ކ. މާލެ
|
23 މެއި 2017 | އަންގާރަ 00:00
ލީގުގެ ދެވަނަ ބުރުގައި މާޒިޔާ އާއި ވިކްޓްރީ ބައްދަލުކުރި މެޗުގެ ތެރެއިން
ލީގުގެ ދެވަނަ ބުރުގައި މާޒިޔާ އާއި ވިކްޓްރީ ބައްދަލުކުރި މެޗުގެ ތެރެއިން
ނިޝާން އަލީ
މާލެ ލީގު
މާޒިޔާއިން ލީގުގެ ފުރަތަމަ ބައްޔާއި ކުރިމަތިލާން ޖެހިއްޖެ
ވިކްޓްރީ އަތުން މާޒިޔާ ބަލިވީ 1-0 ގެ ނަތީޖާއަކުން
މިއީ މި ސީޒަނުގައި މާޒިޔާއަށް ކުރިމަތިލާން ޖެހުނު ދެވަނަ ބަލި

އެސްޓީއޯ މާލެ ލީގުގެ ދެވަނަ ބުރުގައި ވިކްޓްރީއަތުން ބަލިވެ މާޒިޔާއިން ލީގުގެ ފުރަތަމަ ބައްޔާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، ތާވަލުގެ އެއްވަނާގައި އޮވެގެން މާޒިޔާއިން ދެވަނަ ބުރަށް ނިކުތްއިރު، ދެވަނަ ބުރުގެ ފުރަމަ މެޗުން ވިކްޓްރީއަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ވިކްޓްރީގެ ފަރާތުން ތަފާތު ކުޅުމެއް ފެނިގެން ދިޔައިރު، މާޒިޔާގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް ވަރުބަލި ކުޅުމެކެޗެ. އަނިޔާގެ ސަބަބުން މުހިންމު ކުޅުންތެރިންތަކެއް ނުލައި މާޒިޔާއިން ކުޅުނުއިރު، މުޅި މެޗު ކަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔައީ ވިކްޓްރީއިންނެވެ. އެގޮތުން ވިކްޓްރީގެ ފަރާން ވަނީ ރީތި ޕާސްތަކަކާއި އެކު އެޓޭކިން ކުޅުމެއް ފެނިގެން ގޮސްފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ވިކްޓްރީއިން ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައެވެ. ކެރިކް ދިން ބޯޅައަކުން މުސްތަފާ ސެޑިކް މި ގޯލު ކާމިޔާބުކުރީ މާޒިޔާގެ ޑިފެންޑަރު ސަމޫހް ކައިރިން ނައްޓާލުމަށްފަހުއެވެ. މި ގޯލަށް ފަހުވެސް މާޒިޔާއިން ވަނީ ހިތްވަރާއެކު ކުޅެފައެވެ. ނަމަވެސް މާޒިޔާގެ ކުޅުންތެރިންގެ ފަރާތުން ވަނީ ވަރަށް ބޮޑަށް ވަރުބަލިކަން ފެނިގެން ގޮސްފައެވެ.

މެޗަށް ނިކުތް އިރުގައިވެސް މާޒިޔާގެ ކޯޗް މާޔަން ސެކޮލޯވްސްކީ ވަނީ މިކަން ފާހަގަކޮށްފައެވެ. އެގޮތުން މެޗުގެ ކުރިން ބޭއްވި ޕްރީ މެޗް ޕްރެސްގައި، ސެކުލޯވްސްކީ ވަނީ މާޒިޔާގެ ކުޅުންތެރިން ތިބީ ވަރަށް ވަރުބަލިކޮށް ކަމަށާއި އެއީ ވިކްޓްރީއަށް ލިބޭ އެޑްވާންޓޭޖެއް ކަމަށް ބުނެފައެވެ.

މެޗުން ބަލިވި ނަމަވެސް މާޒިޔާ އަދިވެސް އޮތީ ލީގު ތަވާލުގެ އެއްވަނަ މަގާމުގައެވެ. މާޒިޔާއިން އެއްވަނާގައި އޮތީ ކުޅުނު 8 މެޗުން ލިބުނު 21 ޕޮއިންޓާއިއެކުގައެވެ. އެޓީމާއި ދެވަނާގައި އޮތް ނިއުރޭޑިއަންޓާއި ދެމެދު އޮތީ 3 ޕޮއިންޓުގެ ފަރަގެކެވެ. މެޗުން މޮޅުވި ވިކްޓްރީ ވަނީ 11 ޕޮއިންޓާއިއެކު އީގަލްސް ފަހަތަށް ޖައްސާލުމަށްފަހު 5 ވަނައަށް ޖެހިލާފައެވެ. ނަމަވެސް އީގަލްސްއިން ހޯމަ ދުވަހުގެ ރޭ އުނައިޓެޑް ވިކްޓްރީ އާއި ދެކޮޅަށް ކުޅޭ މެޗުން 3 ޕޮއިންޓް ހާދައިފި ނަމަ އެޓީމަށް އަލުން 5 ވަނަ ލިބޭނެ އެވެ. ވިކްޓްރީ މިހާތަނަށް 8 މެޗު ކުޅެފައި ވާއިރު އީގަލްސްއިން މިހާތަނަށް ކުޅުނު 7 މެޗުން އެޓީމަށް ލިބިފައިވަނީ 10 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ރުޝްދާ ރަޝީދު
- ކޮމެންޓް