ކ. މާލެ
|
6 ޖެނުއަރީ 2022 | ބުރާސްފަތި 03:44
ކޮވިޑް-19، ފްރާންސްއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން
ކޮވިޑް-19، ފްރާންސްއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން
ރޮއިޓަރސް
ކޮވިޑް-19 ފްރާންސްގެ ހާލަތު
ފްރާންސްގައި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 332،000ށް އަރައިފި
ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 246 މީހުން ވަނީ މި ބަލީގައި ނިޔާވެފައި

ޔޫރަޕުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވެފައިވާއިރު، ފްރާންސުން 24 ގަޑިއިރުގެ ތެރޭގައި 332،000ށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އޮމިކްރޯން ވޭރިއަންޓާއެކު އެގައުމަށް ކޮވިޑްގެ ފަސްވަނަ ރާޅަކާ ކުރިމަތިލާން ޖެހިފައިވާއިރު، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުން 332،252 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ސިއްހަތާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ އެއް ދުވަސްތެރޭގައި މިހާ ގިނަ މީހުން އެ ގައުމުން ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

ފްރާންސްގެ ސިއްހަތާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެގައުމުން ކޮވިޑްގެ ބަލީގައި 246 މީހުން ވަނީ ނިޔާވެފައެވެ. އެއާއިއެކު އެ ގައުމުން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 97،670ށް އަރާފައެވެ. އަދި މިވަގުތު ކޮވިޑްގެ ބަލީގައި އައިސީޔޫގައި 3،695 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު އުޅެނީ 20،000ން މަތީގައެވެ. މިއީ މިދިޔަ މޭ މަހުގެ ފަހުން ކޮވިޑް ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު މިހާ ބޮޑުތަން އިތުރުވި ފުރަތަމަ ފަހަރެވެ.

ކޮވިޑުން ރައްކާތެރިވުމަށް ފްރާންސުން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކޮށްފައިވާއިރު، އެގައުމުގެ ރައީސް އެމަނުއަލް މެކްރޯން ވަނީ ވެކްސިން ނުޖާ މީހުންނަށް އެގައުމުގައި ދިރިއުޅުން އެއީ އުނދަގޫ ގޮތެއްކަމުގައި ހައްދަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވެކްސިން ނުޖަހާ މީހުންނަށް އަދަބު ދިނުމުގައި ގޮތްތަކެއް ވިސްނަވަމުންދާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް