ކ. މާލެ
|
31 މެއި 2017 | ބުދަ 20:19
ޔުނައިޓެޑްގެ މިޑްފިލްޑަރު އެންޑްރޭ ހެރޭރާ
ޔުނައިޓެޑްގެ މިޑްފިލްޑަރު އެންޑްރޭ ހެރޭރާ
ޓްވިޓަރ
އެންޑްރޭ ހެރޭރާ
ޓްރާންސްފާ ބާޒާރުގައި ބާސާ އިން ހޯދަން ބޭނުންވަނީ ޔުނައިޓެޑްގެ ހެރޭރާ
ހެރޭރާ ހޯދަން ބާސާ އިން މަސައްކަތްކުރަނީ 60 މިލިއަން ޕައުންޑަށް

ޓްރާންސްފާ ބާޒާރުގައި ބާސެލޯނާ އިން ހޯދަން އެންމެ ބޭނުން ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އެންޑްރޭ ހެރޭރާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ގޯލްޑޮޓްކޮމް އިން ބުނި ގޮތުގައި ހެރޭރާ ހޯދުމަށް ބާސާ އިން މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި އޭނާ އަށް ބިޑެއް ހުށަހަޅާނެ ކަމަށް ވެސް މި ރިޕޯޓުގައި ވަނީ ބުނެފައެވެ.

މި ސީޒަނުގައި ޔުނައިޓެޑްގެ މިޑްފިލްޑް ލައިންގައި މޮޅު ކުޅުމެއް ދައްކާފައިވާ ހެރޭރާއަކީ ބާސާގެ އާ ކޯޗު އާރނެސްޓޯ ވަލްވާޑޭ އެންމެ ބޭނުންވާ ކުޅުންތެރިޔާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ހެރޭރާވެގެންދާނީ ބާސާ އިން ޓްރާންސްފާ ބާޒާރުގައި އެންމެ ހޯދަން ބޭނުންވާނެ ކުޅުންތެރިޔާއަށެވެ.

ވަލްވާޑޭ ވަނީ މީގެ ކުރިން އެތުލެޓިކް ބިލްބާއޯގައި އޭނާ ކޯޗުކޮށްދިން ދުވަސްކޮޅު ހެރޭރާއަށް ވެސް އިރުޝާދ ދީފައެވެ. އެގޮތުން ހެރޭރާއަކީ ވަލްވާޑޭ ވަރަށް ގަޔާވާ ކުޅުންތެރިޔެއް ކަމަށް ވެސް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

މީގެ އިތުރުން ބައެއް ރިޕޯޓްތައް ބުނާ ގޮތުން ހެރޭރާއާ ގުޅިގެން ބާސާ އާއި ޔުނައިޓެޑް ވަނީ އަނގަ ބަހުން އެއްބަސްވުންތަކެއް ވެފައެވެ. އެގޮތުން ހެރޭރާ ވިއްކާލުމަށް ހަމަޖެހިފައި ވަނީ 60 މިލިއަން ޕައުންޑަށް ކަމަށް ވެސް އެ ރިޕޯޓްތައް ބުނެއެވެ.

ރެއާލް ޒަރަގޯޒާ އިން 2008 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން 27 އަހަރުގެ ހެރޭރާ ވަނީ އެޓީމަށް ޖުމްލަ 86 މެޗު ކުޅެދީ ހަ ލަނޑު ކާމިޔާބުކޮށްފައެވެ. އެއަށް ފަހު ދެން އޭނާ ބަދަލުވީ ބިލްބާއޯއަށެވެ. އެގޮތުން އޭނާ ވަނީ އެޓީމުގައި ހޭދަކުރި ތިން ސީޒަނުގައި ކުޅުނު 128 މެޗުގައި 11 ލަނޑު ކާމިޔާބުކޮށްފައެވެ.

ޔުނައިޓެޑަށް 2014 ވަނަ އަހަރު ބަދަލުވި ހެރޭރާ ވަނީ މިވީތަނަށް އެޓީމަށް ކުޅުނު 122 މެޗުގައި 15 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އެޓީމާ އެކު އެފްއޭކަޕް، އެފްއޭކަޕް އަދި ޔުއެފާ ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފައެވެ.

ސްޕެއިން ގައުމީ ޓީމަށް ދެ މެޗު ކުޅެފައިވާ ހެރޭރާ ވަނީ އެޓީމާއެކު 21 އަހަރުންދަށޫގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް