ކ. މާލެ
|
19 މާރޗް 2025 | ބުދަ 11:24
ދިވެހި ޕްރިމިއާ ލީގުގައި މީގެ ކުރިން ވެލެންސިއާ އިން ކުޅުނު މެޗެއްގެ ތެރެއިން
ދިވެހި ޕްރިމިއާ ލީގުގައި މީގެ ކުރިން ވެލެންސިއާ އިން ކުޅުނު މެޗެއްގެ ތެރެއިން
އިމޭޖަސް.އެމްވީ
އެފްއޭއެމް
ވެލެންސިއާގެ އޮތް ރާއްޖެ އިން ބޭރުގެ ދަރަނިތައް ޚަލާސްކޮށްފި
އަޒްމީން ވިދާޅުވީ، ބިދޭސީ ކުޅުންތެރިންނަށް ދޭން ޖެހިފައި ހުރި މުސާރައިގެ އަދަދާއި، އޭއެފްސީ ކަޕްގެ މެޗު ކުޅެން ނުދިޔުމުން ކުރިމަތިވި ޖޫރިމަނާ އާއެކު، 1.3 މިލިއަން ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާ ކަމަށެވެ.

ކުލަބު ވެެލެންސިއާ އިން، ރާއްޖެ އިން ބޭރުގެ އެކި ފަރާތްތަކަށް ދައްކަން ޖެހޭ އެންމެހައި ދަރަނިތައް ދައްކައި ޚަލާސްކޮށްފި އެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވެލެންސިއާ އަށް ފިޔަވަޅު އަޅާފައި ވަނީ 2022 ވަނަ އަހަރު އެވެ. އެ އަހަރުގެ ޖޫން މަހުގެ ތެރޭގައި ފީފާ އިން ވެލެންސިއާ އަށް ފިޔަވަޅު އެޅީ، އެ ޓީމުގެ ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުދެވި އޮތް މައްސަލައިގަ އެވެ. އެ ފިޔަވަޅާ އެކު، ވެލެންސިއާ އަށް އެއްވެސް ކުޅުންތެރިޔަކު ރަޖިސްޓްރީ ނުކުރެވޭ ގޮތަށް އޮތީ ނިންމައިފަ އެވެ.

ވެލެންސިއާ އިން ވަނީ ރާއްޖެ އިން ބޭރުގެ އެކި ފަރާތްތަކަށް ދައްކަން ޖެހިފައި އޮތް 1.3 މިލިއަން ރުފިޔާގެ ދަރަނި ދައްކާ ޚަލާސްކޮށްފަ އެވެ.

އެކަމާ ގުޅިގެން ވެލެންސިއާގެ ޗެއާމަން ޢަބްދުﷲ އަޒްމީން "ރާއްޖެ އެމްވީ" އަށް ވިދާޅުވީ، ބިދޭސީ ކުޅުންތެރިންނަށް ދޭން ޖެހިފައި ހުރި މުސާރައިގެ އަދަދާއި، އޭއެފްސީ ކަޕްގެ މެޗު ކުޅެން ނުދިޔުމުން ކުރިމަތިވި ޖޫރިމަނާ އާއެކު، 1.3 މިލިއަން ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާ ކަމަށެވެ.

އަޒްމީން ވިދާޅުވީ، އެއީ އެފްއޭއެމްގެ ރައީސް ކަމުގައި ބައްސާމް އަދީލް ޖަލީލް ހުރި އިރު ވެލެންސިއާ އަށް ކުރިމަތިވި ކަންތައްތަކެއް ކަމަށެވެ. އެހެން ނަމަވެސް، މިއަދު އެ ފައިސާ ދައްކައި ޚަލާސް ކުރުމަކީ، ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަޒްމީން ވިދާޅުވީ އޭއެފްސީ ކަޕްގެ މެޗު ނުކުޅުމުން ޖޫރިމަނާގެ ގޮތުގައި 20،000 (ވިހި ހާސް) ޑޮލަރު ދައްކަން ޖެހުނު ކަމަށެވެ. އަދި ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން ޖެހުނީ ބޯހާސް މާޓިން އަށް ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން އޭނާ އަށް އެކަނި ވެސް، 40،000 (ސާޅީސް ހާސް) ޑޮލަރު ދައްކަން ޖެހުނުކަން އަޒްމީން ފާހަގަ ކުރި އެވެ.

މިހާ ބޮޑު އަދަދެއްގެ ދަރަންޏެއް ވެލެންސިއާ އިން ދައްކާ ޚަލާސްކޮށްފައިވާއިރު، އަޒްމީން ވިދާޅުވީ ދެން ހުންނާނީ ރާއްޖޭގެ ބައެއް ކުޅުންތެރިންނާއި، ބައެއް ތަންތަނަށް ދައްކަން ޖެހޭ ފައިސާ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން އަޒްމީން ވިދާޅުވީ، ވެލެންސިއާ އިން މިހާރު އަންނަނީ އައު ސީޒަނަށް ތައްޔާރުވަމުން ކަމަށާއި، ޓީމުގެ ފަރިތަކުރުންތައް ވެސް ކުރިއަށް ގެންދާ ކަމަށެވެ. އަދި އައު ސީޒަނަށް ބިދޭސީ ކުޅުންތެރިން ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު، ބިދޭސީ ތިން ކުޅުންތެރިޔަކު ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މިހާތަަނަށް އެ ކުޅުންތެރިންގެ ހުރިހާ ކަމެއް ފައިނަލް ނުވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ އެ މަސައްކަތް ކަމަށް ވެސް އަޒްމީން ވިދާޅުވި އެވެ. އަދި އެހާ ބޮޑު އަދަދެއްގެ ދަރަންޏެއް އަދާ ކުރަން ޖެހުމުން، މާލީ ގޮތުން ދަތިތަކެއް ކުރިމަތި ވާނެކަން ވެސް އޭނާ ފާހަގަ ކޮށްފައިވެ އެވެ.

ވެލެންސިއާގެ ޗެއާމަންކަމާ އަޒްމީން ހަވާލުވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެއީ ކުރިން އެ މަގާމުގައި ހުރި، ބައްސާމްގެ ކޮއްކޮ، ރަސްލާން އަދީލް ޖަލީލް އިސްތިއުފާ ދެއްވުމުންނެވެ.

- ކޮމެންޓް