ކ. މާލެ
|
22 އޯގަސްޓް 2021 | އާދީއްތަ 14:56
ސަރުކާރު ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ އިސް ލީޑަރުން
ސަރުކާރު ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ އިސް ލީޑަރުން
ރާއްޖެއެމްވީ
ކޯލިޝަން ސަރުކާރު
އެންމެންވެގެން މޮޑޭ ފުށްގަނޑު!
ވެރިކަމަށް އަންނަން މަސައްކަތްކުރާއިރު ކޯލިޝަން ވަރެއް ނޯވޭ
ނިމިދިޔަ 3 އިންތިޚާބުގައިވެސް ހޮވުނީ ކޯލިޝަން ކެންޑިޑޭޓް
ކޯލިޝަން ރޫޅާލުމަށް މިއަދު ބައެއް މީހުން ދަނީ ގޮވަމުން

ފުށްގަނޑު މޮޑުމަށްޓަކައި ގޮދަން ފުށް އަޅަންވީ މިންގަނޑު ކަނޑައެޅީ އެންމެން އެއްވެގެން، އެއް ބަހެއް ކިޔައިގެންނެވެ. ތެލާއި ފެން އަޅަންޖެހޭ މިންވަރާއި، އެންމެ ހެޔޮވަރަށް، އެންމެ މީރުވާނެ ގޮތަށް ފުށްގަނޑު ބެހެއްޓުމަށް އެންމެންވެސް އެއްބަސްވި ގޮތަށް ފުއްގަނޑު މޮޑުނެވެ. އެކަމުގައި ޚިޔާލު ތަފާތުވުމެއް، ބައިބައިވުމެއް، ދެބަސްވުމެއް، އަރާރުމެއް ނެތެވެ. ފެނުނީ ހަމަ އެންމެ ފުރިހަމައަށް މޮޑެ، ތައްޔާރުކުރުމަށް އެންމެން އަތުގުޅާލައިގެން ކޮޅުކޮޅު މައްޗަށް ޙަރަކާތްތެރިވަމުން ދިޔަ މަންޒަރެވެ.

ފުށްގަނޑު މޮޑުމަށްފަހު އެއްބަޔަކު އެއިން ބަޖިޔާ ތެލުލިއެވެ. އަނެއް ބަޔަކު ބިސްކީމިޔާ ހަދައި، އަނެއް ބަޔަކު ގުޅަވެސް ހެދިއެވެ. ފުށްގަނޑު މޮޑުމުގެ މަސައްކަތުގައި އަވަދިނެތި އުޅުނު އެންމެންގެ ބައިވެރިވުންވެސް ހިމެނޭގޮތަށް އެ ފުއްގަނޑު ބަހައި، އެ ބަޔަކު ބޭނުންވާ ހެދިކާއެއް ތައްޔާރުކުރިއެވެ. އެކަމުގައިވެސް އަރާރުމެއް، ކޯޅުމެއް ނެތެވެ.

ނަމަވެސް ފުށްގަނޑު މޮޑެ، އެ ބަޔަކަށް ލިބުނު އެއްޗަކުން ހެދިކާ ތައްޔާރުކޮށް، އޭގެ ރަހަ ބަލާ ނިމުނު ހިސާބުން ފުށްގަނޑު ވަރަށް ގޯސްވެއްޖެއެވެ. އޭގެ ރަހަވެސް ނުބައިވެއްޖެއެވެ. ބަޖިޔާ ތައްޔާރުކުރި މީހުންނަށް ފުށްގަނޑުގައި މާ ތެޔޮ ގިނަ ވެއްޖެއެވެ. ކީމިޔާ ތައްޔާރުކުރި މީހުން ބުނަނީ ފުށްގަނޑު މާ ބޮޑަށް ތަތްވެފައި ހުރި ކަމަށެވެ. ގުޅަ ހެދި މީހުން ބުނަނީ ފުށްގަނޑު މާ ބޮޑަށް ނުބައިވެ، ތާޒާކަން ކެނޑިފައިވާ ކަމަށެވެ. ކޮންމެއަކަސް، ބަލަބަލާ ތިއްބާ އެންމެން ވެގެން މޮޑުނު ފުށްގަނޑު ނިކަން ކަމުނުދާ އެއްޗަކަށް ވެއްޖެއެވެ.

ރާއްޖޭގައި އިންތިޚާބުތަކާ ދިމާކޮށް ހަދާ ކޯލިޝަނަށްވެސް ވަނީ މިޒާތުގެ ފުށްގަނޑަކަށެވެ. ކޯލިޝަން ހަދަނީ އެބަޔަކު ބޭނުންވާ ބަޔަކާއެކު ނިކަން ޖޯޝާއި ފޯރީގައެވެ. ކޯލިޝަން އެކުލަވާލައި، ކެންޑިޑޭޓެއް ނެރެނީ އެންމެން ރުހި ގަބޫލުވެގެންނެވެ. އެ ކެންޑިޑޭޓަށް ރައްޔިތުން ވޯޓުދީގެން ހޮވަނީވެސް ހަމަ އެއީ ކޯލިޝަނަކުން އައިސްފައިވާ ކެންޑިޑޭޓެއްކަން އެނގި ތިބެއެވެ. 2008 އާއި، 2013 އާއި، 2018 ގެ އިންތިޚާބުގައިވެސް ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުން ކެއީ އެންމެން ގުޅިގެން މޮޑުނު ފުށްގަނޑަކުން ތައްޔާރުކުރި ހެދިކާއެވެ. ވޯޓު ދިނީ ކޯލިޝަނަކުން އައިސްހުރި ކެންޑިޑޭޓަކަށެވެ.

ކޯލިޝަންގެ ކެންޑިޑޭޓުން ހޮވައި، ވެރިކަމަށް އައިސް، ކޯލިޝަންގެ ޕާޓީތައް ބެހިފައިވާ ގޮތަށް ބަލައި، މިފަހަރުވެސް ސިޔާސީ މަގާމުތަކާއި، ވުޒާރާތަކުގެ ސްލޮޓުތައްވެސް ބަހާލިއެވެ. ތަފާތު އެކި ހެދިކާތައް ތައްޔާރު ކުރުމަށް އެއްކަލަ ފުށްގަނޑު ބަހާލާ ބީދައިންނެވެ. ނަމަވެސް މި ހުރިހާ ކަމެއް ނިމި، ސަރުކާރު ތެދުވެ ހިނގައިގަތްތަނާ އެކި ދިމަދިމާއިން މި އަންނަނީ ކޯލިޝަނުގެ ނުބައިކަމާއި، ގެއްލުން ބޮޑު ކަމުގެ ވާހަކަތަކެވެ. ކޯލިޝަން ރޫޅާލަންޖެހޭ ވާހަކަތަކެވެ. ކޯލިޝަނަކާއެކު ދެމި ތިބެން ހެޔޮ ނުވާނެ ވާހަކައެވެ. މިއީ ސިޔާސީ މަސްރަހުން ފެންނަ ނިކަން އަޖައިބު ކުރުވަނިވި، ހެއްވާ މަޖާ ކަމެކެވެ. އަޅެ ފުށްގަނޑު މޮޑުނީ ހަމަ އެންމެން އެކުވެގެން އެއް އަންބާއެއް ކިޔައިގެންނެވެ. މިއަދު ފުށްގަނޑުގެ ކުށަކީ ކޮބައިބާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް