ކ. މާލެ
|
30 މެއި 2017 | އަންގާރަ 21:00
ރޯމާގެ ކޯޗުކަން ދޫކޮށްލި ސްޕަލެއިޓީ
ރޯމާގެ ކޯޗުކަން ދޫކޮށްލި ސްޕަލެއިޓީ
ޓްވިޓަރ
ރޯމާގެ ކޯޗު
ސްޕަލެއިޓީ ރޯމާގެ ކޯޗުކަން ދޫކޮށްލިކަން އެ ކްލަބުން ކަށަވަރުކޮށްދީފި
ސްޕަލެއިޓީގެ އިރުޝާދުގެ ދަށުން ރޯމާ ވަނީ ލީގުގެ ދެވަނަ ހޯދާފައި
ސްޕަލެއިޓީ ދެން ބަދަލުވާނީ އިންޓަމިލާނަށް ކަމަށް ރިޕޯޓްތައް ބުނޭ

ލޫސިއާނޯ ސްޕަލެއިޓީ ރޯމާގެ ކޯޗުކަން ދޫކޮށްލިކަން އެ ކްލަބުން ކަށަވަރުކޮށްދީފި އެވެ.

 

މި ސީޒަނުގައި ސްޕަލެއިޓީގެ އިރުޝާދުގެ ދަށުން އިޓަލީ ލީގުގެ ދެވަނަ ރޯމާ ހޯދާފައިވާއިރު، އެޓީމަށް ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ އޮޓޮމެޓިކް ޖާގައެއްވެސް ލިބިފައެވެ.

 

ރޯމާގެ ރައީސް ޖިމް ޕެލޯޓާ ވިދާޅުވީ، ސްޕަލެއިޓީ އާއި ރޯމާ ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށާއި، އޭނާ ރޯމާގެ ކޯޗެއްގެ ގޮތުގައި ވަރަށް އަގުހުރި މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށެވެ. އެގޮތުން އެ މަސައްކަތަށް ޝުކުރުވެރިވާ ކަމަށާއި، އޭނާގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ރޯމާއިން ލީގުގައި ގިނަ ޕޮއިންޓްތަކެއް ހޯދާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ.

 

މީގެއިތުރުން ޕެލޯޓާ ވިދާޅުވީ، ރޯމާގައި ސްޕަލެއިޓީ ހޭދަކުރި ދުވަސްތަކަށް ބަލާފައި އިންޓަމިލާނަށް އޭނާ ބަދަލުވެއްޖެ ނަމަ ތަފާތުވާނެ ކަމަށާއި، ސްޕަލެއިޓީ އަކީ އިންޓައަށް ރަނގަޅު ކޯޗެއް ކަމަށެވެ.

 

އިންޓަ މިލާނުން އަންނަނީ ކޯޗެއް ހޯދުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ރިޕޯޓްތައް ބުނާގޮތުން އެޓީމުގެ ކޯޗުކަމާ ކުރިޔަށް އޮތް ހަފްތާތެރޭގައި ސްޕަލެއިޓީ ހަވާލުވާނެ އެވެ.

 

އިންޓަގެ ކޯޗުކަމާ ހަވާލުވާނެ ކަމަށް ބެލެވުނީ އެޓްލެޓިކޯގެ ކޮޗު ޑިއެގޯ ސިމިއޯނީ އެވެ. އެހެންނަމަވެސް އެޓްލެޓިކޯގެ ކޯޗުކަން ދޫކޮށްނުލާނެކަން ސިމިއޯނީ ވަނީ އިއުލާންކޮށްފައެވެ.

 

އުމުރުން 58 އަހަރުގެ ސްޕަލެއިޓީ ވަނީ މީގެކުރިން ޒެނިތް ޕީޓާސްބާގް، އުދިނޭޒީ، ސަމްޕްޑޯރިއާ އަދި އެމްޕޯލީއަށްވެސް ކޯޗުކަންކޮށްދީފައެވެ. ޒެނިތް އަށް ދެފަހަރެއްގެ މަތިން ރަޝިއަން ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ސްޕަލެއިޓީ ވަނީ ރޯމާ އަށް ދެފަހަރެއްގެ މަތިން އިޓާލިއަން ކަޕް ކާމިޔާބުކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް