ކ. މާލެ
|
3 ޖޫން 2017 | ހޮނިހިރު 16:13
ގައުމީ އެތުލެޓިކްސް ޓީމް
ގައުމީ އެތުލެޓިކްސް ޓީމް
ފޭސްބުކް
އޭޝިއަން ޗެމްޕިއަންޝިޕް
ހާއްސަ ތަމްރީންތަކަށް އެތުލެޓިކްސް ޓީމް އިންޑިއާއަށް ފުރައިފި
ބެންގަލޫރަށް ފުރާފައިވާ ޓީމުގައި 10 އެތްލީޓުން ހިމެނޭ
މިއީ އިންޑިއާ ސަރުކާރުގެ އެހީއާއި އެކު ރާއްޖެ ޓީމަށް ދީފައިވާ ހާއްސަ ފުރުސަތެއް

ކުރިއަށް އޮތް އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމަށް އިންޑިއާ ސަރުކާރުން ދެއްވި ހާއްސަ ތަމްރީންތަކުގައި ބައިވެރިވުމަށް ބެންގަލޫރަށް ފުރައިފިއެވެ.

ތަޖުރިބާކާރު ކޯޗު އަހުމަދު ފާއިލްގެ ބެލުމުގެ ދަށުން ތަމްރީންތަކުގައި ބައިވެރިވުމަށް ބެންގަލޫރަށް ފުރާފައިވާ ޓީމުގައި ހިމެނެނީ 10 އެތުލީޓުންނެވެ. ނަމަވެސް އޭޝިއަން ޗެމްޕިއަންޝިޕްގައި ރާއްޖެއަށް އަދި ލިބިފައިވަނީ ފަސް ޖާގަ ކަމަށް ވުމުން މުބާރާރުގައި ވާދަކުރުމުގެ ޖާގަ ލިބޭނީ ތަމްރީންތަކުން ނެގޭ އެންމެ ރަނގަޅު ފަސް އެތުލީޓުންނަށެވެ.

 އެހެންނަމަވެސް، އެސޯސިއޭޝަނުން ކަނޑައަޅާފައިވާ ކޮލިފައިން ޓައިމިން އަށް ވާސިލްވެވޭ ހުރިހާ އެތުލީޓުންނަށް މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހޯދައި ދެވޭތޯ މަސައްކަތް ކުރާނެ ކަމަށް އެސޯސިއޭޝަނުގެ ރައީސް މުހަންމަދު ތޮލާލް ވަނީ ވިދާޅުވެފައެވެ. އެގޮތުން އޭނާ ވިދާޅުވެފައިވަނީ، އޭޝިއަން އެތުލެޓިކްސް ފެޑެރޭޝަނާއި މަޝްވަރާކޮށްގެން ރާއްޖެއަށް ލިބިފައިވާ ޖާގަ އިތުރުކުރުމަށް މަސައްކަތް ކުރަނެ ކަމަށެވެ.

މި އެހީއަކީ އެތުލެޓިކްސް އެސޯސިއޭޝަން މެދުވެރިވެގެން އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެއްވާފައިވާ ހާއްސަ އެހީއެކެވެ. އެގޮތުން ރާއްޖޭގެ އެތްލެޓިކްސް ޓީމާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް ވަނީ ދާދިފަހުން ބައްދަލުކުރައްވާފައެވެ. ރާއްޖެ ޓީމަށް ހާއްސަ އެހީއެއް ވާން އިންޑިއާ ސަރުކާރުން ނިންމާފައި ވާކަމަށް ސަފީރު ވިދާޅުވެފައިވަނީ މި ބައްދަލުވުމުގައެވެ.

އަންނަ ޖުލައި މަހު 6 އިން 9 އަށް އިންޑިއާގެ ބުބަނިޝްވަރުގައި، އޭޝިއަން ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައި ވާއިރު، ބެންގަލޫރުގައި ބާއްވާ ހާއްސަ ތަމްރީންތަކަށް ފުރި އެތުލީޓުންގެ ތެރޭގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދް އާއި ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ އަފާ އިސްމާއީލް ވެސް ވަނީ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް