ކ. މާލެ
|
3 ސެޕްޓެންބަރ 2021 | ހުކުރު 03:27
ގަރލްސްޓުކޯޑު -  ކުޅުދުއްފުށި, ފެށުމަށް ބޭއްވި ވަރޗުއަލް އިވެންޓުގެ ތެރެއިން
ގަރލްސްޓުކޯޑު -  ކުޅުދުއްފުށި, ފެށުމަށް ބޭއްވި ވަރޗުއަލް އިވެންޓުގެ ތެރެއިން
ދިރާގު
"ގަރލްސްޓު ކޯޑު- ކުޅުއްދުފުށި"
"ގަރލްސްޓު ކޯޑު- ކުޅުއްދުފުށި" ޕްރޮގްރާމް ފަށައިފި
މި ޕްރޮގްރާމްގައި ކުދިންނަށް އެޗް.ޓީ.އެމް.އެލް، ސީ.އެސް.އެސް އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދޭނެ
މި ޕްރޮގްރާމަކީ އަންހެން ކުދިން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރި ކުރުމަށްޓަކައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް
"ގަރލްސްޓުކޯޑު -  ކުޅުދުއްފުށި" ފަށާފައި ވަނީ އޮގަސްޓު 31 ގައި

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން "ގަރލްސްޓު ކޯޑު- ކުޅުއްދުފުށި" ޕްރޮގްރާމް ފަށައިފިއެވެ.

"ގަރލްސްޓުކޯޑު - ކުޅުދުއްފުށި" އަކީ އަންހެން ކުދިން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރި ކުރުމަށްޓަކައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން އަންހެން ކުދިންނަށް ޚާއްސަކޮށްގެން ކޯޑިން ދަސްކޮށް ދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ފެށި ޕްރޮގްރާމެކެވެ. ކުޅުދުއްފުށީގައި މި ޕްރޮގްރާމް ފަށާފައި ވަނީ އޮގަސްޓު 31 ވަނަ ދުވަހުއެވެ.

މި ޕްރޮގްރާމްގެ ފެށުން 31 އޯގަސްޓް ގައި ވަރޗުއަލްކޮށް ބާއްވާފައިވާއިރު، މި އިވެންޓުގައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވެސް ގެ އިތުރުން ޕްރޮގުރާމްގެ ބައިވެރިން ބައިވެރިވިއެވެ.

އޮންލައިންކޮށް މިޕްރޮގްރާމް ކުރިއަށް ދާނީ 2 މަސް ދުވަހުގެ މުއްދަތަކަށެވެ. މި ޕްރޮގްރާމްގައި ކުދިންނަށް އެޗް.ޓީ.އެމް.އެލް، ސީ.އެސް.އެސް އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދޭނެއެވެ. ޕްރޮގްރާމްގެ ތެރެއިން ހިންގޭ ވޯކްޝޮޕްތަކުގައި ޕްރޮޖެކްޓް މެނޭޖްކުރުމާއި އަދި ވެބް ޑިވެލޮޕްމެންޓާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް މެންޓަރސްގެ ގޮތުގައި މިދާއިރާގެ ފަންނީ މީހުން ބައިވެރިވާނެއެވެ.

ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިންނާ މުޚާތަބް ކުރައްވަމުން، ދިރާގުގެ ޑިރެކްޓަރ ކޯޕަރޭޓް ސަރވިސަސް އާތިފާ އަލީ ވިދާޅުވީ އަންހެންކުދީން ޓެކްނޮލޮޖީ ދާއިރާގައި ބާރުވެރިކުރުމަށް ހިތްވަރު ދިނުމަކީ ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގައި ޚާއްސަ އަހައްމިޔަތުކަމެއް ދޭ ކަމެއް ކަމުގައެވެ. ގާލްސް ޓު ކޯޑް 3 ވަނަ ސީރީސް ފެށިގެން ދާއިރު, ކޮންމެ އަހަރަކުވެސް މިޕްރޮގްރާމަށް ލިބޭ ތަރުހީބު އިތުރުވަމުން ދާކަމަށާއި، މީގެން ދޭހަވަނީ މިދާއިރާއަށް އަންހެން ކުދިންގެ ޝައުޤުވެރިކަން ވެސް އިތުރުވަމުން ދާކަމަށެވެ. މިއީ ދިރާގުން ޚާއްސަކޮށް ފާހަގަކޮށް އުފާ ކުރާކަމެއް ކަމަށް ވިދާޅުވިއެވެ.

މި ޕްރޮގްރާމް ކުޅުދުއްފުށީގައި ބޭއްވުމަށް ކުޅުދުއްފުށިން ލިބުނު ތަރުހީބު އަދި އެކި ފަރާތްތަކުން ދެއްވި އެއްބާރުލުމަށް ވިމެން އިންޓެކް މޯލްޑިވްސް އިން ޝުކުރުދެންނެވިއެވެ.

ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސާ ހިންދު އަލީ ވިދާޅުވީ ކޯޑިން ފަދަ ޓެކް ހުނަރަކީ ކުރިއަށް އޮތް ދުވަސްތަކުގައި ދުނިޔެ ކުރިއަރާ ސްޕީޑްގައި ދިވެހިންވެސް ފައިހަމަ ކުރުމަށް ބޭނުންވާ މުހިއްމު ހުނަރެއްކަމަށާއި, ގާރލްސް ޓު ކޯޑް ޕްރޮގްރާމަކީ ކޯޑިން ދަސްކުރުމަށް އެޅޭ ބިންގަލެއް ކަމަށެވެ. ވިމެން އިން ޓެކް ގެ އުންމީދަކީ ޕްރޮގްރާމްގެ ބައިވެރިން މިކަމަށް އޮތް ޝައުގުވެރިކަން ދަމަހައްޓާ އަދި ދަސްކުރުމުގައި ދެމިތިބުންކަމަށާއި ދަސްކުރާ ހުނަރުތައް އާންމު ދިރިއުޅުމުގައިވެސް އެޕްލައި ކުރުން މުހިއްމު ކަމަށް ވިދާޅުވިއެވެ.

ގަރލްސް ޓު ކޯޑް ކުޅުދުއްފުއްޓަކީ މި ސީރީސްގެ 3 ވަނަ ޕްރޮގްރާމްއެވެ. ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންދެވިފައިވަނީ 2019 ވަނަ އަހަރު ޏ.ފުވައްމުލަކު ގައެވެ. އަދި ދެވަނަ ޕްރޮގްރާމް ހިންގިފައިވަނީ 2021 ވަނަ އަހަރު ގދ. ތިނަދޫގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް