ނިޔުކްލިއަރ ހަތިޔާރު އުފެއްދުމާއި މިސައިލް އުފެއްދުމުގައި ދުނިޔޭގައި ކުރިއަރާފައިވާ މަދު ޤައުމުތަކުގެ ތެރޭގައި އުތުރުކޮރެއާ ހިމެނޭކަމަށް އެޤައުމުން ބުނެފިއެވެ.
އުތުރުކޮރެއާގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނިޔުކުލިއަރ ހަތިޔާރާއި މިސައިލްގެ ގޮތުން އެމެރިކާއާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކުރެވޭ ހަމައެކަނި ޤައުމަކީ އުތުރުކޮރެއާ ކަމަށެވެ. އުތުރުކޮރެއާއިން މިކަން ހާމަކޮށް ބަޔާނެއް ނެރެފައިވާއިރު ޖެނުއަރީ މަހުގެ ތެރޭގައި އެޤައުމުން ޓެސްޓްކުރި މިސައިލްތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމައުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
ބެލެސްޓިކް 9 މިސައިލެއް ހަމައެކަނި ޖެނުއަރީ މަހުގެ ތެރޭގައި އެޤައުމުން ޓެސްޓްކުރިއެވެ. އޭގެ ތެރޭގައި އައު ވައްތަރެއްގެ ހައިޕަރސޮނިކް މިސައިލެއްވެސް ހިމެނެއެވެ.
ޓެސްޓްކުރި މިސައިލްތަކުގެ ތެރޭގައި ޕެސިފިކް އޯޝަންގައި ހުރި އެމެރިކާގެ ސަރަހައްދުތަކާއި ހިސާބަށް ފޯރާވަރުގެ މިސައިލްވެސް ހިމެނެއެވެ.
އުތުރުކޮރެއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަދުގެ ދުނިޔޭގައި ޤައުމުތަކުން އެމެރިކާ އާއި އެއްބައިވެ އެއްވެސް ހައްދެއްނެތް މިންވަރަށް ކިޔަމަންތެރިކަން އަދާކުރުމުގައި ވަގުތު ބޭކާރު ކުރަމުންދާއިރު، މުޅި ދުނިޔޭގައިވެސް އެމެރިކާ އާއި ވާދަކުރެވޭ ވަރުގެ މިސައިލު ތައްޔާރުކޮށް މުޅި ދުނިޔެ ގުޑުވާލެވޭ ފެންވަރުގެ ޤައުމަކަށް އޮތީ އުތުރުކޮރެއާ ކަމަށެވެ.
އަދި އައު އަހަރާއެކު އުތުރު ކޮރެއާގެ ހަނގުރާމަ މަތީ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށްވެސް އެޤައުމުން ވަނީ ބުނެފައެވެ.
ދުނިޔޭގައި 200 އަށް ވުރެ ގިނަ ޤައުމު އޮތްއިރު ހައިޑްރޮޖެން ކާބަން ބޮމާއި ބެލެސްޓިކް މިސައިލާއި ހައިޕަރސޮނިކް މިސައިލް އުފައްދާ އެބޭނުންކުރެވޭ ވަރުގެ ހުރީ އަތުން ގުނާލެވޭ މަދު ޤައުމެއްކަމަށްވެސް އުތުރުކޮރެއާގެ ބަޔާނުގައި ބުނެފައިވެއެވެ.
އުތުރުކޮރެއާއިން މިފަހުން މިސައިލްތައް ޓެސްޓްކުރަން ފެށުމުން އެމެރިކާއިން ވަނީ އެޤައުމުން ކުރިޔަށްގެންދާ ނިޔުކްލިއަރ ހަތިޔާރު އުފެއްދުމާއި ބެލެސްޓިކް މިސައިލް ތަރައްޤީ ކުރުމުގެ ޕްރޮގްރާމް ހުއްޓާލާ އެޤައުމުގެ ރައްޔިތުންގެ ފުދުންތެރިކަމާއި ކުރިއެރުމަށް އިސްކަންދިނުމަށް ގޮވާލާފައެވެ.
އުތުރު ކޮރެއާއިން 2017 ވަނަ އަހަރުގެ ފަހުން ނިޔުކުލިއަރ ޓެސްޓެއް ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ. ނަމަވެސް ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ލޯންޗުކުރި މިސައިލާއެކު އެޤައުމުގެ ނިޔުކުލިއަރ ހަތިޔާރު ތަރައްޤީކުރުމުގެ ޕްރޮގްރާމް މުޅިން އައު ހަރުފަތަކަށް ގެންގޮސްފައިވާކަމަށް ވަނީ ބެލެވިފައެވެ.
ވޮޝިންގޓަންގެ ތިންކް ޓޭންކަކުން ހޯމަ ދުވަހު ބުނެފައިވަނީ އުތުރުކޮރެއާ އާއި ޗައިނާގެ ބޯޑަރު ގުޅޭ ސަރަހައްދު ކައިރިން އަސްކަރީ ބޭސްއެއް ފެނިފައިވާކަމަށެވެ.