ކ. މާލެ
|
7 ޖުލައި 2021 | ބުދަ 19:47
ހައިޓީގެ ރައީސް ޖޮވެނެލް މުއީސް
ހައިޓީގެ ރައީސް ޖޮވެނެލް މުއީސް
ބީބީސީ
ހައިޓީގެ ރައީސް އަވަހާރަކޮށްލުން
ދާހިލީ ހަމަނުޖެހުން ބޮޑުވެ، ހައިޓީގެ ރައީސް އަވަހާރަކޮށްލައިފި
ހަމަލާގައި ރައީސްގެ އަނބިކަނބަލުން ޒަހަމުވެ ހޮސްޕިޓަލުގައި ދަނީ ފަރުވާހޯއްދަވަމުން
ރިޕޯޓްތައް ބުނާގޮތުން ހަމަލާ ދިނީ އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އޭޖެންސީ، ޑީއީއޭގެ އޮފިސަރުންކަމަށް ބުނެ ވަތް ބަޔަކު
ފާއިތުވި 2 އަހަރު މުއީސް ވެރިކަން ކުރައްވާފައިވަނީ ހާއްސަ ގަރާރެއްގެ ދަށުން
ހައިޓީއަކީ މެދުތެރޭ އެމެރިކާގެ އެންމެ ފަގީރު ގައުމުގެ ގޮތުގައި ލިސްޓްކޮށްފައިވާ ގައުމު

ދާހިލީ ހަމަނުޖެހުން ބޮޑުވެ، ހައިޓީގެ ރައީސް ޖޮވެނެލް މުއީސް އަވަހާރަކޮށްލައިފިއެވެ.

ހައިޓީގެ ވަގުތީ ބޮޑު ވަޒީރު ކުލޯޑް ޖޯސެފު ނެރުއްވި ބަޔާނުގައި ވިދާޅުވީ ރައީސް ދިރިއުޅުއްވަމުން ގެންދެވި ގެކޮޅަށް ބަޔަކު ދިން ބަޑީގެ ހަމަލާތަކެއްގައި އޭނާ އަވަހާރަވެފައިވާކަމަށެވެ. އަދި އެ ހަމަލާތަކުގައި ރައީސްގެ އަނބިކަނބަލުން ޒަހަމުވެ ހޮސްޕިޓަލުގައި ފަރުވާދެމުން ދާކަމަށްވެސް ބޮޑު ވަޒީރު ހާމަކުރެއްވިއެވެ. ބޮޑު ވަޒީރު ކުލޯޑް ޖޯސެފު ވިދާޅުވީ މި ހިތާމަވެރި ދަނޑިވަޅުގައި ސަރުކާރުގެ ހިންގުން ހުއްޓުމަކަށް އަޔަނުދީ މަސައްކަތްތައް ކުރިޔަށްދާނެ ގޮތުގެ އިންތިޒާމުތައް ހަމަޖައްސާނެކަމަށެވެ. ނަމަވެސް އެ ޙަމަލާތައް ދިނީ ކޮން ބައެއްކަން އެ ބަޔާނުގައި ހާމައެއް ނުކުރެއެވެ.

ވަގުތީ ބޮޑު ވަޒީރު ކުލޯޑް ޖޯސެފުގެ ބަޔާނުގައި ހަމަލާގެ ތަފުސީލު ހާމަ ނުކުރިޔަސް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކުރާގޮތުން ހައިޓީގެ ރައީސް ޖޮވެނެލް މުއީސް އަވަހާރަކޮށްލެވުނީ ރައީސް ދިރިއުޅުއްވަމުން ގެންދެވި ގެކޮޅަށް އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އޭޖެންސީ، ޑީއީއޭގެ އޮފިސަރުންކަމަށް ބުނެ ވަތް އިދިކޮ ހަނގުރާމަވެރިން ދިން ބަޑީގެ ހަމަލާތަކެއްގައިކަމަށެވެ. އަދި އެސަރަހައްދުން ފައިން އަރާ ގޮއްވާލާ ބޮމާއި، ޑްރޯންތަކެއްވެސް ފެނިފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މި ހަމަލާގެ ވީޑިއޯތަކެއްކަމަށް ބުނެ އާންމުވެފައިވާ ވީޑިއޯތަކުން ރައިފަލްތަކެއް ހިފައިގެން ރައީސް ދިރިއުޅުއްވަމުން ގެންދެވި ގެކޮޅުގައި ބަޔަކު އުޅޭތަން ފެނެއެވެ. އެހެންނަމަވެސް، އެއީ އެމަނިކުފާނުގެ ހަށިފާރަވެރިންކަމެއް ނުވަތަ ހަމަލާދިން މީހުންކަމެއް ސާފެއް ނުވެއެވެ.

ހައިޓީގެ ވެރިކަމާ ޢުމުރުފުޅުން 53 އަހަރުގެ މުއީސް ޙަވާލުވެވަޑައިގެންފައިވަނީ 2017ވަނަ އަހަރުއެވެ. ނަމަވެސް ކޮރަޕްޝަންއައި ހިޔާނާތުގެ ތުހުމަތުތަކުގެ ސަބަބުން މުއީސަށްވަނީ މަގާމުގައި ދެމިހުރުމަށް އެކިކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. އަދި ގައުމުގައި އިންތިހާބެއް ބޭއްވުމަށް ގޮވާލިނަމަވެސް، މިކަންވެސް ކާމިޔާބުވެފައެއް ނުވެއެވެ. މުއީސް ސަރުކާރުން ބުނަމުން ދިޔައީ ދިމާވެފައިވާ އެކިކަހަލަ ކާރިސާތަކުގެ ސަބަބުން އެ ގައުމުގައި އިންތިހާބު ބޭވޭ ގޮތްވަނީ ނުވެފަކަމަށެވެ.

ފާއިތުވި 2 އަހަރު މުއީސް ވެރިކަން ކުރައްވާފައިވަނީ ހާއްސަ ގަރާރެއްގެ ދަށުންނެވެ. ސިޔާސީ ހަމަނުޖެހުންތަކުގެ އިތުރުން 2010ވަނަ އަހަރު ހައިޓީއަށް ކުރިމަތިވި ބިންހެލުމުގެ ހާދިސާއާއި 2016ވަނަ އަހަރު ކުރިމަތިލާން ޖެހުނު ތޫފާނުގެ ސަބަބުން އިގުތިސާދީ ގޮތުންނާއި އިޖުތިމާއީގޮތުން އެ ގައުމަށްވަނީ ބޮޑެތި ލޮޅުންތަކެއް އަރައިފައެވެ. އެ ގައުމަކީ މެދުތެރޭ އެމެރިކާގެ އެންމެ ފަގީރު ގައުމުގެ ގޮތުގައި ލިސްޓްކޮށްފައިވާ ގައުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް