ކ. މާލެ
|
2 ޖޫން 2017 | ހުކުރު 15:01
މޮނާކޯގެ ކެޕްޓަން ރަޑަމެލް ފަލްކާއޯ
މޮނާކޯގެ ކެޕްޓަން ރަޑަމެލް ފަލްކާއޯ
ޓްވިޓަރ
ރަޑަމެލް ފަލްކާއޯ
މޮނާކޯގައި 2020 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ފަލްކާއޯ ނިންމައިފި
ފަލްކާއޯ ވަނީ އެޓްލެޓިކޯ އަދި ޕޯޓޯއާއެކު ޔޫރޮޕާ ލީގު ހޯދާފައި
ފަލްކާއޯ ވަނީ ޔުނައިޓެޑް އަދި ޗެލްސީއަށްވެސް ކުޅެފައި

އޭއެސް މޮނާކޯގައި 2020 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ކޮލަމްބިއާގެ ފޯވާޑް ރަޑަމެލް ފަލްކާއޯ ނިންމައިފި އެވެ.

މެންޗެސްޓަ ޔުނައިޓެޑް އަދި ޗެލްސީގައި ހޭދަކުރި ސީޒަންތަކަށް ފަހު މޮނާކޯއަށް ބަދަލުވެ ފަލްކާއޯ ވަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާ ވަނީ މި ސީޒަނުގައި ކުޅުނު 29 މެޗުގައި 21 ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެއި ތުރުން އޭނާ ވަނީ މޮނާކޯ އަށް 2000 ވަނަ އަހަރަށް ފަހު ލީގު ތަށި ހޯދައިދިނުމަށް ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި އޭނާ ވަނީ މެންޗެސްޓާ ސިޓީ އަދި ބުރޯޝިއާ ޑޯޓްމަންޑް ކަޓުވާލުމަށް ފަހު ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް މޮނާކޯ ގެންދިޔުމަށް ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

އާ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު މޮނާކޯގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އެ ކްލަބުގެ ކެޕްޓަން ފަލްކާއޯ ބުނީ މޮނާކޯގައި އަނެއްކާ ވެސް މަޑުކުރަން ޖެހުމުން އުފާވާ ކަމަށާއި، ކްލަބާ އެކު އިތުރު ކާމިޔާބީތަކެއް ހޯދަން ކެތްމަދުވެފައި ހުރި ކަމަށެވެ.

އެޓްލެޓިކޯ މެޑްރިޑް އަދި ޕޯޓޯއަށް ވެސް ކުޅެފައިވާ ފަލްކާއޯ ވަނީ މި ދެ ކްލަބާއެކު ވެސް ބޮޑެތި ކާމިޔާބީތައް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ ޕޯޓޯއާ އެކު ލީގު ތަށި، އަދި ޕޯޗުގަލް ކަޕް ދެފަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އެޓީމާއެކު ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފައެވެ.

އެޓްލެޓިކޯ މެޑްރިޑާއެކު ޔޫރޮޕާ ލީގު، ޔުއެފާ ސުޕާކަޕް އަދި ކޮޕާޑެލްރޭ ކާމިޔާބުކޮށްފައިވާ ފަލްކާއޯ ވަނީ ކޮލަމްބިއާ ގައުމީ ޓީމާ އެކު ސައުތް އެމެރިކަން ޔޫތު ޗެމްޕިއަންޝިޕް ވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް