައިވާއިރު އިނގިރޭސިވިލާތުންވެސް ވަނީ ޔޫކްރެއިންގައި ތިބި އެޤައުމުގެ ރައްޔިތުން ފޭބުމަށް އަންގާފައެވެ.
ބޯޑަރު ސަރަހައްދުގައި ރަޝިޔާއިން ހިންގަމުންދާ ހަރަކާތްތަކާއި ގުޅިގެން އެކަމާ ގުޅޭ ތަފްސީލުތައް 48 ގަޑިއިރު ތެރޭގައި ހާމަކުރުމަށް ޔޫކްރެއިން އިން ވަނީ ރަޝިޔާއަށް އަންގާފައެވެ.