އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއަށް ކޮޕާ އެމެރިކާ ހައްގު ކަމަށް ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
މި ގަރުނުގެ އެންމެ ވާދަވެރި ދެ ކުޅުންތެރިންގެ ކެރިއަރުގެ ފަހު ދުވަސްތައް ގުނަމުން އަންނައިރު، ރޮނާލްޑޯ ވަނީ ޕޯޗުގަލާއެކު 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ. އެކަމަކު މެސީއަށް މިހާތަނަށް އާޖެންޓީނާއާއެކު ބޮޑު މުބާރާތެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންވެސް މެސީއަށް ވަނީ އަމާޒުވެފައެވެ.
މި ފަހަރުގެ ކޮޕާ އެމެރިކާގައި މެސީ މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އާޖެންޓީނާ ވަނީ މި ފަހަރުގެ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނީ މެސީގެ ކެރިއަރުގައި ކޮޕާ އެމެރިކާ މުބާރާތެއް އޭނާއަށް ލިބުން ހައްގު ކަމަށާއި، އަދި މެސީ ފަދަ ކުޅުންތެރިއަކަށް ގައުމީ ޓީމާއެކު ކާމިޔާބީއެއް ހޯދެން ޖެހޭ ކަމަށެވެ. އަދި މެސީ މިހާތަނަށް އާޖެންޓީނާ އާއި ބާސެލޯނާއާއެކު ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާ ކަމަށާއި، އޭނާއަށް ހަމައެކަނި މަދުވަނީ ގައުމީ ޓީމާއެކު ކާމިޔާބީއެއް ކަމަށްވެސް ރޮނާލްޑޯ ވަނީ ބުނެފައެވެ.
އާޖެންޓީނާއާއެކު މެސީއަށް ކާމިޔާބީއެއް މިހާތަނަށް ހޯދިފައިނުވި ނަމަވެސް، މެސީ ވަނީ މީގެ ކުރިން އާޖެންޓީނާއާއެކު ކޮޕާ އެމެރިކާގެ ފައިނަލުގައި ދެ ފަހަރެއްގެ މަތިން ކުޅެފައެވެ. އެކަމަކު އެ ދެ ފަހަރުވެސް ފައިނަލުގައި މެސީއަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. އަދި 2014 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕުގެ ފައިނަލަށްވެސް އާޖެންޓީނާ ދަތުރުކުރިއެވެ. އެކަމަކު އެ ފަހަރުގެ ފައިނަލުން އާޖެންޓީނާ ބަލިވީ ޖަރުމަން އަތުންނެވެ.
ދުނިޔޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި މެސީ ހިމެނޭއިރު، އޭނާ ވަނީ އާޖެންޓީނާއަށް މިހާތަނަށް 149 މެޗު ކުޅެދީ، 76 ލަނޑު ކާމިޔާބުކޮށްދީފައެވެ.