ކ. މާލެ
|
23 މެއި 2017 | އަންގާރަ 16:25
ސަންޑަލޭންޑްގެ ކޯޗުކަމުން އިސްތިއުފާދިން ޑޭވިޑް މޮއިސް
ސަންޑަލޭންޑްގެ ކޯޗުކަމުން އިސްތިއުފާދިން ޑޭވިޑް މޮއިސް
ގޫގުލް
ޑޭވިޑް މޮއިސް
ރެލިގޭޓްވި ސަންޑަލޭންޑްގެ ކޯޗުކަމުން މޮއިސް އިސްތިއުފާ ދީފި
ސަންޑަލޭންޑް ކުޅުނު 38 މެޗުގެ ތެރެއިން މޮޅުވީ އެންެމެ ހަ މެޗުން
މޮއިސް ފެންނާނީ ޗެމްޕިއަންޝިޕްގެ ކްލަބަކުން ކަމަށް ލަފާކުރެވޭ

ރެލިގޭޝަން އިން ސަލާމަތްވުމުގެ ފުރުސަތު ގެއްލުނު ސަންޑަލޭންޑްގެ ކޯޗުކަމުން ޑޭވިޑް މޮއިސް އިސްތިއުފާ ދީފި އެވެ.

 

މޮއިސް އިސްތިއުފާ ދިންކަން ސަންޑަލޭންޑް އިން ކަށަވަރުކޮށްދީފައިވާއިރު، ރިޕޯޓްތައް ބުނާގޮތުން ޕްރިމިއާ ލީގުގައި ސަންޑަލޭންޑް ވާދަކުރި ފަހު މެޗުގައި ލީގް ޗެމްޕިއަން ޗެލްސީ އަތުން 1-5 ގެ ނަތީޖާއިން ބަލިވުމުގެ ކުރިން މޮއިސް ވަނީ ސަންޑަލޭންޑްގެ މެނޭޖްމަންޓާ ބައްދަލުކޮށް އިސްތިއުފާ ހުށަހަޅާފައެވެ.

 

ކޯޗުކަމުން އިސްތިއުފާ ދިނުމަށްފަހު މޮއިސް ނެރުނު ކުޑަ ބަޔާނެއްގައި ބުނީ ސަންޑަލޭންޑްގެ ކޯޗުކަން ކުރުމުގެ ފުރުސަތު ދިނުމުން ބޯޑަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށާއި، ސަޕޯޓަރުން އަދި ކުޅުންތެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބިގެންގޮސްފައިވާ ކަމަށެވެ.

 

ޕްރިމިއާ ލީގުގައި މިފަހަރު ސަންޑަލޭންޑް ޖުމްލަ 38 މެޗު ކުޅެފައިވާއިރު، އެޓީމު މޮޅުވެފައިވަނީ ހަ މެޗުންނެވެ. ބާކީ 26 މެޗުން ބަލިވިއިރު، އަނެއް ހަ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެގޮތުން ސީޒަން ނިމުނުއިރު، އެޓީމު އޮތީ 24 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފުލުގައެވެ.

 

އުމުރުން 54 އަހަރުގެ މޮއިސް ޕްރިމިއާ ލިގުގެ ގިނަ ކްލަބްތަކަށް ކޯޗުކަންކޮށްދީފައިވާއިރު، އެއްވެސް ޓީމަކާއެކު އޭނާ އަށް ރަނގަޅު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. އެގޮތުން އޭނާ އަށް ޕްރިމިއާ ލީގުގެ ކްލަބްތަކުން ކޯޗުކަން ކުރިޔަށް އޮތްތާގައި ހުށަހަނާޅާނެކަމަށްވެސް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

 

މޮއިސްއާ ބެހޭގޮތުން ލީޑްސް ޔުނައިޓެޑްގެ ރައިޓް ބެކް ޑެނީ މިލްސް ބުނީ މޮއިސް އަށް ޕްރިމިއާ ލީގުން ހުށަހަޅުންތައް ކުރިޔަށް އޮތްތާގައި ލިބުން ދަތިވާނެ ކަމަށާއި، އެހެންނަމަވެސް އޭނާ އަށް ޗެމްޕިއަންޝިޕްގެ ކްލަބްތަކުން ގިނަ ހުށަހެޅުންތައް އަންނާނެކަމަށް ބެލެވޭ ކަމަށެވެ.

މީގެކުރިން މެންޗެސްޓާ ޔުނައިޓެޑަށްވެސް ކޯޗުކަންކޮށްދީފައިވާ މޮއިސް ވަނީ ސްޕެއިންގެ ރެއާލް ސޮސައިޑާޑްގެ ކޯޗުކަންވެސް އަދާކޮށްފައެވެ. ކުރިޔަށް އޮތް ސީޒަނުގައި އޭނާ ފެންނާނެ ކްލަބެއް އަދި ކަށަވަރެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް