ގާޒާއަށް އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ ނޫސްވެރިއަކު ޝަހީދު ކޮށްލައިފިއެވެ.
ބުދަ ދުވަހު ދިން ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވަނީ، ފަލަސްތީނުގެ މަޝްހޫރު ނޫސްވެރިއެއް ކަމުގައިވާ ޔޫސުފް އަބޫ ހުސެއިނެވެ. ހުސެއިންގެ ގެއަށް މިސައިލް ހަމަލާދީ، އޭނާގެ ގެ ވަނީ ބިމާ ހަމަކޮށްލާފައެވެ. ހުސެއިން ހިމެނެނީ، ބުދަދުވަހުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ 4 މީހުންގެ ތެރޭގައެވެ. ހުސެއިން މަސައްކަތްކުރަމުން ގެންދިޔައީ، އަލް-އަގްސާ ރޭޑިއޯ ސްޓޭޝަންގައެވެ.
ނޫސްވެރިޔާ، ހުސެއިންގެ ބައްޕަ މުހައްމަދު އަބޫ ހުސެއިން ބުނެފައިވަނީ ގާޒާގެ ޝެއިޚް ރަޑްވާން އަވަށުގައި ހުންނަ އެއާއިލާގެ ގެ ވަނީ އިސްރާއީލުގެ މިސައިލް ހަމަލާގައި ބިމާ ހަމަލާ ކޮށްފައެވެ. އަދި ފުރަތަމަ މިސައިލް ހަމަލާއަށްފަހުވެސް އިތުރު ދެ ހަމަލާއެއް އެގެއަށް އަމާޒުވި ކަމަށްވެއެވެ.
ހުސެއިންގެ މަރުގެ ޚަބަރު އާންމުވެގެން ދިއުމާއެކުވެސް އެތައް ބަޔަކު ގެންދަނީ މިކަމުގައި އިސްރާއީލް ޖަވާބުދާރީ ކުރުމަށް ގޮވާލަމުންނެވެ.
ހުސެއިން ޝަހީދު ވުމާއިގުޅިގެން ވޮއިސް އޮފް އަލް-އަގްސާ ރޭޑިއޯއިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، “ދަރިއެއް ފަދަ މުވައްޒިފު” ޝަހީދުވެގެން ދިއުމުގެ ހިތާމަ ފާޅުކުރާ ކަމަށާއި، ބުދަ ދުވަހުގެ ހަވީރު 5 ޖަހާއިރު އަލް-ޝިފާ ހޮސްޕިޓަލުގައި ހިމޭންކަމުގެ ސުކޫތެއް ގެންނާނެ ކަމުގައެވެ.
އަލްޖަޒީރާ އަދި އެސޯސިއޭޓް ޕްރެސްގެ އޮފީހުގެ އިތުރުން އާންމުން ދިރިއުޅޭ އެތަކެއް އެޕާޓްމަންޓެއް ހުންނަ ގާޒާ ބިލްޑިންގއަށްވެސް މިސަައިލް ހަމަލާދީ އެ އިމާރާތް ބިމާ ހަމަކޮށްލާފައެވެ. އިސްރާއީލުން މި މޭމަހުގެ 15 ވަނަ ދުވަހު، އަލް-ޖަލާ ޓަވަރު ބިމާއި ހަމަކޮށްލި ކޮށްލުން ޕްރެސް ފްރީޑަމް އެޑްވޮކޭޓްގެ ފަރާތުންވަނީ، އިސްރާއީލުން މިހާރު ކުރިޔަށް ގެންދާ އުދުވާންގައި މީޑިއާގެ އަޑު ކަޑުވާލުމަށް ދެމުންދާ ހަމަލާތައް ކުއްވެރިކުރާ ކަމަށް ބުނެފައެވެ.
އިސްރާއީލުން ބުނެފައިވަނީ، މިއިމާރާތަށް ހަމަލާ ދީފައިވަނީ، މިއިމާރާތުގައި ހަމާސްގެ މުޖާހިދުންގެ ސިއްރު އޮފީސްތައް ހިންގަމުންދާތީ ކަމުގައެވެ. އެހެންނަމަވެސް، މީގެ އެއްވެސް ހެއްކެއް އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ.