ކ. މާލެ
|
27 މެއި 2017 | ހޮނިހިރު 00:51
ވިކްޓްރީގެ ކޯޗު އަލީ ސުޒެއިން
ވިކްޓްރީގެ ކޯޗު އަލީ ސުޒެއިން
ރާއްޖެއެމްވީ
މާލޭ ލީގު
ލިބޭ ފުރުސަތުގެ ބޭނުން ވިކްޓްރީން ހިފަންޖެހޭ، މިއީ ވިސްނަންޖެހޭ ކަމެއް: ސުޒެއިން
ވިކްޓްރީ ވަނީ ލީގުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށްފައި
ދަނޑު އޮތް ހާލަތަކީ ވިކްޓްރީއަށް ކުޅެން އެއްވެސް ހާލެއްގައި ފަސޭހައެއް ނޫން

ލިބޭ ފުރުސަތުތަކުގެ ބޭނުން ވިކްޓްރީ ސްޕޯޓްސް ކްލަބުން ހިފަންޖެހޭ ކަމަށާއި، މިއީ ކުރިޔަށް އޮތްތަނުގައި ވިކްޓްރީން ވިސްނަންޖެހިފައި އޮތް ކަމެއްކަމަށް އެޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފި އެވެ.

މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ސުޒެއިން ބުނީ ވިކްޓްރީއަށް މެޗަށް ރަނގަޅަށް ތައްޔާރުވެވިފައެއްވެސް ނުވާ ކަމަށާއި، ވިއްސާރައިގެ ސަބަބުން މެޗަށް ނިކުތީ ބުރާސްފަތި ދުވަހު ފަރިތަކުރުންތަކެއް ކުރިޔަށް ނުގެންގޮސްކަމަށެވެ.

މެޗާ ބެހޭ ގޮތުން ސުޒެއިން ބުނީ ފުރަތަމަ ހާފްގައިވެސް ވިކްޓްރީއަށް ލަނޑު ޖަހަން ވަރަށް ބައިވަރު ފުރުސަތު ލިބިފައިވާ ކަމަށާއި، އެ ލިބޭ ފުރުސަތުގެ ބޭނުން ރަނގަޅަށް ނުހިފުމުގެ ނަތީޖާ ޔޫވީއާ ދެކޮޅަށް ކުޅުނުއިރު ފެނިފައިވާކަމަށެވެ.

އެގޮތުން އޭނާ ބުނީ މީގެއިން ފިލާވަޅެއް ދަސްކޮށް ކުރިޔަށް އޮތް މެޗުތަކުގައި ކަންތައްތައް ރަނގަޅުކުރަން ޖެހޭ ކަމަށާއި، މެޗުގެ ނަތީޖާ ހަމަހަމަވި ފަހުންވެސް ލީޑު އަނބުރާ ހޯދުމަށް ހުސް ގިނަ ފުރުސަތު ލިބިފައިވާ ކަމަށެވެ.

މީގެއިތުރުން ސުޒެއިން ބުނީ ދަނޑުގެ ކޮންޑިޝަން އޮތީ ވިކްޓްރީއަށް ޕޮއިންޓްތަކެއް ގެއްލޭ ގޮތަށް ކަމަށާއި، ދަނޑު އޮތް ހާލަތަކީ ވިކްޓްރީއަށް ކުޅެން އެއްވެސް ހާލެއްގައި ފަސޭހަ ނުވާނެ ކަމަށެވެ.

ވިކްޓްރީ ވަނީ އެޓީމު ލީގުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތަރު މެޗުން ކާމިޔާބުކޮށްފައެވެ. ބާކީ ދެ މެޗުން އެޓީމު އެއްވަރުވިއިރު، އަނެއް ތިން މެޗުން އެޓީމު ވަނީ ބަލިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް