ކ. މާލެ
|
30 މެއި 2017 | އަންގާރަ 00:39
ޓޮރީނޯއަށް ކުޅުނު ޖޯ ހާޓް
ޓޮރީނޯއަށް ކުޅުނު ޖޯ ހާޓް
ޓްވިޓަރ
ޖޯ ހާޓް
އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި
ޓޮރީނޯއިން އަދާކުރި މެހެމާންދާރީ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ
ހާޓް ވަނީ މި ސީޒަނުގައި ޓޮރީނޯއަށް 36 މެޗު ކުޅެދީފައި

އުމުރު ދުވަހު އިޓަލީގެ ޓޮރީނޯއަށް ސަޕޯޓުކުރާނެކަމަށް ބުނެ މެންޗެސްޓާ ސިޓީން ލޯން އެއްބަސްވުމެއްގެ ދަށުން ޓޮރީނޯއަށް ބަދަލުވި ޖޯ ހާޓް ބުނެފި އެވެ.

 

ލޯން އެއްބަސްވުމުގެ މުއްދަތު ހަމަވެ އެނބުރި ސިޓީގެ ސްކޮޑާ ގުޅެން ތައްޔާރަށްހުރި ހާޓް އެ ކްލަބާ އަލްވަދާއުކިޔުމަށްފަހު ނެރުނު ކުޑަ ބަޔާނެއްގައި ބުނީ ކްލަބުން އޭނާއަށް ދިން މެހެމާންދާރީއަކީ ދުވަހަކުވެސް ހަނދާނުން ފޮހެލެވިގެންނުދާނެފަދަ ކަމެއް ކަމަށެވެ. އެގޮތުން ހާޓް ބުނީ އުމުރު ދުވަހުވެސް ޓޮރީނޯއަށް ސަޕޯޓުކުރަމުންދާނެ ކަމަށާއި، ޓޮރީނޯގައި ހޭދަކުރި ދުވަސްތަކަކީ ކެރިޔަރުގައި ރަނގަޅު ތަޖުރިބާތަކެއް ކުރަން ޖެހުނު ދުވަސްތަކެއް ކަމަށެވެ.

 

މީގެއިތުރުން ހާޓް ބުނީ އޭނާގެ އުންމީދަކީ ކޮންމެވެސް ދުވަހަކުން އަނެއްކާވެސް އެނބުރި ޓޮރީނޯއަށް ބަދަލުވުން ކަމަށާއި، ކްލަބަށް ކުރިޔަށް އޮތް ދުވަސްތަކަކީ ކާމިޔާބު ދުވަސްތަކެއް ކަމަށް އުންމީދު ކުރާ ކަމަށެވެ.

 

މެންޗެސްޓާ ސިޓީން ވިދާލި ހާޓް ޓޮރީނޯއަށް މި ސީޒަނުގައި  ބަދަލުވެ، 36 މެޗު ވަނީ ކުޅެފައެވެ. އެގޮތުން އޭނާ ވަނީ މެޗުތަކުގައި މޮޅެތި ސޭވްތަކެއް ކޮށް، އިޓަލީ ސަޕޯޓަރުންގެ އިހުތިރާމު ހޯދާފައެވެ.

 

މެންޗެސްޓާ ސިޓީއާއެކު ދެ ޕްރިމިއާ ލީގު، އެފްއޭކަޕް އަދި ދެ ފުޓްބޯލް ލީގް ކަޕް ހޯދާފައިވާ ހާޓް ވަނީ ޕްރިމިއާ ލީގުގެ ގޯލްޑެން ގްލޯވް ޖެހި ޖެހިގެން ހަތަރު ފަހަރު ހޯދާފައެވެ. މީގެއިތުރުން އޭނާ ވަނީ އިންގްލޭންޑް ގައުމީ ޓީމަށް 70 މެޗު ވެސް ކުޅެދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް