Advertisement
އއ. ރަސްދޫ
|
20 އޮކްޓޯބަރ 2021 | ބުދަ 23:10
ރައީސުލްޖުމްހޫރިއްޔާ ރަސްދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ރަސްދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރަސްދޫ ކައުންސިލާއި ބައްދަލުކުރެއްވުން
ރައީސްގެ އއ. އަތޮޅު ދަތުރުފުޅު: ރައްޔިތުންގެ ޝުއޫރާއި ކަންބޮޑުވުންތައް ގާތުން އަޑުއައްސަވަން ރަސްދޫއަށް ވަޑައިގެންނެވީތީ ކައުންސިލްގެ ޝުކުރު ރައީސަށް
ކައުންސިލުން ވަނީ ރަށުގެ ބިން ފުރިފައިވުމުން ރައްޔިތުންނަށް ދިމާވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ ވާހަކަ ހިއްސާކޮށްފައި

ރައްޔިތުންގެ ޝުއޫރާއި ކަންބޮޑުވުންތައް ގާތުން އަޑުއައްސަވަން ރަސްދޫއަށް ވަޑައިގެންނެވީތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް އެރަށު ކައުންސިލްގެ ފަރާތުން ޝުކުރު ދަންނަވައިފިއެވެ.

ކައުންސިލްގެ ފަރާތުން ރައީސަށް ޝުކުރު ދަންނަވާފައިވަނީ އއ. ގެ 6 ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބުދަ ދުވަހުގެ ހަވީރު ރަސްދޫއަށް ވަޑައިގެން އެރަށު ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައެވެ.

ރަސްދޫ ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށަށް ބޭނުންވާ ކަންކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ވަނީ ރަށުގެ ބިން ފުރިފައިވުމުން ރައްޔިތުންނަށް ދިމާވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި، ސިއްހީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަމާއި، ރަސްދޫގައި ފަށާ މަޝްރޫއުތައް ނުނިމި ލަސްވާތީ ހުރި ކަންބޮޑުވުންތަކާއި، ރަށުގެ ޔުޓިލީޓީ ޚިދުމަތްތައް ލިބުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ކައުންސިލްގެ ފަރާތުން ވަނީ ރަށުގެ ބޭރު ތޮށި ހަލާކުވެފައިވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ކުޅިވަރު ފެސިލިޓީތައް މަދުވުމުން ހުރި ކަންބޮޑުވުންތައް އަދި މިނިސްޓްރީތަކާއި ކައުންސިލާ ދޭތެރޭ އޮންނަ އިދާރީ ގުޅުން ހީނަރުވުމުގެ ސަބަބުން ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އަލަށް މިފަދަ ކޮމިޓީއެއްގެ މަސައްކަތް ކުރިޔަށްދާއިރު ކަމާގުޅޭ ފަރާތްތަކުގެ ފަންނީ ލަފައާއި އިރުޝާދު ބޭނުންވާކަން ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނަވާފައެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ތަރައްގީއަށް ރާވާފައިވާ ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ. މިގޮތުން، އެމަނިކުފާނު ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ރަސްދޫ ރައްޔިތުންނަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ވަގުތީ ގޮތުން ވިޔަސް ލިބޭނެކަމަށާއި، ދިގު ރާސްތާއަށް ވިސްނައިގެން މިކަމަށް ދާއިމީ ހައްލެއް ހޯއްދެވުމަަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ވައުދުތަކާ އެއްގޮތަށް ފަށާފައިވާ ހުރިހާ މަޝްރޫއެއް ކުރިޔަށް އޮތް ދެ އަހަރު ތެރޭ ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ މެދުވެރިކޮށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ރަސްދޫގެ ގިރާ ސަރަހައްދަށް ވަޑައިގެން އެތަން ވެސް ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރަސްދޫއަށް ކުރައްވާ ދަތުރުފުޅަކީ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް