މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑުގެ އައު ރާޅާއެކު ރާއްޖޭގައިވެސް ކޮވިޑުގެ ކޭސްތައް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިހާރު ރާއްޖޭގައިވެސް ކޮންމެ ދުވަހެއްގެ މައްޗަށް ހާހުން، ދެހާހުން ކޮވިޑުގެ ކޭސްތައް އަންނަނީ ގުނަމުންނެވެ. އައު ވޭރިއެންޓާއެކު ބަލިޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެފައިވާތީ، ކޮވިޑަށް ޓެސްޓުކުރާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓް ވެގެންނެވެ. ނުވަތަ ބަލީގެ އަލާމާތްތައް ފެންނާތީއެވެ.
ސާމްޕަލް ނެގުމަށްޓަކައި ގިނަ ބަޔަކު ނިކުންނަން ފެށުމާއެކު ބައެއް ޕްރައިވެޓް ކްލިނިކްތަކުން ޕީސީއާރު ޓެސްޓު ހަދައިދޭ އަގުތައްވެސް ވަނީ ބޮޑުކޮށްފައެވެ. މިފަދަ ތަންތަނުގެ ކިއުގައި މާގިނައިރު މަޑުނުކޮށް ސާމްޕަލް ނެގެނީ ބޮޑު އަގުދީފައި އެތަންތަނަށް ދާންޖެހުމުގެ ސަބަބުން އެެތަނަށް ދާ މީހުންގެ އަދަދު މަދުވީމައެވެ. އެހެންކަމުން އަނެއްކާވެސް ބާރުބޮޑުވަނީ ފްލޫ ކްލިނިކްތަކަށެވެ. ނުވަތަ ސާމްޕަލް ނެގުމަށް ހަދާފައިވާ ސެންޓަރުތަކަށެވެ.
ގިނަ ބަޔަކު ސާމްޕަލް ނަގަން ދާން ފެށުމާއެކު މިފަދަ ސެންޓަރުތަކަށް ވަނީ ބާރުބޮޑުވެފައެވެ. ސާމްޕަލް ނެގުމަށްޓަކައި ބައެއް މީހުން ފަސް ހަ ގަޑިއިރު ކިއުގައި މަޑުކުރަން ޖެހެއެވެ. މީގެ ސަބަބުން ބަލި މީހުންނަށް އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، ގިނަ ވަގުތުތަކެއްވެސް ބޭކާރުވެގެންދެއެވެ. މިއާއެކު އަނެއްކާވެސް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވަނީ ސަރުކާރަށެވެ. ނުވަތަ އެޗްޕީއޭއަށެވެ.
2020 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ކޮވިޑް ކޭސް ފެނިފައިވާއިރު، އަދާހަމައަށް ރާއްޖޭގެ ސިއްހީ ދާއިރާއިން ވަނީ ގިނަ ކަންތައްތަކެއް ތަޖުރިބާކޮށް އެތައް ފިލާވަޅުތަކެއް ލިބިގެންފައެވެ. އަދި މި ހާލަތުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް އެތައް މަސައްކަތްތަކެއްވެސް ކޮށްފައެވެ. ނަމަވެސް ސާމްޕަލް ނެގުމަށްޓަކައި ކިއުގައި ގިނައިރު މަޑުކުރަން ޖެހުމުގެ މައްސަލައަށް އަދިވެސް ހައްލެއް ނާދެއެވެ. ވެކްސިން ކިއުތަކުގެ ހާލަކީވެސް މިއީއެވެ. ކޮވިޑުގެ ހާލަތު ގޯސްވާ ކޮންމެ ފަހަރަކު، ކިއުގައި ޖެހިގެން ހުންނަންޖެހޭ ވަގުތު އަންނަނީ އިތުރުވަމުންނެވެ.
އެޗްޕީއޭގެ ފަރާތުން މިހާތަނަށް މިކަމަށް އެދެވޭ ހައްލެއް ގެނެވިފައި ނުވާއިރު، ރައްޔިތުން މިހާރު އަންނަނީ މިކަމަށް ވަގުތީ ހައްލެއް ހޯދަމުންނެވެ. މާލެ އަދި ހުޅުމާލެ ސަރަހައްދުގައި ސާމްޕަލް ނަގާ ކިއުތައް ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ ވިލިނގިލީގައި ހުންނަ ފުލޫ ކްލިނިކަށް ސާމްޕަލް ނެގުމަށްޓަކައި ދަތުރުކުރަމުންނެވެ. މީގެ ތެރޭގައި މާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންވެސް ހިމެނެއެވެ.
މިފަރާތްތަކުން ވިލިނގިއްޔަށް ދަތުރުކުރަނީ އެތަނުގައި ސާމްޕަލް ނަގަންދާ މީހުންގެ ކިއު ކުޑަވީމައެވެ. މާލޭގެ ކިއުތަކުގައި ދެތިން ގަޑިއިރު މަޑުކޮށްގެންވެސް ސާމްޕަލް ނުނެގުމުން ވިލިނގިއްޔަށްގޮސް ބައި ގަޑިއިރެއްހާއިރު ތެރޭގައި ސާމްޕަލް ނެގޭކަމަށް މި ފަރާތްތަކުން ބުނެއެވެ. މިކަމުގައިވެސް އެޗްޕީއޭއަށް ހައްލު ނުހޯދުމުން ރައްޔިތުން މިވަނީ މިކަމަށްވެސް ވަގުތީ ހައްލެއް ހޯދާފައެވެ. ނަމަވެސް މިކަން ގިނަ ބަޔަކަށް އެނގުމާއެކު އަނެއްކާ އެތަނުގައިވެސް ކިއު ބޮޑުވާނެއެވެ. ހައްލު ލިބެންއޮތީ މި ކަންތައްތައް އިތުރަށް ހަރުދަނާ ކުރެވިގެންނެވެ.