ކ.ތުލުސްދޫއިން ފުރައިގެން ލ.ގަމަށް ދަތުރުކުރަމުން ދަނިކޮށް ގެއްލިގެން ހޯދަމުންދާ ކޮޅުވެއްޓީގައި ވިލިފުށީގެ ދެމަފިރިން ތިބި ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެ އެވެ.
މި ކޮޅުވެއްޓީގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ މިމަހު 16 ދުވަހުގެ ރޭ 21:30 ހާއިރު އެވެ. ޖުމްލަ ހަ މީހުން ދަތުރުކުރި މިކޮޅުވެއްޓީގައި ތިބީ 2 ދިވެހިންނާއި 4 ބިދޭސީން ކަމަށް ވެރި ފަރާތުން ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.
އެ ދެ ދިވެހިންނަކީ ތ.ވިލިފުށީ ފިނިހިޔާގެ އާދަމް ނައީމްއާއި އޭނާގެ އަންހެނުން އެ ރަށު ކޮށިބިއްލޫރިގޭ ޒުލައިޚާ އުސްމާނު އެވެ.
ނައީމްއަކީ މި ކޮޅުވެއްޓީގެ ކެޕްޓަން ކަމަށްވާއިރު ޒުލޭޚާ މާލޭގައި ހުރުމުން އޭނާ ގޮވައިގެން ވިލިފުއްޓަށް ގެންދިޔުމަށް ފުރާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގައެވެ. ނައީމާއި ޒުލޭޚާއަކީ އުމުރުން 50 އަހަރާ ގާތްކުރާ ދެމަފިރިން ކަމަށާއި މި ދެމަފިރިންގެ ހަތަރު އަންހެން ކުދިންވެސް ތިބޭ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ކ.ތުލުސްދޫއިން ފުރައިގެން ލ.ގަމަށް ދަތުރުކުރި "މާރިޔާ-3" ގެއްލިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ 16:16 ހާއިރުއެވެ.
މިހާތަނަށް ކުރި މަސައްކަތުން މި ކޮޅުވެއްޓީގެ އެއްވެސް ޙަބަރެއް ލިބިފައެއް ނުވެއެވެ.
"މާރިޔާ-3" އަކީ ދިގުމިނުގައި 139 ފޫޓު ހުރި، ބޭރުގައި ގަދަ ފެހި ކުލައިގެ ދަވާދު ލާފައިވާ ކޮޅުވެއްޓިއެކެވެ. އަދި ކޮޅުވެއްޓީގެ ފަހަތުގައި ހުދު ކުލަ ލާފައިވާ ސްޕާރ ސްޓްރަކްޗަރ ވީލްހައުސްއާއެކު މަތީގައި ރަތް ދަވާދު ލާފައިވެއެވެ.
މިއުޅަނދާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވުމަށާއި ފެކްސް ކުރައްވާނަމަ 3391665 ފެކްސް ކުރެއްވުމަށް އެމްއެންޑީއެފުން އެދިވަޑައިގެންނެވި އެވެ.