ކ. މާލެ
|
25 މެއި 2017 | ބުރާސްފަތި 12:44
ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލަނީ
ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލަނީ
ޓްވިޓަރ
ޔޫރޮޕާ ލީގު
އަޔަކްސް ބަލިކޮށް ޔޫރޮޕާ ލީގުގެ ތަށި އުފުލާލާ ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް
ޔުނައިޓެޑް ވަނީ ޔޫރަޕްގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި ފަސްވަނަ ޓީމަށްވެފައި
އަޔަކްސްއާ ވާދަކޮށް ޔުނައިޓެޑުން ފައިނަލް މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުން

ނެދަލޭންޑްސް ލީގުގެ އޭއެފްސީ އަޔަކްސް ބަލިކުރުމަށްފަހު ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑް ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު އަޔަކްސްއާ ވާދަކޮށް ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

ސްވިޑެންގެ ފްރެންޑްސް އެރީނާގައި ކުޅުނު މި ފައިނަލް މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އަޔަކްސް އިންނެވެ. އެގޮތުން އެޓީމުން ވަނީ ޔުނައިޓެޑްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފެއްދުމަށް މަސައްކަތްކޮށްފައެވެ.

އެހެންނަމަވެސް މާގިނައިރުތަކެއް ނުވަނީސް ޔުނައިޓެޑުން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާ އަޔަކްސްގެ ގޯލަށް ނުރައްކާކުރަން ފަށާފައެވެ. މެޗުގައި ފުރަތަމަ ގޯލާ އަމާޒުކޮށް ހަމަލާއެއް އުފެއްދީ އަޔަކްސްގެ އަމިން ޔޯންސްއެވެ. އޭނާ ފޮނުވާލި ބާރު ބޯޅަ ޔުނައިޓެޑްގެ ކީޕަރު ސާޖިއޯ ރޮމޭރިއޯ ވަނީ ދިފާއުކޮށްފައެވެ.

ޔުނައިޓެޑުން މެޗުގެ ލީޑު ނެގީ 18 ވަނަ މިނެޓުގައި މި ލަނޑު ފެލާނީގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ޕައުލް ޕޮގްބާ އެވެ. އަޔަކްސް ޕެނަލްޓީ އޭރިޔާ ބޭރުން ޕޮގްބާ ފޮނުވާލި މި ބޯޅަ ގޯލުތެރެއަށް ވަނީ އަޔަކްސް ޓީމު ކުޅުންތެރިޔެއްގެ ފައިގައި ޖެހި މިސްރާބު އޮޅިގެންނެވެ.

މި ލަނޑަށްފަހުވެސް ޔުނައިޓެޑަށް ވަނީ ލީޑު ފުޅާކުރުމަށް ފުލުފުލުގައި ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ އަޔަކްސްގެ މައްޗަށް 0-1 ގެ ނަތީޖާއިން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް ޔުނައިޓެޑުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހެންރިކް މިހްތަރިޔާންއެވެ. ޔުނައިޓެޑަށް ލިބުނު ކޯނަރަކުން ކްރިސް ސްމޯލިން ބޮލުން ޖަހާ ގޯލާ ދިމާލަށް ފޮނުވާލުމުން މިހްތަރިޔާން މި ލަނޑު ކާމިޔާބުކުރީ ވޮލީއަކުންނެވެ.

މި ލަނޑަށްފަހު ޔުނައިޓެޑްގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ކުރިޔަށް ޖެހި އަޔަކްސް ޓީމުން ވަނީ ފުލުފުލުގައި ޔުނައިޓެޑް ކޮޅަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެހެންނަނަމަވެސް ޔުނައިޓެޑްގެ މޮޅު ޑިފެންސާއެކު އަޔަކްސް ޓީމުގެ އެއްވެސް ހަމަލާއެއް ގޯލަކަށް ބަދަލުކޮށްލެވޭ ގޮތް ވަނީ ނުވެފައެވެ.

ޔޫރޮޕާ ލީގު ކާމިޔާބުކުރުމާއެކު މިފަހަރު ޕްރިމިއާ ލީގުގެ ހަވަނަ ލިބުނު ޔުނައިޓެޑަށް ވަނީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބިފައެވެ. ޕްރިމިއާ ލީގުގެ ގަދަ ތިން ޓީމަށް ސީދާ ޗެމްޕިއަންސް ލީގުން ޖާގަ ލިބޭއިރު، ހަތަރުވަނަ ޓީމު ޖެހޭނީ ޗެމްޕިއަންސް ލީގު ކޮލިފައިންގައި ވާދަކުރާށެވެ. ފަސްވަނަ އަދި ހަވަނަ ޓީމު ވާދަކުރަންޖެހޭނީ ޔޫރޮޕާ ލިގުގައެވެ. އަދި ހަތްވަނަ ޓީމު ޖެހޭނީ ކޮލިފައިންގައި ވާދަކުރާށެވެ.

ޔުނައިޓެޑްގެ މި ކާމިޔާބީއާއެކު އެޓީމަކީ ޗެމްޕިއަންސް ލީގު، ޔޫރޮޕާ ލީގު، ޔުއެފާ ސުޕާ ކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކުރި ފަސްވަނަ ޓީމެވެ. ޔޫރޮޕާ ލީގަކީ ޔުނައިޓެޑްގެ ތާރީހުގައި ކާމިޔާބުނުކުރެވި އޮތް ހަމައެކަނި ޔޫރަޕްގެ މުބާރާތެވެ.  

ޔޫރޮޕާ ލީގުގެ ފައިނަލުން ބަލިވި އަޔަކްސް އަށް ނެދަލޭންޑްސް ލީގުގެ ދެވަނަ ލިބިފައިވާއިރު، އެޓީމު ޖެހޭނީ ޗެމްޕިއަންސް ލީގުގެ ކޮލިފައިންގައި ވާދަކުރާށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
25 މެއި 2017 | ބުރާސްފަތި 14:08
Kalo
Playoff kashavaruvaany chenpions league thattehnoon europaleage thashi ufuly ragalhah liyebala midhen siyaasy kamehvas nooney nun dhogu liyaakah