އިންޑިޔާގައި ތައުލީމުދޭ ތަންތަނަށް ބުރުގާ އަޅައިގެން ނުވަދެވޭ އުސޫލަށް އަމަލުކުރަން ފެށުމާއެކު އެޤައުމުގެ ދެކުނު ސްޓޭޓެއް ކަމުގައިވާ ކަރުނާޓަކާގައި ހިނގަމުންދާ މުޒާހަރާތައް ހޫނުވެ އެސްޓޭޓްގެ ސްކޫލްތަކާއި ކޮލެޖްތައް ތިން ދުވަހަށް ބަންދުކުރުމަށް ނިންމައިފިއެވެ.
މިދިޔަ ހަފްތާގައި އުދުޕީގައި ހުރި ސްކޫލްތަކަށް މުސްލިމް އަންހެން ކުދިންނަށް ބުރުގާ އަޅައިގެން ވަނުން ވަނީ މަނާކޮށްފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އެއީ އިންޑިޔާގެ އެޑިޔުކޭޝަން މިނިސްޓްރީގެ ނިންމުންކަމަށެވެ. އެއާއެކު ދަރިވަރުންނާއި ބެލެނިވެރިން ވަނީ އެނިންމުމާއި ދެކޮޅަށް މުޒާހަރާކުރަން ފަށާފައެވެ.
ބުރުގާގެ މައްސަލައިގައި ފާއިތުވި ދުވަސްތަކުގައި ވަނީ މަޝްރަހު ހޫނުވެފައެވެ. ވަކިން ޚާއްސަކޮށް ހިންދޫންގެ މެޖޯރިޓީ އޮންނަ ސަރަހައްދުތަކުގައި މައްސަލަ ވަނީ ހޫނުވެފައެވެ. މަޝްރަހު ހޫނުވުމާއި ގުޅިގެން ކަރުނާޓަކާގެ ޗީފް މިނިސްޓަރ ބަސަވްރާޖް ބޮމާއީ ވަނީ ހުރިހާ ދަރިވަރުންނާއި، ޓީޗަރުންނާއި މެނޭޖްމަންޓްތަކަށް އަދި ކަރުނާޓަކާގެ ރައްޔިތުންނަށް އަމާންކަމާއި ސުލްހަވެރިކަން އިސްކުރުމަށް ގޮވާލައްވާފައެވެ.
ކަރުނާޓަކާގައި ވެރިކަން ކުރަމުން އަންނަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބާރަތިޔާ ޖަންތާ ޕާޓީ (ބީޖޭޕީ) އިން ނެވެ. ކަރުނާޓަކާގައި މުސްލިމު އާބާދީއަކީ 12 އިންސައްތައެވެ.
ބީޖޭޕީން ބުނެފައިވަނީ ސްކޫލްތަކުން އަމަލުކުރަން ޖެހޭނީ ހެނދުން އެޅުމުގެ ގަވާއިދާ އެއްގޮތަށްކަމަށެވެ. ކަރުނާޓަކާގެ އެޑިޔުކޭޝަން މިނިސްޓަރ ބީ.ސީ ނަގޭޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހެނދުން އެޅުމުގެ ގަވާއިދު އެކުލަވާލާފައިވަނީ ކޯޓުގެ ނިންމުން ރިވިއު ކުރުމަށްފަހު ކަމަށެވެ. މިހާރު ގަވާއިދު އޮތްގޮތުން މުޅި އިންޑިޔާގައިވެސް ތައުލީމު ދޭ ތަންތަނަށް ބުރުގާ އަޅައިގެން ވަނުމަކީ މަނާކަމެކެވެ.
އިދިކޮޅު ޕާޓީތަކުން ވަނީ ބީޖޭޕީ ސަރުކާރަށް މިކަމާއި ގުޅިގެން ފާޑުކިޔާފައެވެ. އެގޮތުން ހުރިހާ ދީންތަކެއްގެ މީހުންގެ ހައްޤުތަކަށް އިހުތިރާމްކުރުމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު އެގޮތަށް އަމަލު ކުރަންޖެހޭނެކަމަށް ވަނީ ބުނެފައެވެ. އެކި ދީންތަކުގެ މެދުގައި މިގޮތަށް ތަފާތުކުރުން ގެންގުޅޭނަމަ އެކަމުގެ ސަބަބުން ހަމަނުޖެހުމަށް މަގުފަހިވާނެކަމަށް ވަނީ ބުނެފައެވެ. މޯދީ ގެންދަވަނީ މިފަދަ ތުހުމަތުތައް ދޮގުކުރައްވާ އެފިޔަވަޅުތަކަކީ އިންޑިޔާގެ ހުރިހާ ރައްޔިތުންގެ ލާބައާއި މަންފާއަށް އަޅާ ފިޔަވަޅުތަކެއްކަމަށް ވިދާޅުވަމުންނެވެ.
ބުރުގާ އަޅައިގެން ސްކޫލްތަކަށް ނުވަދެވޭ މައްސަލައިގައި އެއީ ހައްޤެއްކަމަށް ބުނެ ދަރިވަރުންތަކެއް ވަނީ ކަރުނާޓަކާގެ ހައިކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. މިޕެޓިޝަނާއި ގުޅޭގޮތުން އަދި ގޮތެއް ނިންމާފައިނުވާއިރު ޕެޓިޝަންގެ އަޑުއެހުމެއް ބުދަ ދުވަހު އޮންނާނެއެވެ.