"ޖުމުހޫރީ 55" މި ޖުމުހޫރިއްޔާގެ ކާމިޔާބީގެ އަލިގަދަ ދަލީލެއް

ދިވެހިރާއްޖޭގެ ޖުމުހޫރީ ދުވަހެވެ. ޖުމުހޫރީ ދުވަހަކީ، ރައްޔިތުންގެ ދުވަހެވެ. މިއީ (11 ނޮވެންބަރު 2023 އަކީ) 11 ނޮވެންބަރު 1968ގައި ފެށުނުމި ޖުމުހޫރިއްޔާއަށް 55 އަހަރުވީ ދުވަހެވެ. މެދުނުކެނޑި 55 އަހަރުވުން މިއީ މި ޖުމުހޫރިއްޔާގެ ކާމިޔާބުކަމުގެ އަލިގަދަ ދަލީލެކެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާ، 1953ވަނަ އަހަރު ގާއިމުކުރެވި 8 މަސްވެސް ނުވެ އުވިގެންދިޔައީއެވެ! 1857ން (105 އަހަރަށްފަހު) ވޯރާ ވިޔަފާރިވެރިންގެ ކިބައިން، ރާއްޖޭގެ އިޤްތިޞާދު މިނިވަން ކުރެވުނީ 1 އޮގަސްޓު 1962ގައެވެ. 1959ން ފެށިގެން އައްޑުއާއި ދެކުނުގައި ހިނގި މައްސަލަތަކަށް 1963ގައި ހައްލެއް ލިބުނެވެ. 1887ން (77 އަހަރު)، އިނގިރޭސިވިލާތުގެ ޚާރިޖީ ޙިމާޔަތުގެ ދަށުގައި އޮތުމަށްފަހު 26 ޖުލައި 1965ގައި 21 ސެޕްޓެންބަރު 1965ގަައި ދިވެހިރާއްޖެއަށް އދ. ޖަމާއަތުގެ މެންބަރުކަން ލިިބި, ބައިނަލްއަޤުވާމީ މުޖުތަމަޢުގައި މިނިވަން މުސްތަޤިއްލު ޤައުމެއްގެ ހައިސިއްޔަތު ލިބުނެވެ. އަދި 12 އޮކްޓޯބަރު 1965ގައި އދ.ގެ މައިމަރުކަޒުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނެގި، ބައިނަލްއަޤުވާމީ ސަފުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ވިހުރުވޭން ފެށިއެވެ. މިނޫންވެސް ސިޔާސީގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، އަދި ޤައުމީ ތަރައްޤީގެ އެންމެހައި ދާއިރާތަކުން އޭރު ރާއްޖެއަށް ވަނީ އޭގެ ކުރިން ނުލިބޭފަދަ ގިނަގުނަ ކާމިޔާބީތަކާއި ކުރިއެރުންތައް ލިބިފައެވެ. އެއީ ޞާޙިބުއްދައުލަތު އިބްރާހީމް ނާޞިރު، 1957-1968ގެ ބޮޑުވަޒީރު ކަމުގައެވެ. އެއިރުގެ މުފައްކިރުންގެ ޢިބާރާތުންނަމަ، "ޤައުމިއްޔަތުގެ އާރާއިބާރާއި، ފަޚުރާއި ޝަރަފާއި، ނަޞްރާއި ނަޞީބާއި ކާމިޔާބާއި، އަބުރާއި ޢިއްޒަތާއި ކަރާމަތާއި، މިނިވަންކަމުގެ ރަމްޒު ކަމުގައިވާ ޒަޢީމަކީ ދިވެހިރާއްޖޭގެ ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނާޞިރުލްޙުއްރިއްޔާ) ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާއެވެ.

ދިވެހިރާއްޖޭގައި ހިނގަމުންދާ ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމުގެ (ދެވަނަ ޖުމްހޫރިއްޔަތު ނުވަތަ މި ޖުމްހޫރިއްޔަތު ޤާއިމުކުރުމުގެ) ޚިޔާލުތައް، 1965ގައި ރާއްޖެ މިނވަންވީއްސުރެ ރާއްޖޭގެ ސިޔާސީ ވެރިން ކުރައްވަމުން ގެންދެވިއެވެ. މި ޚިޔާލުތަކާއި މަޝްވަރާތަކުގައި 3 އަހަރު ފާއިތުވިއެވެ. ވަޒީރުންގެ މަޖިލީހުގައި ކަމާބެހޭ މަޝްވަރާކުރެވުނެވެ. ރައްޔިތުންގެ މަޖިލީހުގަައި ބަހުސްކުރެވުނެވެ. ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ ޢާންމު ސިއްރު ވޯޓެއް 15 މާރިޗު 1968ގައި ނެގުނެވެ. މިވޯޓުގައި، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން، ވޯޓުދިން މީހުންގެ 81 އިންސައްތަ މީހުން ވޯޓުދިނީ ޖުމްހޫރިއްޔަތަށެވެ. އެއީ 36,997 (ތިރީސްހަހާސް ނުވަސަތޭކަ ނުވަދިހަހަތެއް) މީހުންނެވެ. ރަސްކަމަށް ވޯޓުދިނީ 8,551 (އައްހާސް ފަސްސަތޭކަ ފަންސާސްއެކެއް) މީހުންނެވެ. ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ހެއްދެވިއެވެ.

ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔާގެ މަޤާމުގެ ނަންފުޅު "ރައީސުލްޖުމްހޫރިއްޔާ" ކަމުގައި އެންމެ ފުރަތަމަ ތަޢާރަފުކުރެވުނީ މި ޤާނޫނުއަސާސީންނެވެ. ރައީސުލްޖުމްހޫރިއްޔާ ހޮވުނީ، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ ދެބައިކުޅަ އެއްބައިގެ އަޣުލަބިއްޔަތުން ހޮވުނު ނަންފުޅަށް އެބޭފުޅަކު އެކަން ޤަބޫލުކުރެއްވުމުން) ރައްޔިތުންގެ ފެންނަ ނުފެންނަ އާންމު ސިއްރު ވޯޓެއް ނަގައި އެވޯޓުގައި ވޯޓުދިން މީހުންގެ އަޣުލަބިއްޔަތުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ސިއްރު ވޯޓުން އަދި ރައްޔިތުންގެ ފެންނަ ނުފެންނަ އާންމު ވޯޓުގެ ވަރަށްބޮޑު އަޣްލަބިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ހޮވިވަޑައިގަތީ (އޭރުގެ ބޮޑުވަޒީރު) ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ.

11 ނޮވެންބަރު 1968ގައި ޖުމްހޫރިއްޔާ ޤާއިމުކުރުމާއި ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުން 11 ނޮވެންބަރު 1968އަކީ، ޞާޙިބުއްދައުލަތު އިބްރާހީމް ނާޞިރަށް، ޞާޙިބުއްސަޢާދަތު އަޙްމަދު ޒަކީ، ކަމާބެހޭގޮތުން އެރުވި ލަފާފުޅާ އެއްގޮތަށް ކަނޑައެޅުނު، ދުނިޔޭގެ ތާރީޚީ ދުވަހެކެވެ. އެއީ ދުނިޔޭގެ ފުރަތަމަ ބޮޑުހަނގުރާމަ 11 ނޮވެންބަރު 1918ގައި ނިމުނުތާ 50 އަހަރުވީ ރަންޔޫބީލު މުނާސަބަތުގެ ތާރީޚީ ދުވަސްކަމުގައިވާ 11 ނޮވެންބަރު 1968އެވެ.

މި ޖުމްހޫރިއްޔާ ގާއިމުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާ ޢޮތީ މީގެ 55 އަހަރު ކުރިން، 10 ނޮވެންބަރު 1968 ދުވަހުގެ ރެއެވެ. ޖަލްސާ ފެށުނީ ރޭގަނޑު 9.30ގައެވެ. ޖަލްސާގައި ފުރަތަމަ އޮތީ މި ޖުމްހޫރިއްޔާގެ ރައްޔިތުންގެ މަޖިލިސްގެ މެންބަރުން ހުވާކުރެއްވުމެވެ. މިގޮތުން 43 މެންބަރުން ހުވާކުރެއްވިއެވެ. މެންބަރުން ހުވާކުރައްވައި ނިމުނީ ރޭގަނޑު 11 ޖެހިއިރުއެވެ. ދެން ޖަލްސާ މެދުކަނޑުއްވާލެއްވިއެވެ. އަލުން ޖަލްސާ ފެށުނީ މެންދަމު 12 ޖެހިއިރުއެވެ. މި ޖުމްހޫރިއްޔާ ގާއިމުކުރެވުނީ އެވަގުތު، 11 ނޮވެންބަރު 1968ގައެވެ. ޖުމްހޫރިއްޔާގެ މުނާސަބަތުގައި 21 ބަޑީގެ ސަލާމެއް އޮތެވެ. އެވަގުތު ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާކުރެއްވީއެވެ.

33%
33%
0%
33%
0%
0%