ކ. މާލެ
|
2 ޖެނުއަރީ 2022 | އާދީއްތަ 03:47
ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލިތާ ދެ އަހަރު ފުރުމާ ދިމާކޮށް ބަޣުދާދުގެ މަގުތައް މައްޗަށް މީހުން ޝުއޫރުފާޅުކުރަނީ
ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލިތާ ދެ އަހަރު ފުރުމާ ދިމާކޮށް ބަޣުދާދުގެ މަގުތައް މައްޗަށް މީހުން ޝުއޫރުފާޅުކުރަނީ
އަލްޖަޒީރާ
ސުލައިމާނީ އަވަހާރަކޮށްލިތާ ދެ އަހަރު
ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލިތާ ދެ އަހަރު ފުރުމާއި ދިމާކޮށް އެތައް ހާސް ބަޔަކު ބަޣުދާދުގެ މަގުމައްޗަށް
2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ސުލައިމާނީ އަވަހާރަކޮށްލާފައިވަނީ ބަޣުދާދުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުން ނިކުންނަވަނިކޮށް
ސުލައިމާނީ އަވަހާރަކޮށްލާފައި ވަނީ އޭރު އެމެރިކާގައި ހުންނެވި ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަކަށް

އެމެރިކާއިން ދިން ހަމަލާއެއްގައި އީރާންގެ އެންމެ ވަރުގަދަ ލަޝްކަރު ގުދުސް ފޯސްގެ ވެރިޔާ އަދި އެ ގައުމުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ގާސިމް ސުލައިމާނީ އަވަހާރަކޮށްލިތާ ދެ އަހަރު ފުރުމާ ދިމާކޮށް އެތައް ހާސްބަޔަކު އިރާގުގެ ވެރިރަށް ބަޣުދާދުގެ މަގުތަކަށް ނިކުމެ އަޑުއުފުލައިފިއެވެ.

ބަޣްދާދު ސްކޮޔަރ އަށް ޖަމާވި އެތައް ހާސް ބަޔަކު ވަނީ އެމެރިކާ އާ ދެކޮޅަށް އަޑުއުފުލާފައެވެ. 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ސުލައިމާނީ އަވަހާރަކޮށްލާފައިވަނީ ބަޣުދާދުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުން ކާރުކޮޅެއްގައި ނިކުންނަވަނިކޮށް ދިން ހަމަލާތަކެއްގައެވެ. މިއެއްވުމުގައި ބައިވެރިވި މީހުން ހިފައިގެން ތިބި ބޯޑުތަކުގައި އެމެރިކާއިން ހިންގަމުން އަންނަ ޓެރަރިޒަމް ހުއްޓުމަކަށް ގެންނަންޖެހޭ ކަމަށާއި ޝަހީދުންގެ ބިމުގައި އެމެރިކާއަށް މިއަދަށްފަހު ނުތިބެވޭނެކަމަށް ފަދަ ލިޔުންތައް ވަނީ ލިޔެފައެވެ.

މިއެއްވުމުގައި ބައިވެރިވި މީހުން ވަނީ އިރާގުގައި ތިބި އެމެރިކާ އާއި އެހެނިހެން ގައުމުތަކުގެ ފައުޖުތައް އިރާގުން ފޭބުމަށް ގޮވާލާފައެވެ. އެގޮތުން މިހާރު އިރާގުގައި އޮތް ސަރުކާރުން އެމެރިކާ އާ އެއްބައިވެ އެމެރިކާގެ ފައުޖުތައް އިރާގުގައި ބައިތިއްބާކަމަށް އެއްވި މީހުން ވަނީ ތުހުމަތުކޮށްފައެވެ. އަދި ސުލައިމާނީ އަވަހާރަކޮށްލި ހާދިސާ އާ ގުޅިގެން މިހާތަނަށްވެސް ދެފުށް ފެންނަ ތަހުގީގެއް ހިނގާފައިނުވުމަކީވެސް ކަންބޮޑުވުމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

ސުލައިމާނީ އަވަހާރަކޮށްލާފައި ވަނީ އޭރު އެމެރިކާގައި ހުންނެވި ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަކަށެވެ. އެއާއެކު އިރާނާއި އެމެރިކާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ ހަނގުރާމައެއް ފެށުމާ ހަމައަށްވެސް ކަންތައްތައްދިޔައެވެ.

އިރާގުގެ ބިމުގައި އެމެރިކާއިން ދިން ހަމަލާގައި ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އިރާގުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އިރާގުގައި ތިބި އެހެން ގައުމުތަކުގެ ފައުޖުތައް އެމެރިކާވެސް ހިމެނޭ ގޮތަށް އިރާގުން ފޭބުމަށް ފާސްކޮށްފައެވެ.

ސުލައިމާނީ އަވަހާރަކޮށްލިތާ ފަސް ދުވަސްފަހުން އިރާނުން ވަނީ އިރާގުގައި ހުރި އެމެރިކާގެ އަސްކަރިއްޔާގެ ތަންތަނަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއްވެސް ފޮނުވާލާފައެވެ. އޭގެފަހުންވެސް އިރާގުގައި ހުރި އެމެރިކާ އާއި ޔޫރަޕްގެ އަސްކަރީ ތަންތަނަށް އަމާޒުކޮށް މިސައިލް ހަމަލާތައް ފޮނުވާލާފައިވެއެވެ.

- ކޮމެންޓް