ކ. މާލެ
|
5 އޯގަސްޓް 2021 | ބުރާސްފަތި 19:19
ހެނދުނު ކަސްރަތު ކުރަން ނުކުމެ އުޅޭ މީހުން
ހެނދުނު ކަސްރަތު ކުރަން ނުކުމެ އުޅޭ މީހުން
ރާއްޖެއެމްވީ
ދިވެހީންގެ ދިރިއުޅުމަށް އައި ބަދަލު
ކޮވިޑާއެކު ދިވެހީން ކަސްރަތު ކުރުމަށް ޚާއްސަ ސަމާލުކަމެއް!
ކުރިން ހުސްވަގުތު ކޮފީގައި ހޭދަކުރަމުން ދިޔަ ކަމުގައި ވީނަމަވެސް މިހާރު ނުކުންނަނީ ދުވަން
ހެނދުނާއި ރޭގަނޑުގެ ވަގުތު ބޮޑުތަކުރުފާނު މަގު ފުރާލަނީ ކަސްރަތަށް ނުކުންނަ މީހުން

ޒަމާނުއްސުރެ ދިވެހީންނަކީ ސިއްހަތަށް ޚާއްސަ ސަމާލުކަމެއް ދީގެން އުޅުނު ބަޔެކެވެ. މުރާލި މަސައްކަތްތެރި ބައެކެވެ. އެކަން އިހުގެ ސައްޔާހުންގެ ފޮތްތަކުން ފެންނާން އެބަހުއްޓެވެ. އެކަމަކު ޒަމާން ބަދަލުވެ، ދުނިޔެ ކުރިއަރައިގެން އައި ވަރަކަށް ދިވެހީންގެ ދިރިއުޅުމަށްވެސް ބަދަލުތަކެއް ވަނީ އައިސްފައެވެ.

މަސްވެރި، ދަނޑުވެރި ބައެއްގެ ގޮތުގައި ދިވެހީން ފާހަގަވި ޒަމާން މިއަދު ގޮސްފިއެވެ. މިއަދު ދިވެހީންނަކީ މަސައްކަތްތެރި ބަޔެކޭ ބުނެވިދާނެ ހެއްޔެވެ؟ ގިނަ ދިވެހީންނަކީ މިއަދު ކޮމްޕިއުޓަރު ކައިރީގައި އިނދެ މަސައްކަތް ކުރާ މީހުންނެވެ. ހުސްވަގުތު ދިވެހީން ހޭދަކުރަމުން އަންނަނީ ކޮފީތަކުގައި "ކޮސްގޮވުމަށް" ކަމަށް ބުނެވިދާނެއެވެ. ކުރިން ސިއްހަތަށް ސަމާލުކަން ދިން ދިވެހީންނަކީ ފަހަކަށް އައިސް ހަ ބަނޑަށް ކައިގެން ގޭގައި އަރާމު ކުރި ބަޔެކޭވެސް ބުނެވިދާނެއެވެ.

އެކަމަކު 2019 ވަނަ އަހަރު ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާވައިރަސް ނުވަތަ ކޮވިޑާއިއެކު ދިވެހީންގެ ދިރިއުޅުމަށްވެސް ބޮޑެތި ބަދަލުތަކެއް އައެވެ. އެކަން ލޮކްޑައުން ތެރޭގައި އެނގިގެންދާނެއެވެ. ލޮކްޑައުނަށްފަހު އެންމެ ފުރަތަމަ ދީފައިވާ އެއް ލުޔަކީ ފަތިހު ކަސްރަތަށް ނުކުންނަ މީހުންނަށް އެފުރުސަތު ދިނުމެވެ. އެއާއެކު މާލޭގެ އެންމެ ބޮޑު މަގު ކަމަށްވާ ބޮޑުތަކުރުފާނު މަގު ފުރާލަނީ އެކި އުމުރުފުރާގެ މީހުންނާއިއެކުގައެވެ. ދުވަން ނުކުންނަ މީހުންނާއި، ކަސްރަތު ކުރުމަށް ނުކުންނަ މީހުންނެވެ. ބައިސްކަލު ދުއްވަން ނުކުންނަ މީހުންނާއި، ހިނގަން ނުކުންނަ މީހުންނެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިވަގުތު މަދެވެ. ގިނަ މީހުން އައު އާންމު ހާލަތުގައި ދިރިއުޅެން ދަސްވެސްކޮށްފިއެވެ. އެހެންނަމަވެސް ބަދަލު ނާންނަ އެއްކަމަކީ ފަތިހުގެ ވަގުތުގައާއި ރޭގަނޑުގެ ވަގުތު ކަސްރަތަށް ނުވަތަ ދުވަން ނުކުންނަ މީހުންގެ އަދަދެވެ. މި އަދަދަށް މިހާތަނަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ކުރިއެކޭވެސް އެއްގޮތަށް ދުވަން ނުކުންނަ މީހުންގެ އަދަދު ވަރަށް މައްޗެވެ.

މީގެ އިތުރުން ކޮވިޑާއިއެކު އެންމެ ބާރު ބޮޑުވި އެއްތަނަކީ ޖިމްތައް ކަމުގައިވާނެއެވެ. ޖިމްތަކުގެ މީހުންނާއި ވާހަކަ ދައްކާލުމުން އެކަން އެނގެއެވެ. ޖިމްތަކަށް މިހާރު ދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

ކޮވިޑާއިއެކު ދިވެހީންގެ ދިރިއުޅުމަށް އައި އެންމެ ބޮޑު ބަދަލަކީ ކަސްރަތަށް ލޯބިކުރުން ކަމުގައި ވާނެއެވެ. ދުޅަހެޔޮ ހަށިހެޔޮ ބަޔަކު އުޅޭ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ އެއް ވައުދުފުޅެވެ.

މިވައުދުފުޅުގެ ދަށުން ރާއްޖޭގެ ގިނަ ރަށްރަށުގައި ކަސްރަތު ޕާކު ހެދުމުގެ މަސައްކަތް ކުޅިވަރާއި ބެހޭ ވުޒާރާއިން މިހާރުވެސް ގެންދަނީ ކުރަމުންނެވެ. ޚާއްސަކޮށް މި ސަރުކާރުން ކަސްރަތަށް ލޯބިކުރާ ފަރާތްތައް ހެއްވާލައިފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އޭގެ ހެއްކަކީ މާލެ އެކުވެނި ދުވާ ޓްރެކެވެ. އެތައް އަހަރެއް ވަންދެން ވެލި ޓްރެކެއްގެ ގޮތުގައި އޮތް ޓްރެކް މިއަދު ވަނީ ސިންތެޓިކް ޓްރެކަކަށް ބަދަލުވެފައެވެ. އެއާއިއެކު ޓްރެކަށް ދުވަން ދާ މީހުންގެ އަދަދުވެސް އެތައް ތަނަކުން ވަނީ އިތުރުވެފައެވެ.

ކޮންމެއަކަސް ކޮވިޑާއިއެކު ދިވެހީންގެ ދިރިއުޅުމަށް މިއައީ ހެޔޮ ބަދަލެއް ކަމުގައި ބުނެވިދާނެއެވެ. މިއީ އިހު ދިވެހީން އުޅުނު މުރާލި ދިރިއުޅުމަށް ބަދަލުވާންވީ ވަގުތެވެ. ކާބަފައިން އަޅުގަނޑުމެންނަށް ދެއްކެވި ނަމޫނާގެ މަތީގައި ސާބިތުވެ ތިބޭންވީ ވަގުތެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް