ކ. މާލެ
|
30 މެއި 2017 | އަންގާރަ 00:55
ރާއްޖޭ ގައުމީ ޓީމު
ރާއްޖޭ ގައުމީ ޓީމު
ރާއްޖެއެމްވީ
ރާއްޖޭ ގައުމީޓީމު
ބޫޓާން މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމުގެ ފަރިތަކުރުން މިރޭ ފަށަނީ!
މިރޭގެ ފަރިތަކުރުމުގައި މާޒިޔާއަށް ކުޅޭ ގައުމީ ޓީމުގެ ކުޅުންތެރިން ނުހިމެނޭނެ
ގައުމީ ސްކޮޑު އެކުލަވާލިއިރު، އަލަށް އަހުމަދު ރަޝީދު އަދި އަކްރަމް ވަނީ ނަގާފައި

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުގެ ފަރިތަކުރުން ހޯމަ ދުވަހުގެ ރޭ ފަށަން ނިންމައިފި އެވެ.

 

ގައުމީ ޓީމުގެ އާ ސްކޮޑާއެކު ފަރިތަކުރުންތައް ހޯމަ ދުވަހުގެ ރޭ ފަށާއިރު، ސްކޮޑުގައި ހިމެނުނު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ 8 ކުޅުންތެރިން ނުހިމެނޭނެއެވެ. އެ ކުޅުންތެރިން ވަނީ އޭއެފްސީ ކަޕްގައި ކުޅުމަށް މާޒިޔާއާއެކު ބެންގަލޫރަށް ދަތުރުކޮށްފައެވެ.

 

މިފަހަރު އެފްއޭއެމް އިން ނެގި ސްކޮޑުގައި މާޒިޔާގެ 8 ކުޅުންތެރިންގެ އިތުރުން ދެން ހިމެނެނީ ، ޓީސީގެ ތިން ކުޅުންތެރިން، ވެލެންސިއާގެ ދެ ކުޅުންތެރިން، އީގަލްސްގެ ހަތަރު ކުޅުންތެރިން، ވިކްޓްރީގެ ދެ ކުޅުންތެރިން، ނިއުގެ ހަ ކުޅުންތެރިން އަދި ގްރީން ސްޓްރީޓުގެ ދެ ކުޅުންތެރިންނެވެ.

 

އެންމެ ފަހުން އޭޝިއަންކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަށް ނެގި ސްކޮޑުގައި ހިމެނުނު ޓީސީގެ އިބްރާހިމް މަހުދީ (އިއްބެ) އަދި ގްރީން ސްޓްރީޓުގެ މުހައްމަދު ނިޒާމް (ނިޒާމްބެ) ނުނަގައެވެ. މިފަހަރު ސްކޮޑު ޖާގަ ލިބޭނެކަމަށް ގިނަ ބަޔަކު އެންމެ އުންމީދުކުރި މުހައްމަދު އާރިފް (ބަކާ) ހިމަނާފައެއް ނުވެއެވެ.

 

ސްކޮޑުގައި ރާއްޖޭ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވެސް ނުހިމަނައެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާގޮތުގައި އަޝްފާގު ވަނީ އޭނާއަށް ލިބިފައިވާ އަނިޔާއިން ސަލާމަތްވުމުގެ ގޮތުން ސާޖަރީއެއް ހަދާފައެވެ. އެގޮތުން އޭނާ އަށް ދެން ކުޅުމުގެ ތެރެއަށް އާދެވޭނީ މަހެއްހާ ދުވަސް ފަހުންނެވެ.

 

މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަކޫ އާއި އައްމަޑޭ ގައުމީ ސްކޮޑަށް ނެގިއިރު، މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) އަށްވެސް ވަނީ ގައުމީ ޓީމުން ޖާގަ ލިބިފައެވެ.

 

ގައުމީ ޓީމު އަންނަ މަހުގެ 13 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށް ނިކުތުމުގެ ކުރިން އަންނަ މަހުގެ ހަ ވަނަ ދުވަހު ދުބާއީގައި ރަހްމަތްތެރިކަމުގެ މެޗެއްގައި އަފްއާނިސްތާނާ ދެކޮޅަށް ރާއްޖެ ނިކުންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް