ބ.ތުޅާދޫގައި ކުރީ ސަރުކާރުން އިމާރާތް ކުރި 100 ހައުސިންގ ޔުނިޓް ދޫނުކުރެވި، އެ ޔުނިޓް ތައް ހަލާކުވާން ފަށައިފިއެވެ.
މިއީ ތުޅާދޫއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. 22 އޮގަސްޓް 2023 މި މަޝްރޫއު ނިންމައި ކައުންސިލް އާއި ހަވާލުކޮށްފައިވާކަން ކުރީ ސަރުކާރުން ހާމަކުރި ނަމަވެސް، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އިންފްރާސްޓްރަކްޗަރ އިން މިއަދާ ހަމައަށް އެއްވެސް ލިޔެކިއުމެއް ހަވާލުކޮށްފައިނުވާ ކަމަށް ތުޅާދޫ ކައުންސިލުން ބުނެއެވެ.
ހައުސިންގ ޔުނިޓްތައް ދޫނުކުރެވޭ މައްސަލައާއި ގުޅިގެން ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި އެރަށު ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް ވިދާޅުވީ ހައުސިންގ ޔުނިޓްތައް ދޫނުކުރެވޭ މައްސަލާގައި ކަންބޮޑުވާ ކަމަށެވެ. ނަމަވެސް ލަސްވެގެންދަނީ ހައުސިންގ ޔުނިޓާއި ގުޅުންހުރި މައްސަލަތަކެއް ކޯޓުގައި ހުރުމުން ކަމަށާއި، ހައުސިންގ ޔުނިޓްތަކުގެ މައްސަލަ އަވަސް ކުރުމަށް މަސައްކަތް ކުރި ނަމަވެސް ސަރުކާރުގެ ފަރާތުން މާ ބޮޑު އެއްބާރުލުމެއް ނުލިބޭ ކަމަށެވެ.
މީގެ އިތުރުން އާދިލް ވިދާޅުވީ ކޯޓުގައި އޮތް 4 މައްސަލާގެ ތެރެއިން 3 މައްސަލައެއް ނިމިފައިވާ ކަމަށެވެ.
ހައުސިންގ މިނިސްޓްރީގެ އެއްބާރުލުން ލިބޭލެއް ވަރަށް ކުޑަ. ޚާއްސަކޮށް މިކަމުގައި. ކޯޓު ހުކުމްގައި އިއުލާންކޮށްފައި އެންމެ ފަހުގެ އިއުލާންގައި އިން އުސޫލާ އެއްގޮތަށް ޕޮއެންޓް ދޭން. އަޅުގަނޑުމެން އިސްލާހެއް މީގެކުރިން ދެންނެވިއިރު، އިންނާނެ ޖުމްލަ 3 އިއުލާނެއް. އެއީ މުއްދަތު ހަވާން ދެ ތާރީހެއް. އޭގެ ތެރެއިން ކޮން ތާރީހެއްތޯ އަޅުގަނޑުމެން ކަނޑައަޅާނީ. މިއަދާ ހަމައަށް ވެސް އަދި އަދަދަށް ދާން ދެން ވެސް ޖަވާބެއް ނުލިބޭ. އަދި ކޮމެޓީގެ މަސައްކަތް ވެސް ކުރިއަށް ނުގެންދެވިފައި މިވަނީ މިނިސްޓްރީގެ ޖަވާބު ނައިސްގެން.
ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް![]()
ބޯހިޔާވަހިކަން ދަތިކަން ވަރަށް ބޮޑަށް ތުޅާދޫއަށް ކުރިމަތިވެފައިވާއިރު، ހައުސިންގ ޔުނިޓްތައް ލިބިފައިވާ ބައެއް އާއިލާތައް ރަށުގައި ދިރިއުޅުމުންދަނީ ކުށްޔަށެވެ.
މިމައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނެފައިވަނީ މައްސަލައަށް އަހަރުވާން ކައިރިވެފައިވާ ކަމަށާއި، ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. މިމައްސަލައާ ގުޅިގެން އާއްމުން ރުޅި ގަދަވެ، ކައުންސިލް އިދާރާއަށް އެއްވެ މުޒާހަރާ ވެސް ކޮށްފައިވާ ކަމަށާއި، ނަމަވެސް އަވަސް މުސްތަގުބަލެއްގައި ހައުސިންގ ޔުނިޓްތައް ލިބޭނެ ކަމުގެ އުންމީދެއް ނެތް ކަމަށް އެމީހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ބައެއް އާއްމު ރައްޔިތުން ކައުންސިލް ކުށްވެރި ކުރާއިރު، އަނެއް ބައި ރައްޔިތުން ދަނީ މިނިސްޓްރީ ކުށްވެރި ކުރަމުންނެވެ.
ފުރަތަމަ މައްސަލަ ދިމާވި ގޮތާއި ގުޅޭގޮތުން އާއްމުން ބުނެފައިވަނީ ހައުސިންގ ޔުނިޓް ދޫކުރުމަށް އެކުލަވާލި އުސޫލަށް ކައުންސިލުން ބައެއް އިސްލާހުތައް ގެނެސްފައިވާ ކަމަށާއި، އިސްލާހުތައް ގެނެސްފައިވަނީ މީހުން ފޯމް ހުށަހެޅި ފަހުން ކަމަށެވެ. އެ އިސްލާހުތައް ހުށަހެޅުމުގެ ކުރިން ބައެއް މީހުންނަށް ގިނަ ޕޮއިންޓް ލިބުނު ނަމަވެސް ފަހުން ގެނެސްފައިވާ އިސްލާހާއެކު ޕޮއިންޓް މަދުވާ ކަމަށް ކަމަށާއި، މިމައްސަލަ އާ ގުޅިގެން އާއްމުން ރުޅި ގަދަވެ، ކޯޓަށް މައްސަލަ ހުށަހެޅީ ކަމަށް އެމީހުން ބުނެއެވެ.
މިމައްސަލަ ކޯޓަށް ހުށަހެޅި މީހަކު ރާއްޖެޓީވީއަށް ބުނެފައިވަނީ ފުރަތަމަ އެކުލަވާލި އުސޫލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ކައުންސިލުން އެގޮތަށް އަމަލުކުރަން ބޭނުންނުވާކަން ކައުންސިލްގެ އަމަލުތަކުން ހާމަވާ ކަމަށެވެ.
ބައެއް މީހުން އިތުރަށް ބުނެފައިވަނީ ހައުސިންގ ޔުނިޓްތައް އަވަހަށް ދޫނުކުރެވޭ ކަމަށާއި، އެއީ ފަހުން އުސޫލަށް ގެނެސްފައިވާ އިސްލާހާއެކު ފޯމް ހުށަހެޅި މީހުން އަނެއްކާވެސް ކުރީގެ އުސޫލާ އެއްގޮތަށް ހައުސިންގ ޔުނިޓްތައް ދޫކުރާނަމަ މައްސަލަ ކޯޓަށް ވައްދާނެތީ ކަމަށެވެ.
ކައުންސިލުން ހެދި ގޯހަކުން އެ ހަވާލުނުކުރެވިގެން އުޅެނީ ވަރަށް ބޮޑު ގޯހެއްގެ ސަބަބުން. އުސޫލެއް ކަނޑައަޅައި، އެއުސޫލު އިއުލާންކޮށް އެއުސޫލަށް ބަޔަކު ފޯމް ލީފަހުން އެ އުސޫލަށް ބަދަލުތަކެއް ގެނައީ. އޭގެ ސަބަބުން މިހުރިހާ މައްސަލައެއް ކުރިމަތިވީ. ކައުންސިލުން ނޫނޭ ފާސްކުރީ. މިނިސްޓްރީންނޭ ފާސްކުރީ. ތިގޮތަށް ބަދަލު ގެނެސްފިއްޔާ ކުރިން ފޯމް ލާފައި ތިބި މީހުންނަށް ނޭދެވޭ އަސަރެއް ކޮށްފާނޭ. އެންމެ ރަނގަޅު ގޮތަކީ އެއްކޮށް ބާތިލްކޮށްފައި އަލުން އިއުލާން ކުރުމޭ.
ތުޅާދޫގެ އާއްމު ރައްޔިތެއް![]()
ހައުސިންގ ޔުނިޓްތައް ދޫކުރާ އުސޫލާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް ކައުންސިލުން ބުނެފައިވަނީ އުސޫލު އެކުލަވާ އިސްލާހު ގެނެސްފައިވަނީ މިނިސްޓްރީން ކަމަށެވެ. ނަމަވެސް މިމައްސަލައާ ގުޅިގެން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
3125 މީހުންގެ އާބާދީއެއް އޮންނަ ތުޅާދޫގައި 100 ހައުސިންގ ޔުނިޓް އިމާރާތްކޮށް ނިންމާފައިވަނީ 87،036،883.57 ރުފިޔާއަށެވެ. މިއީ ޕްރިސިޝަން އިންޖިނިއަރިންގ ސަރވިސް އަށް ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ކޮންމެ ހައުސިންގ ޔުނިޓެއްގެ ޕްލޮޓް ސައިޒަކީ 1600 އަކަފޫޓެވެ.