ތަޅާފޮޅުމާއި ލޭއޮހޮރުވުން ދިވެހިރާއްޖޭގެ ހަފޮޅުންވެސް އެތެރެވެއްޖެއެވެ. ތަޅާފޮޅުމާއި ލޭއޮހޮރުވުމަށް ހިތްވަރު ދިނުމާއި ތަޅާފޮޅުމާއި ފަނާކުރުމުގެ ހުރިހައި ބާވަތެއްގެ އަމަލުތައްވެސް ދިވެހިރާއްޖެއަށް ވަނީ ތައާރަފުވެފައެވެ. މިކަންކަމަކީ ދިވެހީންނާ ބީރައްޓެހި ބޭރުދުނިޔޭގެ ކަންކަމޭ ބުނެގެން މިއަދު ފަރުޖައްސައިލެވޭކަށް ނެތެވެ. މިއަދު މިކަންކަމާ ކުރިމަތިލާން ޖެހިފައިވަނީ ދޭސީ މައްސަލައެއްގެ ގޮތުގައެވެ.
ފާއިތުވި ދުވަސްތަކުގައި ދިވެހިރާއްޖޭގައި ހިންގާފައިހުރި ނިރުބަވެރި އަމަލުތަކަށް ރިއާޔަތްކުރާއިރު މިއީ ފުޅާވަމުން ވަރުގަދަވަމުން އަންނަ ނުރައްކަލެއްކަންވެސް ކަށަވަރު އެބަކުރެވޭމެއެވެ. ކަންކަމުގެ ހައްލަކީ ތަޅާފޮޅުމާއި ލޭއޮހޮރުވުންކަމަށް ގަބޫލުކުރާ ބަޔަކު އަދި ގަބޫލުކުރަން ތައްޔާރަށް ތިބި ބަޔަކު މިރާއްޖޭގައިވެސް ދިރިއުޅެމުންދާކަމީ މިހާރު އިންކާރު ކުރެވެން ނެތް ހަގީގަތެކެވެ.
ތަނެއްގައި ސުލްހަ މަސަލަސްކަން ގެއްލި ހަމަޖެހުމާއި އުފާވެރިކަން ނެތިގެންދާން މެދުވެރިވާ މައިގަޑު އެއްސަބަބަކީ ކަންކަމުގެ ހައްލަކަށް ފަނާކުރަނިވި މަގު ޚިޔާރު ކުރުމެވެ. ގަދަބާރުން ކަންކަން ނިންމުމުގެ އުސޫލަށް ތަބާވުން ބޮޑުވުމެވެ. ލޭއޮހުރުވުމަށް ފަސްނުޖެހުމެވެ. ތަޅާފޮޅުމަށް ހިތްވަރު ލިބުމެވެ.
މުޅިދުނިޔެއަށް ވެސް މިއީ ބޮޑުވެފައިވާ ނުރައްކަލެކެވެ. ދުނިޔޭގެ ހަމަޖެހުން ބަނަކޮށް ދުނިޔޭގެ ކުރިއެރުންވެސް މަޑުޖައްސާ ވަބާއެކެވެ. ގައުމުތަކަށް އެޅިފައިވާ ނުރައްކަލުގެ އެންމެ ބޮޑު ހިޔަންޏެވެ. މިކަމުގެ ހައްލަކީ ކޮބައިބާވައެވެ؟ ހައްލު ވަރަށް ސާފެވެ. ހައްލަކީ ތަޅާފޮޅުމާއި ފަނާކުރުމުގެ އުސޫލުތައް ދޫކޮށްލުމެވެ. ކަންކަމުގެ ހައްލު އޮތީ މުލައްދަނޑީގެ ބާރާއި ގުޅިފައިކަމަށް ގަބޫލު ނުކުރުމެވެ. ހައްލަކީ ނޮން ވަޔަލެންސެވެ. ތަޅާފޮޅުން ނެތުމެވެ. ފަނާކުރުން ނެތުމެވެ. މުލައްދަނޑީގެ ބާރުގެ މައްޗަށް ވިސްނުމުގެ ބާރު އިސްކުރުމެވެ.
ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން މުޅިދުނިޔޭގައި ފާހަގަކުރާ ނޮން ވަޔަލެންސް ދުވަހެވެ. ތަޅާފޮޅުންތަކާއި ލޭއޮހޮރުވުމާއި ފަނާކުރުމުގެ އެންމެހައި ނޭއްގާނި އަމަލުތަކާ ދުރުހެލިވުމުގެ އަޒުމް އައުކުރާ ދުވަހެވެ. ކަންކަމާމެދު ފިކުރުކޮށް ސުލްހަވެރިކަމާއި ހިކުމަތްތެރިކަމުގެ މަގުތައް އިޚުތިޔާރު ކުރުމަށް ބާރު އެޅުމުގެ ދުވަހެވެ. ވީރާނާކަމާއި މާޔޫސްކަން ނައްތާލައި އުންމީދުގެ އައުފަތިހަކަށް މިސްރާބު ހިފުމުގެ ދުވަހެވެ.
މިދުވަސް މިއަހަރު ދެން އޮތީ މާދުރަކު ނޫނެވެ. އަންނަ ހަފުތާގެ ހޮނިހިރު ދުވަހަކީ މިދުވަހެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ފާހަގަ ކުރާ ނޮން ވަޔަލެންސް ދުވަހެވެ. އދ.ގެ އިސްނެގުމުގެ މަތިން 2007 ވަނަ އަހަރުން ފެށިގެން މިދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ. ރާއްޖެވެސް ހިމެނޭ ގޮތުންނެވެ.
ތަޅާފޮޅުމާއި ފަނާކުރުމުގެ އަމަލުތަކަށް ވަކި ދުވަހެއް ނޯވެއެވެ. އެއީ ހަމަ ކޮންމެ ދުވަހެއްގައިވެސް ހިނގަމުން އަންނަ ކަންކަމެވެ. އެކަމަކު މިފަދަ އަމަލުތަކަށް ނޫނެކޭ ބުނެ ހިކުމަތްތެރިކަން އިޚުތިޔާރު ކުރުމުގެ އަޒުމް އައުކުރުމަށް ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ ދެވަނަ ދުވަސް ޚާއްސައެވެ. އެދުވަސް ޚާއްސަވުމުގައި މުހިއްމު ސަބަބެއްވެސް އެބައޮތެވެ.
އެދުވަހަކީ އިންޑިޔާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާނދީގެ އުފަން ދުވަހެވެ. ނޮން ވަޔަލެންސަށް ވަކާލާތު ކުރައްވައި އެކަމަށް ބާރު އަޅުއްވައި މީސްތަކުން ހޭލުންތެރި ކުރުމަށް އެންމެ މަތިވެރި މަސައްކަތްތަކެއް ދުނިޔޭގެ ފަހުގެ ތާރީޚުގައި ހިންގެވި ބޭފުޅަކީ މަހާތުމާ ގާނދީއެވެ. ދުނިޔޭގެ ވަރުގަދަ ބާރެއްގެ އަޅުވެތިކަމުގެ ދަށުން އިންޑިޔާ މިންޖުވެ މިނިވަންވުމަށް މެދުވެރިވި ސަބަބަކީ މަހާތުމާ ގާނދީ ގެންގުޅުއްވި ފަލްސަފާއެވެ. އެއީ ހަނގުރާމަތަކެއް ކޮށްގެން ފަނާކޮށްގެން ގަދަބާރު ދައްކައިގެން ހާސިލްކުރެވުނު ކަމެއް ނޫނެވެ.
މުލައްދަނޑީގެ ބާރުގައި ހޯދެނީ ކަންކަމުގެ ހައްލެއް ނޫނެވެ. މާރާމާރީއާއި ތަޅާފޮޅުމުން އުފެދޭނީ އިތުރު މާރާމާރީތަކެވެ. ކަމަކަށްފަހު ކަމެކެވެ. ފެށޭނީ ދުވަހަކުވެސް ނިމުމެއް ނުވާ ނުރައްކާތެރި ސިލްސިލާއެކެވެ. އެހެންވީމާ ނޮން ވަޔަލެންސަށް ވަކާލާތު ކުރުމުގެ ދުވަހު މައިގަޑުގޮތެއްގައި އޮންނަނީ މުޖުތަމައު ހޭލުންތެރި ކުރުމުގެ ހަރަކާތްތަކެވެ.
އދ.ގެ ފަރާތުން މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީވެސް އުނގަންނައި ދިނުމާއި ހޭލުންތެރި ކުރުމުގެ ހަރަކާތްތަކެއްގެ ތެރެއިން މާރާމާރީ އާއި ތަޅާފޮޅުންތަކާ ދުރުހެލިވުމަށް ބާރު އެޅުމެވެ. ހިތްވަރު ދިނުމެވެ. އަތްއިސްކުރާ މީހާއަކީ އެންމެ ގަދަ މީހާ ނޫންކަމާއި އެންމެ ގަދަ މީހާއަކީ ނަފްސު ކޮންޓްރޯލްކޮށްގެން ބުއްދީގެ ބޭނުން ހިފާން ދަންނަ މީހާކަން ބުނެދިނުމެވެ. އަތްއިސްކުރާ މީހާޔަކީ ހަގީގަތުގައި އެންމެ ދެރަ މީހާކަން ބުނެދިނުމެވެ.
ދިވެހި ނޫސްތަކުން މިހާރު އެންމެ އާއްމުކޮށް ފެންނަ ސުރުޚީތަކަކީ ތަޅާފޮޅުމާއި މާރާމާރީގެ ވާހަކަތަކެވެ. ވަޅިޖެހުމާއި ލޭއޮހޮރުވުމުގެ ވާހަކަތަކެވެ. ގޭންގުތަކުގެ ސިލްސިލާ މާރާމާރީގެ ވާހަކަތަކެވެ. އެއީ ވަޔަލެންސެވެ. އެއީ ފަނާކުރުމުގެ ހަރަކާތްތަކެވެ. މަގުމަތިން ސައިކަލުގައިދާ މީހާގެ ގައިގައި އެހެން އުޅަނދަކުން ޖެހުނަސް އަތް އިސްކުރުން ގިނައެވެ. ޕާކިން އޭރިއާއެއްގައި ސައިކަލް ބަހައްޓާއިރު ނުވަތަ ނަގާއިރު ކުރެވޭ ކަމަކުންވެސް މާރާމާރީއަށް މަގުފަހި އެބަވެއެވެ. މިހެންގޮސް ހައްތާވެސް ތަޅާފޮޅުމާއި މާރާމާރީގެ ބިރުވެރިކަމެވެ.
ނޮން ވަޔަލެންސް ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ މިފަދަ ބިރުވެރިކަން މުޖުތަމައުން ފުހެލުމަށް ބާރު އެޅުމެވެ. މިފަދަ ކަންކަމުގެ ނަތީޖާއަކީ ކޮބައިކަން ބުނެދީ އަފްރާދުން ހޭލުންތެރި ކުރުމެވެ. ދުޅަހެޔޮ އަމާން އޮމާން މުޖުތައަކަށް މަގުކޮށައި އަލިކުރުމެވެ.