ރާއްޖޭގެ މިހާރުގެ އާބާދީގެ ޒުވާނުންނަށް ނޮވެންބަރު 3 ނުފެނޭ!

ނޮވެންބަރު 1988ގެ އުދުވާނީ ހަމަލާއަށް 35 އަހަރުވީއެވެ. މި އުދުވާނީ ހަމަލާއަކީ ފަހުގެ ތާރީޚުގައި ދިވެހިރާއްޖޭގެ ގައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ކުރިމަތިވި އެންމެބޮޑު ނުރައްކާތެރި އުދުވާނީ ހަމަލާއެވެ.

18 ދިވެހިން ޝަހީދުވިއެވެ. އެއީ ސިފައިންގެ 8 ބޭކަލުންނާއި އާންމު ރައްޔިތުންގެ 11 ބޭކަލުންނެވެ. ދިވެހި ގައުމާއި ރައްޔިތުންނަށް މާއްދީ އަދި މައުނަވީ ނުހަނު ބޮޑެތި ގިނަގުނަ ގެއްލުންތައް ލިބުނެވެ.

ނަފުސާނީ ގޮތުންވެސް ދިވެހި ރައްޔިތުންނަށް ލިބުނު ގެއްލުންތައް ގިނަގުނައެވެ. ދިވެހިރާއްޖޭގެ ގައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ލޮޅުން އަރާފައި އެދުވަހު 18 ވަރަކަށް ގަޑިއިރުވިއެވެ.

މިއުދުވާނީ ހަމަލާއިން، ދިވެހި ގައުމަށް ނަސްރު ލިބުނީ، ދިވެހި ސިފައިންގެ ހިތްވަރުގަދަ ގައުމީ ޖިހާދާއި، ދިވެހި ސަރުކާރުގެ ހަރުދަނާ ސިޔާސަތާއި، ދިވެހި ރައްޔިތުންގެ ހިންމަތާއި މިންނަތުންނެވެ. އެކުވެރި އިންޑިޔާގެ އަސްކަރީ އެހީއާއިވެސް އެކުގައެވެ.

3 ނޮވެންބަރު 1989 އިން ފެށިގެން 3 ނޮވެންބަރު މިފާހަގަކުރެވެނީ ދިވެހިރާއްޖޭގެ ނަސްރުގެ ދުވަސް ކަމުގައެވެ. ވީމާ، ނަސްރުގެ ދުވަސް ފާހަގަކުރާތާ 34 އަހަރުވީއެވެ. 3 ނޮވެންބަރު 1988ގެ އުދުވާނީ ހަމަލާއަށްފަހު، ދިވެހި ގައުމު، ސިޔާސީ، ޚާރިޖީ އަދި އަސްކަރީ ގޮތުން އަލުން މިވަނީ އާރާސްތު ކުރެވިފައެވެ.

ޚާރިޖީގޮތުން ބަލާއިރު، ކުދި ގައުމުތަކުގެ މިނިވަންކަމާއި މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކުރުމަށް ރާއްޖެއިން ހުށަހެޅި ގަރާރުތަކެއް އ.ދ. މަޖިލީހުން ވަނީ ފާސްވެފައެވެ. އަދި ދިވެހި އަސްކަރިއްޔާ ވަރުގަދަކޮށް ހަރުދަނާ ބަދަލުތަކާއި ބޮޑެތި ކުރިއެރުން ގެނެވުނެވެ. ރާއްޖޭގެ މިހާރުގެ އާބާދީގެ ހުރިހާ ޒުވާނުން އުފަންވީ 3 ނޮވެންބަރު 1988ގެ ފަހުންނެވެ. މިހާރު ރާއްޖޭގެ އާބާދީގައި 321000 (ތިންލައްކައެކާވީސްހާސް) އަށްވުރެގިނައީ ޒުވާނުންނެވެ. 1988 (މީގެ 35 އަހަރުކުރި) ނޮވެންބަރު 3ގެ އުދުވާނީ ހަމަލާ ކުރިމަތިވިއިރު، ރާއްޖޭގެ އާބާދީ 2 ލައްކަ ހަމަނުވޭ!! 2023 (މިހާރު) ރާއްޖޭގެ އާބާދީ 521000 (ފަސްލައްކައެކާވީސްހާސް) އަށްވުރެ އިތުރެވެ.

ވީމާ، 35 އަހަރުގެ ތެރޭގައި އާބާދީ ދެގުނައަށްވުރެވެސް މާބޮޑަށް އިތުރުވުމެވެ. އަދި އާބާދީ ދެބައިކުޅަ އެއްބަަޔަށްވުރެވެސް ޒުވާނުން ގިނަވުމެވެ. 1965 (މީގެ 58 އަހަރުކުރި) ރާއްޖެ މިނިވަންވީއިރު، ރާއްޖޭގެ އާބާދީ 1 ލައްކަ ހަމަނުވެއެވެ.

އަދުގެ ދުނިޔޭގައި ގައުމުތަކުގެ ގައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިވުން، އެންމެ ބޮޑަށް ބިނާވެފައި ވަނީ، އަސްކަރިއްޔާއަށްވުރެ ބޮޑަށް ޚާރިޖިއްޔާގެ މައްޗަށެވެ. އެގައުމަކުން ގެންގުޅޭ ޚާރިޖީ ސިޔާސަތުތަކުގެ މައްޗަށެވެ. ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ދުނިޔެއާއި އެގައުމަކާއި އޮންނަ ގުޅުންތަކުގެ މައްޗަށެވެ. އަދި އެގައުމެއްގެ ބައިނަލްއަގުވާމީ ވިޔަފާރިއާއި. އިގުތިސާދީ ކަންކަމަކީވެސް އެގައުމެއްގެ ގައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ.

މިޒަމާނުގެ ދުނިޔޭގައި މައުލޫމާތާއި ޓެކުނޯލޮޖީގެ ވަސީލަތްތައްވެސް ގައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ދެމެހެއްޓުމަށް މުހިންމު ދައުރަށް އަދާކުރެއެވެ. މިކަންކަމަކީ، ނުބައިގޮތުގައި، އެކަންކަމުގެ މުއާމަލާތްތައް ކުރެވިއްޖެނަމަ، އޭގެ ނުރަނގަޅު އަސަރު މުޅިގައުމަށް ކޮށްފާނެފަދަ ކަންކަމެވެ.

14%
0%
0%
0%
0%
86%