Advertisement
ކ. މާލެ
|
30 ސެޕްޓެންބަރ 2021 | ބުރާސްފަތި 10:35
ފްލޯޓިން ސިޓީ
ފްލޯޓިން ސިޓީ
އިކޯވޮޗް
މޯލްޑިވްސް ފްލޯޓިން ސިޓީ-ދުނިޔޭގެ ފުރަތަމަ ފްލޯޓް
ފްލޯޓިން ސިޓީގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެ
ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީގެ
ތިމާވެއްޓާއި ރައްޓެހިކޮށް ތަރައްޤީކުރުމަށް ފަރުމާ ކޮށްފައިވާ ސިޓީއެއް
މި ސިޓީ ތަރައްގީ ކުރަނީ މާލޭގެ އުތުރުން އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއްގައި

މާލެ އަތޮޅުގައި ތަރައްގީކުރާ ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަން ނިންމައިފިއެވެ.

"މޯލްޑިވްސް ފްލޯޓިން އައިލެންޑްސް" ގެ ނަމުން ނަންދީފައިވާ މި މަޝްރޫއުގެ ދަށުން މިހާރު ވަނީ މި ސިޓީ އަޅާ ސަރަހައްދުގެ ކަނޑު އަޑީގެ ވެއްޔާއި ފަރުތަކުގެ ހާލަތު ބެލުމަށް ބޯ ހޯލިންގެ މަސައްކަތް ފަށާފައެވެ. އަދި މި މަޝްރޫއުގެ އީއައޭ ތައްޔާރުކުރުމުގެ ކަންކަން ވެސް ކުރިޔަށްދާކަމަށް އެ މަޝްރޫއު ކުރިޔަށް ގެންދާ ކުންފުނިން ބުނެއެވެ.

މާލޭގެ އުތުރުން އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއްގައި ތަރައްގީކުރާ މި ފްލޯޓިން ސިޓީގައި، 5،000 ގޯއްޗާއި، ސްކޫލާއި، ހޮސްޕިޓަލާއި މޯލް ގެ އިތުރުން އޮފީސްތައް ވެސް ހެދިގެންދާނެއެވެ. އަދި މިސިޓީ ކައިރީގައި ފަސް ތަރީގެ ދެ ރިސޯޓާއި، ޔޮޓު މެރީނާއެއް ވެސް ހަދަންވަނީ ނިންމާފައެވެ.

މި  ސިޓީގެ މަޢުލޫމާތު ދެއްވަމުން މި މަޝްރޫއުގެ ރާއްޖޭގެ ކޮންސަލްޓެންޓް، މުހައްމަދު ރިޔާޒު ވިދާޅުވީ، މި މަޝްރޫއުގެ ދަށުން އަޅާ 5،000 ގޯއްޗަކީ މިޑުލް ރޭންޖުގެ ތަންތަން ކަމަށާއި، މި ތަންތަނުގެ އަގުތައް ވެސް ހުންނާނީ ހުޅުމާލޭގައި މިޑުލް ރޭންޖުގެ ހައުސިން ހުންނަ އަގުތަކަށް ވުރެ ބޮޑު ނުވާނެ އަގުތަކެއްގައި ކަމަށެވެ. އަދި މި ގޯތިތައް ހުންނާނީ 1،000 އަކަފޫޓާއި 1،500 އަކަފޫޓުގެ ބޮޑުމިނެއްގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފްލޯޓިން ސިޓީއަކީ ތިމާވެއްޓާ ރައްޓެހިކޮށް ތަރައްޤީކުރުމަށް ފަރުމާ ކޮށްފައިވާ ސިޓީއެކެވެ. އަދި އެ ސިޓީގައި އަޅާ ގެތަކަކީ ތިމާވެއްޓާ ރައްޓެހިކޮށް ހަދާ ގެތަކެއްކަމަށާއި އެއީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ވަޞީލަތްތައް ބޭނުންކޮށްގެން ހަދާ ގެތަކަކަށް ވާނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.

Advertisement

މި މަޝްރޫއު ނިމޭއިރު ގެތަކުގެ އެތެރެ ޑިޒައިން ކުރުމުގެ ފުރުޞަތު އާއްމުންނަށް ހުޅުވާލާނެއެވެ. އަދި ސޯޝަލް ހައުސިން ގަންނަން ލިބޭ އަގުތަކުގައި މިގެތައް ގަންނަން ލިބޭނެކަމަށާއި، ދިގު މުއްދަތަކަށް ލޯން ދައްކައިގެން ގެތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުޞަތު ލިބިގެންދާނެކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މާލެއިން 10 މިނެޓުން ދެވޭގޮތަށް ހަދާ މިސިޓީން މާލެއާ ދެމެދު ދަތުރުކުރުމަށް ރަނގަޅު ފެރީ ނިޒާމެއް ހަމަޖައްސާއިރު ފެރީގެ ގޮތުގައި ވެސް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އިލެކްޓްރޯނިކް އުޅަނދުތަކެކެވެ. އަދި ސިޓީގެ އެތެރޭގައި އިލެކްޓްރޯނިކް ބައެއް އުޅަނދުތައް ދުއްވުމުގެ އިންތިޒާމްތަކާއި މޫދު އުޅަނދުތައް ވެސް ހުންނާނެއެވެ.

މި މަޝްރޫއުގެ ދަށުން ޔޮޓް މެރީނާ އަދި ރިސޯޓު ވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން އެ ތަންތަނަށް އަންނަ ފަތުރުވެރިންނަށް ވެސް އެ ސިޓީގައި ހުރުމުގެ ފުރުޞަތު ހުޅުވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ރާއްޖޭގައި ފްލޯޓިން ސިޓީއެއް ތަރައްޤީކުރުމަށް އެންމެ ފުރަތަމަ އެއްބަސްވުމަކަށް އައިސްފައިވަނީ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އޭރު ޑަޗް ޑޮކްލޭންޑް ކުންފުންޏާ މަސައްކަތް ހަވާލުކުރުމަށްފަހު، ކުރިއަށް ނުގޮސް އޮވެ، މި އެއްބަސްވުމުގައި ދެވަނަ ފަހަރަށް ސޮއިކުރީ 2019 ވަނަ އަހަރު މެއި މަހުގެ ތެރޭގައެވެ. މި މަޝްރޫއު ހިންގުމަށް ދެވަނަ ފަހަރަށް ވެސް ހަވާލުކުރީ ޑަޗް ޑޮކްލޭންޑް ކުންފުންޏާއެވެ.

ބިލިޔަން ޑޮލަރުގެ ފްލޯޓިންގ ސިޓީ އަޅާއިއިރު މުޅިން ވެސް ބޭނުންކުރާނީ ތިމާވެއްޓާ ރަހުމަތްތެރި ގޮތްތަކެކެވެ. އަދި މިއީ ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫއެއެވެ. މިއީ ރާއްޖޭގެ ގެދޮރު އިމާރާތް ކުރުމުގެ ދާއިރާ ބަދަލު ކޮށްލުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާއިރު، މުޅި ސިޓީގެ މަސައްކަތް 7 އަހަރު ދުވަހުން ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް
30 ސެޕްޓެންބަރ 2021 | ބުރާސްފަތި 11:49
ކާއި
ތިޔަށްވުރެ މާރަގަޅުވާނެ ހިކިފަސްތަނުގައި ގެއަޅާފަ މީހުނަށް ދިނިއްޔާ. ކަންދެއްކުމަށް ރައްޔިތުންގެ ލާރި ބޭކާރުގޮތުގައި ޚަރަދު ކުރަނީ