ކ. މާލެ
|
4 ޖެނުއަރީ 2022 | އަންގާރަ 11:30
ވ.ރަކީދޫ
ވ.ރަކީދޫ
ގެދޮރުވެރިޔާގެ ލޯން ސްކީމް
ރަށެއްގައި އުޅޭތާ 3 އަހަރު ނުވިޔަސް ގެދޮރުވެރިޔާ ލޯނަށް އެދެވޭ
ލޯނަށް އެދުމުގެ ޝަރުތުތަކަށް ވަނީ ބަދަލު ގެނެސްފައި
ލޯނު އަނބުރާ ދެއްކުމަށް ގިނަވެގެން ދެވެނީ 20 އަހަރު

ރަށެއްގައި އުޅޭތާ 3 އަހަރު ނުވިޔަސް ގެދޮރުވެރިޔާ ލޯނަށް އެދެވޭ ގޮތަށް ނިންމައިފިއެވެ.

ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް "ގެދޮރުވެރިޔާ"ގެ ނަމުގައި ލުއި ލޯން ސްކީމެއް ސަރުކާރުން ވަނީ ތައާރަފުކޮށްފައެވެ. މި ލޯން ސްކީމަކީ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބު އަމިއްލަ ބޯހިޔާވަހިކަމަށް ހުރަސްއެޅިފައި ތިބި އާއިލާތަކަށް ޚާއްސަ ކޮށްގެން ސަރުކާރުން ހުޅުވާލާފައިވާ ލުއި ލޯނު ސްކީމެކެވެ. ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 14 ޖޫން 2021 ގައި ހުޅުވައިލި ގެދޮރުވެރިޔާ ލޯން ގައި ހިމެނޭ ޝަރުތުތަކުގެ ތެރޭގައިވާ "ރަށްވެހިވެފައިވާ ރަށުގައި ދިރިއުޅޭތާ މަދުވެގެން 3 އަހަރު ވެފައިވުން" މި ޝަރުތު އުނިކުރަން ނިންމާފައިވާކަމަށެވެ.

އަދި މި ޝަރުތު ފުރިހަމަ ނުވުމުގެ ސަބަބުން ލޯން ރިޖެކްޓު ކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން އަލުން ކުރިއަށްގެންދިއުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެޗްޑީއެފްސީއިން ބުނެފައިވެއެވެ. އެޕްލިކޭޝަން އަލުން ހުށަހަޅައިގެން އެކަން ކުރިއަށް ގެންދެވޭނެއެވެ.

މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު ނޭޅި ތިބި މީހުންނަށް ލުއިތަކެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވައުދުވެވަޑައިގެންފައެވެ. މި ލޯން ސްކީމާއެކު އަމިއްލަ ގެއެއް ހަދަން ފަށައި، މާލީ ދަތިކަމުގެ ސަބަބުން މަސައްކަތް ނުނިމި ހުރި ފަރާތްތަކަށް މި ލުއި ލޯން ސްކީމާއެކު ދިރުއުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމަށް މަގު ފަހިވެގެންދާނެއެވެެ. ލޯން ސްކީމްގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ބޯހިޔާވަހިކަން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ކަށަވަރުކޮށްދިނުމެވެ.

ގެދޮރުވެރިޔާ ލޯނު ދޫކުރަނީ އަމިއްލަ ގޯތީގައި އަލަށް ތަނެއް އިމާރާތްކުރުމަށް ނުވަތަ ހަދަން ފަށާފައި ހުރި ތަނެއް ނިންމުމަށެވެ. ލޯނުގެ މޯގޭޖްގެ ގޮތުގައި އިމާރާތް ކުރެވޭ ތަން ފިޔަވައި އެހެން އިތުރު ތަނެއް ނުހިމެނެއެވެ. މި ލޯނު ނެގުމަށް ޑިޕޮސިޓެއް ބޭނުމެއް ނުވެއެވެ. ލޯނުގެ ގްރޭސް ޕީރިއަޑަކީ 12-15 މަހެވެ. މި މުއްދަތުގައި އިންޓަރެސްޓެއް ނާރާނެއެވެ.

ލޯނުގެ ގޮތުގައި ދޫކުރަނީ ޕްރޮޖެކްޓްގެ 80 އިންސައްތައެވެެ. ބާކީ 20 އިންސައްތައަކީ ލޯނު ނަގާ ފަރާތުގެ ހިއްސާއެކެވެ. ލޯނަށް އެދޭ ފަރާތުގެ ޕްރޮޖެކްޓަށްލާ ޖުމްލަ ޚަރަދުގެ 20 އިންސައްތަ ކަނޑައަޅާނީ، ޕްރޮޖެކްޓަށް ކުރެވިފައިވާ ޚަރަދާއި ގަނެފައިވާ ތަކެއްޗާއި، ގޯތީގެ އިމާރާތާއި، އިމާރާތް ނެތް ނަމަ ބިމަށެވެ.

ގެދޮރުވެރިކަމަށް ބޮޑު އިންޓަރެސްޓްގައި ލޯނު ދޫކުރަމުން އަންނާތީ ގިނަބަޔަކަށް އަމިއްލަ ބޯހިޔާވަހިކަމަށް ނުވަދެވި އެބަތިއްބެވެ. ހުރިހާ ރައްޔިތުންނަށް މި ލޯން ސްކީމްގެ ދަށުން ލުއިތަކެއް ލިބެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 މިނެޓު ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް