ކ. މާލެ
|
21 އޯގަސްޓް 2021 | ހޮނިހިރު 06:00
އިސްރާއީލްގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ފައިޒަރ ވެކްސިންގެ ތިން ވަނަ ޑޯޒް ޖައްސަވަނީ
އިސްރާއީލްގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ފައިޒަރ ވެކްސިންގެ ތިން ވަނަ ޑޯޒް ޖައްސަވަނީ
ރޮއިޓަރސް
ކޮވިޑް-19 އިސްރާއީލްގެ ހާލަތު
އިސްރާއީލްގައި ބޫސްޓަރ ޝޮޓް ޖެހުން ހަލުވިމިނުގައި ކުރިޔަށްދާއިރު ބޮޑުވަޒީރަށް ފައިޒަރ ވެކްސިންގެ ތިން ޑޯޒް
ހުކުރު ދުވަހުން ފެށިގެން އުމުރުން 40 އަހަރުން މަތީގެ މީހުންނަށް ފައިޒަރ ވެކްސިންގެ ތިން ވަނަ ޑޯޒް ޖަހަމުންދާނެ
ލޮކްޑައުންއަކަށް ނުދިޔުމަށްޓަކައި އިސްރާއީލްގައި އަންނަނީ ބޫސްޓަރ ޝޮޓް ޖަހަމުން
ބޫސްޓަރ ޝޮޓް ޖެހުމަށް އެމެރިކާއިން ތައްޔާރުވަމުން އަންނައިރު ކެނެޑާ، ފްރާންސް އަދި ޖަރމަނީންވެސް ވަނީ ބޫސްޓަރ ޝޮޓް ޖެހުމުގެ ކެމްޕެއިން އިއުލާންކޮށްފައި

އިސްރާއީލްގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ފައިޒަރ ވެކްސިންގެ ތިން ވަނަ ޑޯޒް ޖައްސަވައިފިއެވެ.

ހުކުރު ދުވަހު ބޮޑުވަޒީރު ފައިޒަރ ވެކްސިންގެ ތިން ވަނަ ޑޯޒް ޖައްސަވާފައިވަނީ އިސްރާއީލްގައި އުމުރުން 40 އަހަރުން މަތީގެ މީހުންނަށް ބޫސްޓަރ ޝޮޓް ޖެހުމުގެ ކެމްޕެއިން ހަލުވިކަމާއެކު ކުރިޔަށްދަނިކޮށެވެ.

އިސްރާއީލްގައި ބޫސްޓަރ ޝޮޓް ޖަހަން ފަށާފައިވަނީ ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު މައްޗަށްދާތީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުންނެވެ.

ޑެލްޓާ ވޭރިއަންޓުގެ ސަބަބުން އިސްރާއީލްގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މައްޗަށްދާން ފަށާފައިވާއިރު އިގްތިޞާދީ ގޮތުން ދިމާވާނެ ދަތިތަކުގެ ސަބަބުން ލޮކްޑައުންއަކަށް ނުދިޔުމަށްޓަކައި އެގައުމުގައި އަންނަނީ ބޫސްޓަރ ޝޮޓް ޖަހަމުންނެވެ.

އެގޮތުން ޖުލައި މަހު އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ބޫސްޓަރ ޝޮޓް ދިނުމަށް ވަނީ ފަށާފައެވެ. އޭގެކުރިން ބޫސްޓަރ ޝޮޓް ދެމުން އައީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ.

އިސްރާއީލްގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ ޑެލްޓާ ވޭރިއަންޓާއެކު ވެކްސިނުން ކުރާ އަސަރު ދަށްވެފައިވާކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވަނީ ހުކުރު ދުވަހުން ފެށިގެން އުމުރުން 40 އަހަރުން މަތީގެ މީހުންނަށް ފައިޒަރ ވެކްސިންގެ ތިން ވަނަ ޑޯޒް ޖަހަމުންދާނެ ކަމަށެވެ. އެއީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހިތާ ފަސް މަސްވެފައިވާ މީހުންނަށް ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

ހެލްތު މިނިސްޓްރީން ވަނީ ޓީޗަރުންނާއި، ސިއްހީ މަސައްކަތްތެރިންނާއި، އުމުރުން ދުވަސްވީ މީހުން ބަލަހައްޓަމުންދާ މީހުންނާއި މާބަނޑު މީހުންނަށް ބޫސްޓަރ ޝޮޓް ޖެހުމަށް އިލްތިމާސްކޮށްފައެވެ.

ބޫސްޓަރ ޝޮޓް ޖެހުމަށް އެމެރިކާއިން ތައްޔާރުވަމުން އަންނައިރު ކެނެޑާ، ފްރާންސް އަދި ޖަރމަނީންވެސް ވަނީ ބޫސްޓަރ ޝޮޓް ޖެހުމުގެ ކެމްޕެއިން އިއުލާންކޮށްފައެވެ.

ވެކްސިން ޖެއްސެވުމުގެ ކުރިން ވާހަކަދައްކަވަމުން ބެނެޓް ވިދާޅުވީ ބޫސްޓަރ ޝޮޓް ޖަހައިގެން އިސްރާއީލް ހަތަރު ވަނަ ލޮކްޑައުންކަށް ދިޔުމުން ސަލާމަތްކުރެވޭނެކަމަށެވެ. އަދި އެގައުމުގެ ޑާޓާތައް އެހެން ގައުމުތަކާއި ހިއްސާކުރައްވާނެ ކަމަށް ބެނެޓް ވިދާޅުވިއެވެ.

9.3 މިލިއަން މީހުން ދިރިއުޅެމުން އަންނަ އިސްރާއީލްގެ 1 މިލިއަން މީހުންނަށްވުރެ ގިނަ މީހުން ވަނީ ތިން ވަނަ ޑޯޒް ޖަހާފައެވެ. އިސްރާއީލްގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ މިހާތަނަށް ބޫސްޓަރ ޝޮޓް ޖަހައިގެން ހާމަވެފައިވަނީ ވައިރަސް ޖެހުމުން 86 އިންސައްތަ ރައްކާތެރިކަން ލިބޭކަން ކަމަށެވެ.

އަދި ބޫސްޓަރ ޝޮޓް ޖެހުމުގެ ސަބަބުން ވައިރަސް ފެތުރޭ މިންވަރު ދަށް ކުރެވިގެންދާކަން މިހާތަނަށް އެއްކުރެވިފައިވާ ޑާޓާތަކުން އެނގޭ ކަމަށް ވަނީ ބުނެފައެވެ.

އިސްރާއީލްގައި ވެކްސިން ޖަހަންޖެހޭ މީހުންގެ ތެރެއިން 1 މިލިއަން މީހުން އަދި ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހައެވެ. އަދި އެއާއެކު އެގައުމުގައި ވައިރަސް ޖެހިގެން ހާލަތު ގޯސްވާ މީހުންގެ އަދަދު ވަނީ މަތިވެފައެވެ.

ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ވެކްސިން ޖެހުމުގެ ސަބަބުން ކޮވިޑް ޖެހިގެން ހާލަތު ސީރިއަސް ވުމާ ހަމައަށް ދިޔުމުން ސަލާމަތްކޮށްދެއެވެ. ނަމަވެސް ޑެލްޓާ ވޭރިއަންޓާއެކު ވެކްސިނުން ކުރާ އަސަރުގެ މިންވަރު ވަނީ ދަށްވެފައެވެ.

އެހެންނަމަވެސް ވެކްސިންގެ ތިން ވަނަ ޑޯޒެއް ބޭނުންވާނެ ކަމުގެ ރަސްމީ ބަހެއް އަދި މިހާތަނަށް އައިއިރު ސައިންސްވެރިންވެސް އަދި ސިއްހީ އެޖެންސީއަކުންވެސް ހާމަކޮށްފައެއްނުވެއެވެ.

ބުދަ ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފައިވަނީ ތިން ވަނަ ޑޯޒެއް ޖަހަންޖެހޭކަން އަދި މިހާތަނަށް ހޯދިފައިނުވާ ކަމަށެވެ.

ފައިޒަރ ވެކްސިން ޖެހުމަށްފަހު ގިނަ ދުވަސްވާވަރަކަށް ވެކްސިނުން ކުރާ އަސަރު އަންނަނީ ދަށްވަމުންނެވެ. ނަމަވެސް ތިން ވަނަ ޑޯޒާއެކު ވެކްސިނުން ކުރާ އަސަރު ރަނގަޅުވަމުން އަންނަކަން ވަނީ ހޯދިފައެވެ. އޭގެތެރޭގައި ޑެލްޓާ އަދި ބީޓާ ވޭރިއަންޓާ ދެކޮޅަށްވެސް ރަނގަޅަށް ފައިޒަރ ވެކްސިން މަސައްކަތްކުރާކަން ވަނީ ހޯދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް