ކ. މާލެ
|
8 ޖުލައި 2021 | ބުރާސްފަތި 19:08
ނޫސްވެރިންނަށް ދޫކުރި ސްޕެޝަލް ފާސް،
ނޫސްވެރިންނަށް ދޫކުރި ސްޕެޝަލް ފާސް،
ރާއްޖެއެމްވީ
މީޑިއާ ކައުންސިލުން ދޫކޮށްފައިވާ ފާސް އުވާލުން
ކޮވިޑް-19 އާ ގުޅިގެން މީޑިއާ ކައުންސިލުން ދޫކޮށްފައިވާ ފާސް އުވާލައިފި
ނޫސްވެރިންނަށް އަލުން ފާހެއް ބޭނުންވެއްޖެނަމަ ސަލާމަތީގޮތުން މިހާރަށްވުރެ ރަނގަޅު ސިފަތަކެއް ހިމެނޭ ފާސްތަކެއް ދޫކުރާނެ
ސްޕެޝަލް ފާހުގެ ''ފޭކު'' ފާސް ބޭނުންކުރި މައްސަލަތައް ފެންމަތިވެފައިވޭ

ކޮވިޑް-19 އާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން ދޫކޮށްފައިވާ ފާސް އުވާލައިފި އެވެ.

މީޑިއާ ކައުންސިލުން ބުނީ ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއު، 08 ޖުލައި 2021ން ފެށިގެން އުވާލުމަށް ސަރުކާރުން ނިންމާފައިވާތީ، ކުރިން އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކުގެ ސަބަބުން، މީޑިއާތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެގޮތުން، ބޭރަށް ނުކުމެ އުޅޭއިރު މީޑިއާތަކުން ބޭނުންކުރުމަށް ދޫކޮށްފައިވާ ޚާއްސަ ފާސް 08 ޖުލައި 2021ން ފެށިގެން އުވާލެވިފައިވާ ކަމަށެވެ.

މީޑިއާ ކައުންސިލުން ބުނީ ފާސް ދޫކުރުމަށް ކައުންސިލުން އެކުލަވާލައި އާންމުކުރި، "އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ގަޑިތަކުގައާއި ބޭރަށް ނުކުތުން މަނާގަޑިތަކުގައި ނޫސްވެރިން ބޭނުންކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ޚާއްސާ ފާހެއް ދޫކުރުމާބެހޭ އުސޫލު" ވެސް 08 ޖުލައި 2021ން ފެށިގެން އުވާލާފައިވާ ކަމަށެވެ. އެހެންކަމުން، މި އުސޫލުގެ ދަށުން މީޑިއާތަކަށް ދޫކޮށްފައިވާ އެއްވެސް ފާހެއް 08 ޖުލައި 2021ން ފެށިގެން ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން މީޑިއާ ކައުންސިލުން ބުނީ ކުރިއަށް އޮތް ތަނުގައި ކޮވިޑް-19 ގެ ހާލަތަކާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ނޫސްވެރިންނަށް އަލުން ފާހެއް ބޭނުންވެއްޖެނަމަ ސަލާމަތީގޮތުން މިހާރަށްވުރެ ރަނގަޅު ސިފަތަކެއް ހިމެނޭ ފާހެއް ދޫކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާނެ ކަމަށެވެ.

މީޑިއާ ކައުންސިލުން ދޫކޮށްފައި ވާ ފާސް އުވާލައިފައިވާއިރު، ކޮވިޑް-19ގެ ކޭސްތައް ގިނަވެ ބަލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ދުވަސްވަރު ނޫސްވެރިންނަށް ދޫކޮށްފައިވާ ސްޕެޝަލް ފާހުގެ ''ފޭކު'' ފާސްތައް ބޭނުންކުރި މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.

- ކޮމެންޓް