ކ. މާލެ
|
7 އޯގަސްޓް 2021 | ހޮނިހިރު 08:20
އައު އާންމު ހާލަތެއްގައި އަނެއްކާވެސް ދަރިވަރުން ސްކޫލްތަކަށް ހާޒިރުކުރަން ވަނީ ނިންމާފައި
އައު އާންމު ހާލަތެއްގައި އަނެއްކާވެސް ދަރިވަރުން ސްކޫލްތަކަށް ހާޒިރުކުރަން ވަނީ ނިންމާފައި
އައު އާންމު ހާލަތުގައި ސްކޫލްތައް
ލުއިތަކާއެކު ސްކޫލް ކުދިންގެ ކިޔެވުމަށް ވާނީ ކިހިނެއް؟
ދިރާސީ އައު އަހަރު ފެށެން ކައިރިވެފައިވާއިރު، ގިނަ ލުއިތަކެއް ވަނީ ދީފައި
ދުވަސްކޮޅަކުން ދަރިވަރުންގެ ކިޔެވުން އޮންލައިން ކުރަންޖެހިދާނެތޯ ސުވާލު އުފެދޭ

މިމަހުގެ 10 ވަނަ ދުވަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށަން ސްކޫލްތައް ތައްޔާރެވެ. މިއަހަރުވެސް ދިރާސީ އައު އަހަރުގެ ކިޔެވުން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެންނެވެ. މިއީ ކޮވިޑް-19ގެ ހާލަތު ކަމަށްވުމުން ނިއު ނޯމަލްގައި ސްކޫލްތަކުގެ ކިޔެވުން ކުރިއަށްގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އުސޫލުތައް އެކުލަވާލައި، އަންގަންޖެހޭ މުހިންމު އެންގުންތައް އަންގައި ނިންމާފައެވެ. ހަމަގައިމުވެސް ސްކޫލްތަކުން ވަނީ މިކަމަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

އެހެންނަމަވެސް ހަލުވިކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާއެކު ސްކޫލްތަކުގެ ކިޔެވުން ކުރިއަށްގެންދަން މުޖުތަމައު އޮތީ ތައްޔާރަށްބާއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮންމެ ދުވަހަކުހެން އާންމުކުރަމުންދާ މައުލޫމާތުތަކުން ދައްކާގޮތުން މާލެ ސަރަހައްދުގެ އަދަދުތައް ކުޑަކޮށް ތިރި ނަމަވެސް އަތޮޅުތެރޭގެ އަދަދުތައް ދަނީ ދުވަހަކަށްވުރެ ދުވަހެއް މައްޗަށެވެ. އަތޮޅުތެރޭގެ ހާލަތަށް ބަލާއިރު، 15 ރަށެއް މިވަގުތު ވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. މި އަދަދުންވެސް އަތޮޅުތެރޭގައި ބަލި ފެތުރިފައި އޮތް މިންވަރު ހާމަވެއެވެ.

ދެން އޮތީ ރާއްޖޭގައި ބަލި ކޮންޓްރޯލް ކުރެވިއްޖެކަމަށް ބުނެ ސަރުކާރުން ދިން ލުއިތަކުގެ ވާހަކައެވެ. ގިނަ ލުއިތަކެއް ދީފައިވާއިރު، މީގެ ތެރޭގައި ކެފޭ ރެސްޓޯރެންޓުތައް އާންމުކޮށް ހުޅުވާފައި ހުންނަ ވަގުތުތަކުގައި އެތަންތަން ހުޅުވުމުގެ ހުއްދަ ދިނުމާއި، މީހުންގެ އަދަދު ކަނޑައެޅުމެއް ނެތި, ހަފްލާތަކާއި ޕާޓީތައް ބޭއްވުމުގެ ހުއްދަ ދިނުމާއި، އޮފީސްތަކަށް މީހުން ހާޒިރުވެ މަސައްކަތްތައް ކުރުމުގެ ހުއްދަ ދިނުމާއި، ސްކޫލްތަކާ އެއްގޮތަށް ކޮލެޖު އަދި ޔުނިވަރސިޓީތަކަށް ވެސް ދަރިވަރުން ހާޒިރުވެ ކިޔެވުމުގެ ކަންތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ހިމެނެއެވެ. ރާއްޖޭގެ ކޮވިޑް-19 ވެކްސިނޭޝަން ރޭޓަށާއި ކޮވިޑަށް ޕޮޒިޓިވްވާ މިންވަރަށް ބަލައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާއިރު ޕީސީއާރު ޓެސްޓެއް ނުހަދާ ދަތުރުކުރެވޭނެ ގޮތް ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވަނީ ތަނަވަސްކޮށްދީފައެވެ.

މީގެ ކުރިން ވެސް ނިއު ނޯމަލްގައި ދަރިވަރުން ސްކޫލްތަކަށް ހާޒިރުކޮށްގެން ކިޔެވުން ކުރިއަށްގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތްކޮށްފައިވެއެވެ. އެހެންނަމަވެސް އެކަންވެސް ކުރެވުނީ ދުވަސްކޮޅަކަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެފަހަރުވެސް ދަރިވަރުންގެ ކިޔެވުން އޮންލައިން ޕްލެޓްފޯމަށް ބަދަލުކުރަންޖެހުނީ ސަރުކާރުން ދިން ލުއިތަކާއެކު، ކޭސްތައް އިންތިހާއަށް މައްޗަށް ގޮސް ސްކޫލްތަކުންވެސް ގިނަ އަދަދެއްގެ ކޭސްތައް ފެނުމުންނެވެ. މިއާއެކު ބައެއް ދަރިވަރުން ކިޔެވުމަށް ފޫހިވެ، އޮންލައިންކޮށް ކިޔަވައިދޭ އެއްޗެއް ފަހުމުނުވާ ހިސާބަށް ކަންކަން ދިޔައެވެ.

މީގެ ކުރިން ކަން ހިނގާފައިވާގޮތަށް ބަލާއިރު، ސްކޫލް ހުޅުވެން މިހާ ކައިރިވެފައިވާއިރު، ބޮޑެތި ލުއިތަކެއް ދިނުމުން ސްކޫލް ކުދިންގެ ކިޔެވުމަށް ދެން ވާނެ ގޮތަކާއި މެދު މިހާރު ސުވާލު އުފެދެއެވެ. އަނެއްކާވެސް ދުވަސްކޮޅަކަށްފަހު ކިޔެވުން އޮންލައިން ކުރަން ޖެހިދާނެ ކަމުގެ ބިރު ބޮޑެވެ. އަތޮޅުތެރޭގައި ވެސް ކޭސްތައް އިތުރުވަމުންދާއިރު، އަތޮޅުތެރޭގައި ދިރިއުޅޭ ކުދިންގެ ކިޔެވުމަށް ދެން ކުރާނީ ކޮންކަހަލަ އަސަރެއްތޯ ސުވާލު އުފެދެއެވެ. އަތޮޅުތެރޭގެ ބައެއް ސްކޫލްތަކުގައި ފުރިހަމަ ވަސީލަތްތައް ހުރި ނަމަވެސް، ބައެއް ސްކޫލްތަކަކީ އެންމެ ފުރިހަމައަށް ވަސީލަތްތައް ހުރި ތަންތަނެއް ނޫނެވެ. އޮންލައިންކޮށް ކިޔެވުން ކުރިއަށްގެންދަން ޖެހުމުން ބައެއް ސްކޫލްތަކުން ވަރަށް ދަތި ހާލުގައި އުޅުނު މަންޒަރު މީގެ ކުރިން ވަނީ ފެނިފައެވެ. ދެން މިފަދަ ހާލަތަކަށް ދާން ޖެހިއްޖެނަމަ ދަރިވަރުންނަށްވެސް ވާނީ ބޮޑު ތަކުލީފަކަށެވެ.

މިހާރު ދީފައިވާ ލުއިތަކާއެކުވެސް ބޭރަށް ނިކުމެ އުޅޭއިރު، ބަލިން ރައްކާތެރިވުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރަންޖެހެއެވެ. ސްކޫލް ކުދިންގެ މުސްތަގުބަލާ ދޭތެރޭ ވިސްނަންޖެހެއެވެ. އައު އާންމު ހާލަތެއްގައި ސްކޫލަށް ނިކުމެ ކިޔެވުން ފެށުމަށް ކުދިން ތިބީ ނުހަނު ކެތްމަދުވެފައެވެ. އެކުދިންގެ ކިޔެވުން ސްކޫލްތަކުގައި ކުރިއަށްގެންދިއުމުގެ ފުރުސަތު ދިނުމަށް މުޅި މުޖުތަމައު އެކުވެގެން މަސައްކަތްކުރަންޖެހެއެވެ. އެހެންނޫނީ ދެން އެކުދިންގެ ކިޔެވުމަށް ކުރާ އަސަރު މާ ބޮޑަށް ހިތިވެދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް