ކ. މާލެ
|
31 ޖެނުއަރީ 2022 | ހޯމަ 19:23
ވެލެންސިއާއަށް ކުޅެމުން އަންނަ ހުސައިން ފައިސަލް (ފައިޓޯ)
ވެލެންސިއާއަށް ކުޅެމުން އަންނަ ހުސައިން ފައިސަލް (ފައިޓޯ)
ރާއްޖެއެމްވީ
ހުސައިން ފައިސަލް (ފައިޓޯ)
ފައިޓޯ ގައުމީ ޓީމާއެކު ކާމިޔާބު ހޯދުމުގެ އަޒުމުގައި
ގައުމީ ޓީމުގެ ބޭންޑް އަޅައިގެން ކުޅުމަކީވެސް ފައިޓޯގެ ހުވަފެނެއް
ޒުވާން ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ފައިޓޯއަށް ވަނީ ލިބިފައި

ޅ. ނައިފަރަށް އުފަން އުމުރުން 22 އަހަރުގެ ހުސައިން ފައިސަލް (ފައިޓޯ) އަކީ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޯޗުންގެ އިތުބާރު ހޯދާ ރާއްޖޭގެ އެންމެ ދުވަސްވީ ކުލަބުތަކުގެ ތެރޭގައި ހިމެނޭ ކުލަބު ވެލެންސިއާއަށް މިހާރު ކުޅެމުން އަންނަ ފައިޓޯ، ފުޓްބޯޅައިން ކުރިއަށްދާން ގިނަ ހުވަފެންތަކެއް ދެކެއެވެ.

ކެރިއަރުގެ ފެށުން ވެލި ދަނޑުން!

އެންމެ ކުޑައިރުން ފެށިގެން ފުޓްބޯޅައަށް ލޯބި ޖެހިފައިހުރި ފައިޓޯ އެންމެ ފުރަތަމަ ފުޓްބޯޅަ ކުޅެން ފެށީ ވެލި ދަނޑަށް ރައްޓެހިންނާއެކު ކުޅެން ގޮސް އުޅުމުގެ ތެރޭގައެވެ. އެކަމަކު އަތޮޅު މުބާރާތާ ހިސާބުން ފުޓްބޯޅަ ކުޅުމަށް އެއްކޮށް ހުސްވެ، ފުޓްބޯޅައިން ކުރިއަށްދާން ފައިޓޯ ނިންމިއެވެ. އަދި އަތޮޅު މުބާރާތުގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު ވެލެންސިއާގެ ޓްރައިލުގައި ބައިވެރިވުމުގެ ފުރުސަތު ފައިޓޯއަށް 2016 ވަނަ އަހަރު ލިބުނެވެ. އެހެންނަމަވެސް ޓްރައިލްތަކަށްފަހު ވެލެންސިއާގެ ސީނިއާ ޓީމުން އޭނާއަށް ފުރުސަތު ލިބުނީ ހަ މަސް ދުވަސް ފަހުންނެވެ. އަދި މިހާރު އެ ފުރުސަތުގެ ބޭނުން ހިފާ ފައިޓޯ އަކީ ރާއްޖޭގެ ގަދަ ބާރެއް ކަމަށްވާ ވެލެންސިއާގެ ފުރަތަމަ އެގާރައިން ހުރިހާ މެޗެއްގައި ކަހަލަ ގޮތަކަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.

މީގެ ކުރިން ކުލަބު އީގަލްސްއަށްވެސް ކުޅުނު ފައިޓޯ "ރާއްޖެ.އެމްވީ" އަށް ދިން ޚާއްސަ އިންޓަވިއުގައި ބުނީ ފުރަތަމަ ޑިވިޝަނުގައި އީގަލްސްއަށް ކުޅެން ލިބުނު ފުރުސަތުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ނުހިފުނު ކަމަށެވެ.

"އެންމެ ރަނގަޅަށް ޕާފޯމް ކުރެވުނީ މިދިޔަ ސީޒަނުގައި"

މިދިޔަ ސީޒަނަކީ ފައިޓޯއަށް ޚާއްސަ ސީޒަނެކެވެ. ފުޓްބޯޅަ ކެރިއަރުގައި އެންމެ ރަނގަޅަށް ޕާފޯމް ކުރެވުނު ސީޒަނުގެ ގޮތުގައި ފައިޓޯ މިދިޔަ ސީޒަން ފާހަގަކުރަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. މިދިޔަ ސީޒަނުގައި ވެލެންސިއާގެ ފުރަތަމަ އެގާރައިން ބަރާބަރަށް ޖާގަ ހޯދި ފައިޓޯ ވަނީ ވެލެންސިއާއާއެކު މޮޅު ކުޅުމެއް ދައްކައިފައެވެ. އެއާއެކު ޒުވާން ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ފައިޓޯއަށް ވަނީ ލިބިފައެވެ. ފައިޓޯ ފާހަގަކުރާ ގޮތުގައި ގައުމީ ޓީމަށް ކުޅުމަކީ މުޅިން ތަފާތު ކަމެކެވެ. ގައުމީ ރޫހުގައި ދިވެހި ފަސްގަނޑަށް ކާމިޔާބު ހޯދަން މުޅިން ތަފާތު އަޒުމެއްގައި ގައުމީ ޓީމާއެކު ކުޅޭ މެޗުތަކުގައި ކުޅެވޭ ކަމަށް ފައިޓޯ ފާހަގަކުރެވެ.

މިދިޔަ ސީޒަނަކީ ކެރިއަރުގައި މިހާތަނަށް ކުޅެވުނު އެންމެ ރަނގަޅު ސީޒަން. އޭގެ ހެއްކެއް ކަންނޭނގެ ގައުމީ ޖޫނިއާ ޓީމުގައި ހިމެނުން. ގައުމީ ޓީމަށް ކުޅުމަކީ މުޅިން ތަފާތު ކަމެއް. އެ މެޗުތައް ކުޅެނީ މުޅިން ތަފާތު ކިކެއްގައި ގައުމީ ބެޖަށް.
ހުސައިން ފައިސަލް (ފައިޓޯ)

ސީނިއާ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނުން އެއީ ދެކޭ ހުވަފެނެއް

ކޮންމެ ކުޅުންތެރިއަކުވެސް ވާސިލުވާން ބޭނުންވާ ޓާގެޓުތަކެއް ހުންނާނެއެވެ. އެގޮތުން ފައިޓޯގެ ކެރިއަރުގައި އޭނާ ވާސިލުވާން ބޭނުންވާ އަމާޒު ނުވަތަ ޓާގެޓަކީ ގައުމީ ސީނިއާ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމެވެ. އަދި ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުމަކީވެސް ފައިޓޯ ދެކެމުން އަންނަ ހުވަފެނެކެވެ.

ކުލަބު ފެންވަރުގައި ވެލެންސިއާ އާއެކު މި ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ކުޅުންތެރިޔާގެ އުއްމީދަކީ މިހާރު އެ ޓީމާއެކު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރެމެވެ. މީގެ ކުރިން 2016 ވަނަ އަހަރު ފައިޓޯ ވަނީ ވެލެންސިއާ އާއިއެކު އެފްއޭ ކަޕް އަދި ދެވަނަ ޑިވިޝަންވެސް ކާމިޔާބުކޮށްފައެވެ.

ސީނިއާ ގައުމީ ޓީމުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅުމަކީ އަބަދުވެސް ދެކެމުން އަންނަ ޑްރީމެއް. އޭގެ އިތުރުން ގައުމީ ޓީމުގެ ބޭންޑް އަޅައިގެން ކުޅުމަކީވެސް ޑްރީމެއް. އިރާދަކުރެއްވިއްޔާ އެހިސާބަށް ދެވޭނެ.
ހުސައިން ފައިސަލް (ފައިޓޯ)

ފައިޓޯގެ ކެރިއަރުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަނީ އޭނާގެ އާއިލާގެ ފަރާތުންނެވެ. ޚާއްސަކޮށް ޕްރޮފެޝަނަލް ފުޓްބޯޅައަށް އޭނާ ނެރެދިނުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބިފައިވަނީ އޭނާގެ ބޭބެ އިބްރާހީމް ރަޝާން (ޝާންޑޯ) ގެ ފަރާތުންނެވެ. އޭގެ އިތުރުން އަނބިމީހާ އާއި އާއިލާގެ އިތުރު ފަރާތްތަކުގެ އިތުރުން ރަހުމަތްތެރިންގެ ފަރާތުން ބޮޑު އެއްބާރުލުމެއް އަބަދުވެސް ލިބެމުން އަންނަކަމަށް ފައިޓޯ ބުނެއެވެ. މީގެ އިތުރުން ފައިޓޯގެ ކޯޗުންނާއި، ރަށު ކްލަބްތަކުގެ ތެރެއިން ނައިފަރު ޗެލްސީ އެފްސީ އާއި، ނަޑަކްގެ ފަރާތުން ލިބެމުންދާ އެހީ އުފަލާއެކު އަބަދުވެސް ބަލައިގަންނާނެ ކަމަށް ފައިޓޯ ބުނެއެވެ.

- ކޮމެންޓް