ކ. މާލެ
|
1 އޭޕްރިލް 2023 | ހޮނިހިރު 13:41
ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އިސް ލީޑަރުން
ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އިސް ލީޑަރުން
ރާއްޖެއެމްވީ
ރައީސް ސާލިހުގެ ސަރުކާރު
ސިޔާސީ ޚިޔާލު ތަފާތުވުން، ޒާތީ ހަސަދައާއި އަދާވާތްތެރިކަމުގެ އަނގުރަށް ބަދަލުވުން
ރައީސް ސާލިހާއި އެމަނިކުފާނުގެ ސަރުކާރު ބަލިކޮށް، އެމްޑީޕީގެ އާންމު މެމްބަރުންނާ ސަރުކާރު ދުރުކުރުމަށް އެމްޑީޕީގެ ތެރޭން މަސައްކަތް ފެށި
ސިޔާސީ ޚިޔާލު ތަފާތުވުމާއެކު ވެސް އެކީގައި މަސައްކަތްކުރައްވައި، އެމަނިކުފާނު އެ ތަފާތު ދެއްކެވި

17 ނޮވެމްބަރ 2018 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވިއެވެ. އެއީ ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކާއެކު އެކުގައި ކުރިއަށްދިއުމަށް ވެވުނު އެއްބަސްވުމެވެ. އަދި އޭގެ މައްޗަށް ސަރުކާރުގެ މަގާމްތައް އެކަށައެޅުމެވެ. އެދުވަހު އެކަމާ ދެބަސްވީ އެއްވެސް ދެވަނައެއް ނެތިއެވެ. ހުރިހާ ލީޑަރުންމެ ތިބީ އުފަލުން ހިނިތުންވެގެންނެވެ. ޖަލުގެ އަނިޔާއާއި ބިރުން އަރައިގަނެވުނީތީ ހަމަޖެހުމުގެ ނޭވާލެވިފާއެވެ.

ނިމިދިޔަ ރިޔާސީ ދައުރެއްގެ ވޭނާއި ހިތިކަމަށް ތަސައްލީއެއް ގެނެސްދެއްވުމަށްޓަކައި ރައީސް ސާލިހު ފެއްޓެވި ވައުދެއް އޮތެވެ. އެއީ، ސިޔާސީ ޚިޔާލު ތަފާތުވުމާއެކުވެސް، އެކީގައި މަސައްކަތްޕުޅު ކުރައްވާނެކަމަށް ވިދާޅުވެ އެމަނިކުފާނު ފެއްޓެވި އުނދަގޫ ދަތުރެވެ. ނަމަވެސް އެެއުނދަގޫ މީގެ ކުރިން ގައުމު ބަރުދާސްތުކުރަން ޖެހިފައި އޮތް އޮތުން، އެމަނިކުފާނު ބަދަލު މކުރެއްވިއެވެ. ގައުމާއި ރައްޔިތުންނަށް ހަމަޖެހުން ގެނެސްދެއްވީ، މިދެންނެވި ހުރިހާ އުނދަގުލާއި ބުރަ އެމަނިކުފާނު ގިނިކަންޏާ ތަހަންމަލު ކުރައްވަމުންނެވެ.

ސިޔާސީ ޚިޔާލު ތަފާތުވުން ޒާތީ ހަސަދައާއި އަދާވާތްތެރިކަމުގެ އަނގުރަށް ބަދަލުވަމުން ދިޔައީ ދައުލަތުގެ އެންމެ މަތިން، ސަރުކާރުގެ ނުހަނު އުހުން، އަދި ކިއެއްތަ އެމަނިކުފާނާ ނުހަނު އަރިހުންނެވެ. އެހެންނަމަވެސް އެމަނިކުފާނު އިސްކުރެއްވީ ކެތްތެރިކަމާއި ގައުމީ މަސްލަހަތެވެ. އެކުގައި މަސައްކަތްކުރުމުގެ ޖާގަ އޭގެ ލާނިހާޔަތަށް ދެއްވިއެވެ.

ރައީސް ސާލިހުގެ ކެބިނެޓް އެކުލަވައިލެެއްވުމަށްފަހު، އެންމެ ފުރަތަމަ ދެއްވި އެންމެ ވަރުގަދަ ސިޔާސީ މަގާމް ދެއްވީ އެމްޑީޕީގެ ނައިބު ރައީސް މުހަންމަދު ޝިފާޒަށެވެ. ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ޕޮލިޓިކަލް އެންޑް ޕާލަމެންޓްރީ އެފެއަރޒްކަމަށް ޝިފާޒް އައްޔަންކުރެއްވުމަކީ، ސަރުކާރުގެ މައިގަނޑާ އެމްޑީޕީ ގުޅިފައި އޮތުމަށް ރައީސް ސާލިހު އެދިވަޑައިގެން ހުންނެވި މިންވަރުގެ ބޮޑުކަން ދޭހަވާ ކަމެކެވެ. ސިޔާސީ މަގާމްތަކަށް ބޭފުޅުން އައްޔަންކުރެއްވުމާއި ސިޔާސީ މަގާމްތަކުގެ އެންމެހާ ކަންކަން ހަވާލުކުރެއްވީ ޝިފާޒަށެވެ. އަދި ޕާލަމެންޓަރީ އެފެއަރޒްގެ ދަށުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާ ސަރުކާރު ގުޅުވައިދޭ ބްރިޖަކީ ޝިފާޒް ކަމުގައި ވެގެން ދިޔައެވެ. އެހެން ނަމަވެސް ކަންވީ ގޮތް ތަފާތެވެ. ޕެޕަރ ސްޕްރޭ ޖެހުނު މީހުންނަށް ވަޒީފާ ދޭން ނުޖެހޭ ކަމަށް ސަރުކާރު ފެށުނުތަނާ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

އެއަށްފަހު އެމްޑީޕީ މެމްބަރުންނާ ސަރުކާރާ ދެމެދު ގާއިމުކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ މަތިކުރެއްވި ޒިންމާ ޝިފާޒް ތަންފީޒުކުރައްވަމުން ގެންދެވީ އެހެން މަގަކުންނެވެ. އެ ހިންގެވި ގުދުމަގަކީ ކޮބައިކަން މިއަދު އެނގެނީ އެމްޑީޕީ ވިއްކާލުމަށް ވަޑައިގެން މިއަދު އެތިއްބަވާ މާލަމްތަކާއި، މޭޒު ވަށައިގެން އެ ތިއްބަވާ މޫނު ތަކުންނެވެ.

ރައީސް ސާލިހަކީ ހުރިހާ ކަމެއްގެ ތެރެއަށް އަތްބާނުއްވާ، ކަންކަމަށް އަވަސްވެ ވަޑައިގެން އަމަލުކުރައްވާ ބޭފުޅެއް ނޫނެވެ. އެމަނިކުފާނަކީ ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު، މީހުންނަށް އިތުބާރުކުރައްވައިގެން، އެހެން އެއްވެސް ގޮތެއް ނެތެންދެން ގުޅުންތައް ދަމަހައްޓަވާ ބޭފުޅެކެވެ.

ތެދުފުޅެކެވެ. މިސަރުކާރު ގެނައުމަށް، އެމްޑީޕީގެ ގިނަ މެމްބަރުން ފަދައިން، އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒަކީ ގަދައަޅައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ތަފާތަކީ ސަރުކާރު އުފެދުމަށްފަހު، ރައީސް ސާލިހާއި އެމަނިކުފާނުގެ ސަރުކާރު ބަލިކޮށް، އެމްޑީޕީގެ އާންމު މެމްބަރުންނާ ސަރުކާރު ދުރުކުރުމަށް އެމްޑީޕީގެ ތެރޭން ފެށުނު މަސައްކަތްތަކެވެ. އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމަށް އަލްއުސްތާޒު ފައްޔާޒު އިސްމާއީލް ހޮވިވަޑައިނުގަތްނަމަ، އެމަސައްކަތަށް ކުޑަވެސް މަޑުޖެހުމެއް ނައީހެވެ.

ކޯލިޝަންގެ ބައިވެރިންނާ ނުރުހި، އެމްޑީޕީގެ އެކަނި ސަރުކާރަކަށް ވާންޖެހޭ ކަމަށާއި، އެމްޑީޕީގެ އުސޫލުތައް ނެގެހެއްޓުމުގެ ނަމުގައި ދެއްކި ބަހަނާއާއި އުފުލި އަޑުތައް މިހާރު މިވަނީ ދިމާ އިދިކޮޅަށް ޖެހިފައެވެ. ރިޔާސީ ޕްރައިމަރީން ބަލިވުމުން، އަމަލު ކުރަންޖެހޭ އެމްޑީޕީގެ އުސޫލުގައި ކޮޅުފައިން ޖަހައިފިއެވެ. ކޯލިޝަނާ ނުރުހޭކަމަށް ބުނި މީހުން، މިއަދު ތިބީ އެމްޑީޕީގެ ގަހަނާކޮޅުން އަތުޖެހުނު އެއްޗެއް ހިފައިގެން ގޮސް، ނުއަގުގައި ގަންނަން ތިބި ބަޔަކަށް ވިއްކާލުމުގެ ފިކުރުގައެވެ. އެމްޑީޕީ ވީދައި ކުދިކޮށް، މަގުމަތިކުރުމަށް އެބަޔަކު ރުހިގެން އެ ތިބީ ހަމަ އެންމެ ބޭނުމަކުއެވެ. އެއީ ހަމަނުޖެހުމާއި ތަޅާފޮޅުން ނެތް 5 އަހަރުގެ ރިޔާސީ ދައުރެއް ހިނގާތަން ދެން އަލުން ދެކެން ބޭނުން ނުވާތީއެވެ. ފޫގަޅައިގެން އެ ތިބީ، އެމްޑީޕީގެ ވޯޓާއި، ޕާޓީގެ މެމްބަރުންގެ ތެރޭން އަތުޖެހުނު މިންވަރެއް ކުޑަ އަގަކަށް ވިއްކާލުމަށްޓަކައެވެ. އެއީ ތިމަތިމާމެންނަށް ނުކުރެވުނު އެތައް ކަމެއް، ނުހަނު ދައްޗާއި ތުރާލާއެކު، ތަފާތެއްނެތި މުޅި ރާއްޖެއަށް ފޯރުކޮށްދިން ވެރިޔަކީ ރައީސް ސާލިހު ކަމަށްވާތީއެވެ. އަދި އަމުދުން އެމަނިކުފާނަކީ މަށް ދިވެހި، އަތޮޅުތެރެއަށް އުފަން ބީރައްޓެއްސަކަށް ވާތީވެސްމެއެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކުރެވޭނީ ޚިޔާލު ތަފާތުވެދާނެ ކަމަށްޓަކައި ފެށޭތަނުން ކޯލިޝަންތައް ރޫޅާލާ، އެނޫން އެންމެން ދުރަށްލާ، އެތަށް ބަޔަކު މަގުމަތިކޮށް "ގަނޑުކޮށް" މީހުން ޖަލަށްލައިގެންނެވެ.

ނަމަވެސް ރައީސުލް ޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރާއިރު ތަފާތުތަކާއެކު އެކުގައި އުޅެވޭނެއެވެ. ޕާޓީ މަގުމައްޗެއް ނުވާނެއެވެ. އަދި އަމުދުން ކުޑަރަށެއް ބޮޑު ރަށެއްގެ ތަފާތެއް ނުމެފެންނާނެއެވެ. ރައީސުލްޖުމްހޫރިއްޔާކަން ކުރުމާއި، އެމަގާމުގައި އޮންނަ މަސްއޫލިއްޔަތު އަދާކުރުމުގައި ހުރި ތަފާތު ދެއްކެވި ވެރިޔަކީ ރައީސް ސާލިހެވެ. ކެތްތެރިކަމާއެކުވެސް، އެ މަސްއޫލިއްޔަތު އަދާކުރުމުގެ މަސްލަހަތާ ފުށުއަރާ ހާލަތެއް ރާއްޖެއާ ކުރިމަތިވުމަކަށް އެމަނިކުފާނު ޖާގައެއް ނުދެއްވާނެއެވެ.

- ކޮމެންޓް