ކ. މާލެ
|
22 މެއި 2017 | ހޯމަ 23:50
ނެޓްބޯލް އެސޯސިއޭޝަންގެ ރައީސާ އައިމިނަތު ޝާޒްލީން (ޝާޒް)
ނެޓްބޯލް އެސޯސިއޭޝަންގެ ރައީސާ އައިމިނަތު ޝާޒްލީން (ޝާޒް)
ރާއްޖެއެމްވީ
ނެޓްބޯލް އެސޯސިއޭޝަން
ނެޓްބޯޅައިގެ ފޯރިގަދަ، ބަޔަކު އުޅެނީ މި ކުޅިވަރު ހަލާކުކޮށްލަން: ޝާޒް
މެމްބަރު ނުވަ ކްލަބަކުން ވަނީ އިތުބާރު ނެތްކަމަށް ބުނެ ސިޓީގައި ސޮއިކޮށްފަ
މި ކުޅިވަރު ހަލާކުކޮށްލަން އެއްވެސް ފުރުސަތެއް ނުދެވޭނެ
މެމްބަރު ވިހި ކްލަބުގެ ތެރެއިން ޝާޒްއާއެކު އޮތީ 11 ކްލަބެއް

ނެޓްބޯޅައިގެ ފޯރިގަދަވެ، މި ކުޅިވަރުން ގިނަ ފުރުސަތުތައް ރާއްޖޭގެ ކުޅުންތެރިންނަށާއި އަމްޕަޔަރުންނަށް ލިބެމުންދާއިރު އެކަމާ ނުރުހިގެން މި ކުޅިވަރު ހަލާކުކޮށްލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ނެޓްބޯލް އެސޯސިއޭޝަންގެ ރައީސާ އައިމިނަތު ޝާޒްލީން (ޝާޒް) ވިދާޅުވެއްޖެއެވެ.

 

ޝާޒް މިހެން ވިދާޅުވީ ނެޓްބޯލް އެސޯސިއޭޝަންގެ މަގާމުގައި ހުންނަވައި އަމިއްލަ މަސްލަހަތު އިސްކޮށް ވަކި ބަޔަކަށް ނުވަތަ މީހަކަށް ފުރުސަތު ލިބޭ ގޮތަށް އަމަލުކުރެވޭ ކަމަށް ބުނެ އެ އެސޯސިއޭޝަންގެ މެމްބަރު ކްލަބުތަކުގެ ތެރެއިން ނުވަ ކްލަބެއްގެ ސޮޔާއެކު ފޮނުވާފާއިވާ ސިޓީއަކާ ހަވާލާދީ ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުންނެވެ.

 

ޝާޒް ވިދާޅުވީ އަމިއްލަ މަސްލަހަތު އިސްކޮށްގެން ކަމަށް ބުނެ ފޮނުވާފައިވާ ސިޓީގައި އެއީ ކޮން ކަމެއްކަން ނުވަތަ ކޮން ފަރާތަކަށް ކަން ބުނެދީފައި ނުވާ ކަމަށާއި އެހެން ކަމުން އެކަމާ ސުވާލު އުފެދޭ ކަމަށެވެ.

 

ޝާޒް ވިދާޅުވި ގޮތުގައި އެސޯސިއޭޝަންގެ އެއްވެސް ކަމެއްގައި އަމިއްލަ މަސްލަހަތު އިސްކޮށް އެއްވެސް ފަރާތަކަށް ނުވަތަ ބަޔަކަށް ފުރުސަތުތަކެއް ހޯދައި ދިނުމަށް މަސައްކަތް ކޮށްފައެއް ނުވާނެއެވެ.

 

ނުވަ ކްލަބަކުން ސޮއިކޮށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުން ވަކި މީހަކަށް ފުރުސަތުތައް ހޯދައި ދިނުން މާނަ ކުރެވެނީ އެ އެސޯސިއޭޝަންގެ އަމްޕަޔަރެއްގެ ގޮތުގައި ހަރަކާތްތެރިވާ އަދި މިފަހުން ބީ ބެޖް އަމްޕަޔަރިން ސެޓްފިކެޓް ހާސިލްކޮށްފައިވާ ރިލްވާން އާދަމަށެވެ. ރިލްވާނަކީ ނެޓްބޯލް އެސޯސިއޭޝަންގެ ރައީސާ އައިމިނަތު ޝާޒްލީންގެ ފިރިކަލުންނެވެ.

 

މިކަމާ ގުޅޭ ގޮތުން ޝާޒް ވިދާޅުވީ ރިލްވާނަށް ވަކި ކަހަލަ ފުރުސަތުތަކެއް ހޯދައި ދިނުމަށް އަމިއްލަ މަސްލަހަތު ހިމެނޭ އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމާށެވެ. އެގޮތުން ރިލްވާނަށް ލިބުނު ފުރުސަތަކީ އޭޝިއަން ނެޓްބޯލް ފެޑެރޭޝަން (އޭއެންއެފް) އިން ފަހި ކޮށްދީފައިވާ ފުރުސަތެއް ކަމަށް ޝާޒް ވިދާޅުވިއެވެ.

 

"ރާއްޖޭގައި އެކި ފަހަރު މަތިން ހިންގި ކޯސްތަކުން އެންމެ މަތިން މާކްސް ހޯދާ ފަރާތްތައް ޝޯޓް ލިސްޓް ކުރޭ، ދެން އެފަރާތްތައް އެ ފޮނުވަނީ މުބާރާތުގެ ކުރިން ސިންގަޕޫރަށް ތަމްރީނަށް، އެތަނުން ހޮވޭ ފަރާތްތައް މި ސެލެކްޓް ވަނީ ބޮޑު މުބާރާތަށް." އޭޝިއަން ނެޓްބޯލް ފެޑެރޭޝަންގެ ނައިބު ރައީސްގެ މަގާމު އަދާކުރައްވަމުން އަންނަ ޝާޒް ވިދާޅުވިއެވެ.

 

ޝާޒް ވިދާޅުވީ ނެޓްބޯޅަ ހަލާކުކޮށްލަން ބަޔަކު ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަން ކުރަން ފުރުސަތު ނުދޭނެ ކަމަށާއި އަދި މި ކުޅިވަރަށް ލޯބިކުރާ އެއްވެސް ފަރާތަކުން ކުޅިވަރު ހަލާކުކޮށްލަން އެ ފުރުސަތު ނުދޭނެ ކަމަށެވެ.

 

ޝާޒްގެ އިތުބާރު ނެތް ކަމަށް ބުނެ ނުވަ ކްލަބުން ސޮއިކޮށް ހުށަހަޅާފައިވާ ސިޓީގައި ބުނެފައި ވަނީ ނެޓްބޯލް އެސޯސިއޭޝަންގެ ހިންގާ ގަވައިދުގެ 11.5 ގައިވާ ގޮތަށް ނެޓްބޯލް އެސޯސިއޭޝަންގެ ރައީސް އައިމިނަތު ޝާޒްލީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހިންގާ ގަވައިދުގެ 11.6 ގައިވާ ގޮތަށް އެޖެންޑާ ކުރެވިގެން 14 ދުވަސް ތެރޭގައި އާންމު ޖަލްސާއެއް ބާއްވައި ދިނުމަށް އެދޭ ކަމަށެވެ.

 

މި މައްސަލަ ހުށަހަޅާފައިވާ ނުވަ ކްލަބަކީ މުލަކު ރެކްރިއޭޝަން ކްލަބު، ސްޕޯޓްސް ކްލަބު ވާދޫ، ކްލަބު ތްރީ ސްޓާރ، ޔޫތު އެލަޔަންސް މޯލްޑިވްސް، މައްޗަންގޮޅީ ވިމެންސް ސްޕޯޓްސް، މޯލްޑިވްސް ސްޕޯޓްސް ޖޫނިއާ، ކްލަބު ވިޗެންޒާ، ޔުނައިޓެޑް ޑިވޮލޮޕްމެންޓް ސްޕޯޓްސް އަދި ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކްލަބެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާޒްގެ އިތުބާރު ނެތްކަމަށް ބުނެ މައްސަލަ ހުށަހަޅާފައިވާ ނުވަ ކްލަބުގެ ތެރެއިން ބައެއް ކްލަބު ތަކަކީ، މީގެ ކުރިން ބާއްވަން މަސައްކަތް ކުރި ވޮލީބޯލް އިންތިހާބުގައި ވެސް އެކި ކަހަލަ ނުފޫޒުތައް ފޯރުވައިވާ ކްލަބުތަކެވެ.

 

ނެޓްބޯލް އެސޯސިއޭޝަންގައި މިވަގުތު ފުރިހަމަ މެމްބަރު ކްލަބުތަކުގެ ގޮތުގައި ޖުމްލަ 20 ކްލަބެއް އޮތް އިރު، އޭގެ ތެރެއިން 11 ކްލަބެއް އޮތީ ޝާޒްއާ އެކުގައި ކަންވެސް ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
23 މެއި 2017 | އަންގާރަ 04:31
އައިމިނަތު
ހިތްވަރާ އެކު ކުރިއަށްދޭ ތިހެން އަންނަ ގާބުރިއަކަށް ބަލައިގެން ކުރިއަކަށް ނުދެވޭނެ. މޭވާއަޅާ ގަހަކަށް ގަޅިވެސް އުކާނީ. އޯލް ދަ ބެސްޓް ☺