ކ. މާލެ
|
26 މެއި 2017 | ހުކުރު 23:42
ވިކްޓްރީ އަދި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން
ވިކްޓްރީ އަދި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެއެމްވީ
މާލޭ ލީގު
މާލޭ ލީގު: ކެރިޗްގެ ދެ ލަނޑުން ޔޫވީ ބަލިކޮށް ވިކްޓްރީ ފަސްވަނައަށް
މި ނަތީޖާއާއެކު ވިކްޓްރީ ވަނީ 14 ޕޮއިންޓް ހަމަކޮށް ފަސްވަނައަށް ޖެހިލާފައި
ޔޫވީ އޮތީ ތިން ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތްވަނައިގައި
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބިދޭސީ ވިކްޓްރީގެ މުސްތަފާ

މާލޭ ލީގުގައި ކެރިޗް އެންޑްރެޖް ކާމިޔާބުކުރި ދެ ލަނޑާއެކު ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް ވިކްޓްރީ ސްޕޯޓްސް ކްލަބް ޕޮއިންޓް ތާވަލުގެ ފަސްވަނަ އަށް ޖެހިލައިފި އެވެ.

ހުކުރު ދުވަހު ކުޅުނު މި މެޗު ޔޫވީއާ ވާދަކޮށް ވިކްޓްރީން މެޗު ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ވިކްޓްރީން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެޓީމުން ވަނީ ފުރަތަމަ ހާފްގައި ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތު ހޯދާފައެވެ.

ވިކްޓްރީން މެޗުގެ ލީޑު ނެގީ 14 ވަނަ މިނެޓުގައި ކެރިޗް ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ މުސްތަފާ ނަގައިދިން ހުރަހަކުންނެވެ. އޭގެ ފަސް މިނެޓު ފަހުން މުސްތަފާ ނަގައިދިން އިތުރު ހުރަހަކުން ހަސަން އަދުހަމް ވަނީ ވިކްޓްރީއަށް ލީޑު ފުޅާކޮށްދީފައެވެ.

މި ލަނޑުތަކަށްފަހުވެސް ވިކްޓްރީއަށް ވަނީ ފުލުފުލުގައި ލީޑު ފުޅާކުރުމަށް ގިނަ ފުރުސަތުތައް ލިބިފައެވެ. އެހެންނަމަވެސް އަދުހަމް، ކެރިޗް އަދި މުސްތަފާ އަށް ލިބުނު މި ފުރުސަތުތަކުގެ ބޭނުން އެ ކުޅުންތެރިންނަށް ހިފިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ޔޫވީގެ މައްޗަށް ވިކްޓްރީ ކުރީގައި އޮވެގެންނެވެ.

އެހެންނަމަވެސް ދެވަނަ ހާފް ފެށިގެން ޔޫވީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން އަބްދުލް ވާހިދު އިބްރާހިމް (ވާޑު) ގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުން ފާހަގަކޮށްލެވެއެވެ.

ޔޫވީ އިން ނަތީޖާގެ ފަރަގު ކުޑަކުރީ 71 ވަނަ މިނެޓުގައި ވާޑު ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާއިންނެވެ. އޭގެ ފަސް މިނެޓު ފަހުން އިބްރާހިމް ސަފްރާޒް ވަނީ ޔޫވީއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީ ވިކްޓްރީ ހާސްކޮށްލާފައެވެ.

އެހެންނަމަވެސް މި ލަނޑަށްފަހު ވިކްޓްރީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ޔޫވީގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން ލަނޑު ޖަހަން ހުސް ގިނަ ފުރުސަތު އެޓީމުން ވަނީ ތަނަވަސްކޮށްފައެވެ.

ވިކްޓްރީ މެޗުގެ ލީޑު އަނބުރާ ހޯދީ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް ކެރިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ބޮލުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުސްތަފާއެވެ. އޭނާ ވަނީ މެޗުގައި ދެ ލަނޑު ޖެހުމަށް އެހީތެރިވެދިނުމުގެ އިތުރުން މޮޅު ކުޅުމެއް ދައްކާފައެވެ.

މި ނަތީޖާއާއެކު ވިކްޓްރީ ވަނީ ކުޅުނު ނުވަ މެޗުން ހޯދި 14 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައަށް ޖެހިލާފައެވެ. ހަތަރުވަނައިގައި އޮތް ގްރީން ސްޓްރީޓާ އެއް އަދަދަކަށް ވިކްޓްރީ ޕޮއިންޓް ހޯދި ނަމަވެސް އެޓީމަށް ހަތަރުވަނަ ނުލިބުނީ ލަނޑުގެ ތަފާތުންނެވެ. މެޗުން ބަލިވި ޔޫވީ އޮތީ ނުވަ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތްވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް