ކ. މާލެ
|
8 ފެބްރުއަރީ 2022 | އަންގާރަ 05:34
އިރާނުގެ ނިޔުކުލިއަރ އެއްބަސްވުމާއި ގުޅޭ ވާހަކަތައް އަންނަނީ ދެކެވެމުން
އިރާނުގެ ނިޔުކުލިއަރ އެއްބަސްވުމާއި ގުޅޭ ވާހަކަތައް އަންނަނީ ދެކެވެމުން
ރޮއިޓަރސް
އިރާނުގެ ނިޔުކުލިއަރ އެއްބަސްވުމާއި ގުޅޭ ވާހަކަތައ
ނިޔުކްލިއަރ އެއްބަސްވުމާއި ގުޅޭ ވާހަކަތައް ކާމިޔާބުވުން ގުޅިފައިވަނީ ދަތިކުރުމުގެ ފިޔަވަޅުތަކާއި: އިރާނު
ވިއެނާގައި ކުރިޔަށްދާ ވާހަކަތަކަށް ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ވަނީ މެދުކެނޑުމެއް އައިސްފައި
އިރާނުން އަންނަނީ އެޤައުމާއި ދެކޮޅަށް އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް އުވާލުމަށް ބާރު އަޅަމުން

އިރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެއްކޮށް އުވާލުމުގައި އެމެރިކާއިން ސިޔާސީ ނިންމުންތަކެއް ނިންމަންޖެހޭކަމަށް އިރާނުން ބުނެފިއެވެ.

2015 ވަނަ އަހަރު ސޮއިކޮށްފައިވާ ނިޔުކުލިއަރ އެއްބަސްވުމާއި ގުޅޭ ވާހަކަތައް ހުޅަނގާއި އިރާނާ ދެމެދު ދެކެވެމުންދާއިރު އިރާނުން އަންނަނީ އެޤައުމާ ދެކޮޅަށް އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް އުވާލުމަށް ބާރު އަޅަމުންނެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތެހެރާނާއި ވޮޝިންގޓަން އާއި ދެމެދު ނިޔުކުލިއަރ އެއްބަސްވުމުގެ ކަންތަކުގައި އަށް ފަހަރެއްގެ މަތިން ވަނީ ވާހަކަތައް ބާއްވާފައެވެ. ވާހަކަތަކުގައި އިރާނުން އަންނަނީ އެޤައުމާ ދެކޮޅަށް އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް އުވާލުމަށް ޑިމާންޑްކުރަމުންނެވެ. އަދި އިރާނާއި ދެކޮޅަށް އެމެރިކާއިން އިތުރު ފިޔަވަޅެއް ނާޅާނެކަމުގެ ޔަޤީންކަން ދިނުމަށްވެސް އަންނަނީ އެދެމުންނެވެ.

ވިއެނާގައި ކުރިޔަށްދާ ވާހަކަތައް ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ވަނީ މެދުކެނޑިފައެވެ. ވާހަކަތައް މެދުކެނޑިފައިވަނީ ވާހަކަތަކުގައި ބައިވެރިވެވަޑައިގަންނަވާ އިސް މަންދޫބުން އެބޭފުޅެއް ނިސްބަތްވެވަޑައިގަންނަވާ ޤައުމަށް އެނބުރި ވަޑައިގަތުމުންނެވެ. ވާހަކަތަކުގައި ބައިވެރިވަޑައިގަންނަވާ އެމެރިކާގެ ޚާއްސަ މަންދޫބު ރޮބާޓް މާލޭ ވިދާޅުވީ ވާހަކަތައް އަލުން ފެށުމަށް ވަރަށް އަވަހަށް ވިއެނާއަށް އެނބުރިވަޑައިގަންނަވާނެކަމަށެވެ.

އިރާނާއި ހުޅަނގާއި އެމެރިކާއާ ދެމެދު ދެކެވެމުންދާ ވާހަކަތަކާއި ގުޅޭގޮތުން އިރާނުގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްމަން ސައީދު ޚާތިބްޒަދޭހް ވިދާޅުވީ ވާހަކަތަކުގައި އިރާނުން ދަމާފައިވާ ރަތް ރޮނގަކީ އިރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި އޭގެ ސަބަބުން އިރާނަށްވާނެ ފައިދާތަކެވެ.

އެމެރިކާގެ މަންދޫބު ވިއެނާއަށް އަލުން އަންނައިރު އަންނަނީ އެކަމުގެ ސިޔާސީ މަޤްސަދާއި އެފިޔަވަޅުތައް އުވާލާނެ ވަކި އެޖެންޑާއެކު ކަމުގައިވަނީނަމަ ނިޔުކުލިއަރ ޕްރޮގްރާމްކަންތަކުގައި އެއްބަސްވުމަކާއި ހަމައަށް ވަރަށް އަވަހަށް އާދެވޭނެކަމަށް ސްޕޯކްސްމަން ވިދާޅުވިއެވެ.

އިރާނުގެ ފަރާތުން މިވާހަކަތަކުގައި ބައިވެރިވެވަޑައިގަންނަވާ އަލީ ބަގޭރީ އަންގާރަ ދުވަހު ވިއެނާއަށް ވަޑައިގަންނަވާނެއެވެ.

ހުކުރު ދުވަހުން އެމެރިކާއިން ވަނީ އިރާނާ ދެކޮޅަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ދީފައެވެ. އެކަމާއި ގުޅިގެން އިރާނުގެ ފޮރިން މިނިސްޓަރ ހުސެން އާމިރް އަބްދުﷲ ހިއަން ވިދާޅުވީ އެކަމުގެ ސަބަބުން މާބޮޑު އެދެވޭ އަސަރެއް އިރާނުގެ އިގްތިޞާދަށް ނުކުރިނަމަވެސް އެއީ ރަނގަޅު ފާލެއްކަމަށެވެ.

- ކޮމެންޓް