ދައުލަތުގެ ރައީސުންގެ ވާހަކަ

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ފުރަަތަަމަ ބަޔާންކުރެވުނު ރައީސަކީ ޝަމްސުއްދީން ރަދުންނެވެ. މަޝްވަރާކުރެވިގެން ވެރިކަން ހިންގުމުގެ ލިޔެވިގެންވާ ދުސްތޫރީ ނިޒާމުން، ދައުލަތް ހިންގުމުގެ އެންމެމަތީ ދަރަޖައިގެ ރައީސްކަން ޝަމްސުއްދީން ރަދުން 1932ން 1934ށް ކުރެއްވިއެވެ!! މަޖިލިސް(ޕާލަަމަންޓު) އުވާލެއްވުމުގެ ބާރު ރަދުންނަށް ލިބިވަޑައިގެން ނުވެއެވެ. ފުރަަތަމަ ޖުމުހޫރިއްޔަތު އަސްކަރީ ސިފަތައް އެކުލެވިގެންވާ (ސެމީ މިލިޓަރީ) ޖުމުހޫރިއްޔަތުގެ ގާނޫނުއަސާސީގެ އެއްވެސް ތަނެއްގަަައި ރައީސްގެ ވާހަކަ ނެތެވެ! އޮތީ ވަލިއްޔުލްއަމްރު (ކޮމާންޑަރ އިން ޗީޕް)ގެ ވާހަކައެވެ. އަދި ވަލިއްޔުލްއަމްރަކީ އަލްއަމީރު މުޙައްމަދު އަމީނު ކަމުގައި ޤާނޫނުއަސާސީގައި  ބަޔާންވެގެންވެއެވެ! މަޖިލިސް (ޕާލަމަންޓު) އުވާލުމުގެ ބާރު ވަލިއްޔުލްއަމްރަށް ލިބިވަޑައިގެންވެއެވެ.

ފުރަތަމަ ޖުމުހޫރިއްޔަތުގެ ވަލިއްޔުލްއަމްރުގެ ރަސްމީ ހެދުންކޮޅަކީ އަސްކަރީ ޔުނީފޯމެކެވެ. ފުރަތަމަ ޖުމުހޫރިއްޔަތުގެ ރިޔާސީ އިންތިޚާބު ގައުމުގެ ރައީސް އަދި ގައުމުގެ ރައީސްގެ ނައިބު އިންތިޚާބުކުރުމުގެ ވޯޓުލުން ބޭއްވުނީ ހަމައެކަނި މާލޭގައެވެ. މާލޭގެ ރައްޔިތުންނާއި މާލޭގައި އެވަގުތު ތިބި ރާއްޖެތެރޭގެ ރައްޔިތުން އަދި ފަޅުއޮޑިފަހަރުގެ މީހުން ވޯޓުލާ ގޮތަށެވެ. މި ރިޔާސީ އިންތިޚާބު އޮތީ ޑިސެންބަރު 1952ގައެވެ! (މީގެ 70 އަހަރުކުރިންނެވެ.) ގައުމުގެ ރައީސް އަދި ގައުމުގެ ރައީސްގެ ނައިބުގެ ރިޔާސީ ދައުރަކީ 5 އަހަރު ކަމުގައެވެ! 1953ން 1958 އަށެވެ! އެހެންނަމަވެސް 1 އަހަރުވެސް ނުވަނީސް ރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔަތު އުވާލެވުނީއެވެ! ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖެއަށް ތައާރަފުވީ މި ޖުމުހޫރިއްޔަތުގެ ފުރަތަމަ ޤާނޫނުއަސާސީ 1968 އިންނެވެ! 1968ގައި ދިވެހިރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއަކީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ!

ދިވެހިރާއްޖޭގައި ހިނގަމުންދާ ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމުގެ (ދެވަނަ ޖުމްހޫރިއްޔަތު ނުވަތަ މިޖުމްހޫރިއްޔަތު ގާއިމުކުރުމުގެ) ޚިޔާލުތައް، 1965ގައި ރާއްޖެ މިނިވަންވީއްސުރެ ރާއްޖޭގެ ސިޔާސީ ވެރިން ކުރައްވަމުން ގެންދެވިއެވެ. މި ޚިޔާލުތަކާއި މަޝްވަރާތަކުގައި 3 އަހަރު ފާއިތުވިއެވެ. ވަޒީރުންގެ މަޖިލީހުގައި ކަމާބެހޭ މަޝްވަރާ ކުރެވުނެވެ. ރައްޔިތުންގެ މަޖިލީހުގަައި ބަހުސްތައް ކުރެވުނެވެ.

ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ ޢާންމު ސިއްރު ވޯޓެއް 15 މާރިޗު 1968ގައި ނެގުނެވެ. މިވޯޓުގައި، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން، ވޯޓުދިން މީހުންގެ 81 އިންސައްތަ މީހުން ވޯޓުދިނީ ޖުމްހޫރިއްޔަތަށެވެ. އެއީ 36,997 (ތިރީސް ހަހާސް ނުވަސަތޭކަ ނުވަދިހަ ހަތެއް) މީހުންނެވެ. ރަސްކަމަށް ވޯޓުދިނީ 8,551 (އަށްހާސް ފަސްސަތޭކަ ފަންސާސްއެކެއް) މީހުންނެވެ.

ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ދިވެހިރާއްޖޭގެ. ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ހެއްދެވިއެވެ. ދިވެހިރާއްޖޭގެ އެންމެމަތީ ވެރިޔާގެ މަޤާމުގެ ނަންފުޅު "ރައީސުލްޖުމްހޫރިއްޔާ" ކަމުގައި އެންމެ ފުރަތަމަ ތަޢާރަފުކުރެވުނީ މި ޤާނޫނުއަސާސީންނެވެ. ރައީސުލްޖުމްހޫރިއްޔާ ހޮވުނީ، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ ތެރެއިން ދެބައިކުޅައެއްބައިގެ އަޣުލަބިއްޔަތުން ހޮވުނު ނަންފުޅަށް (އެބޭފުޅަކު އެކަން ޤަބޫލު ކުރެއްވުމުން) ރައްޔިތުންގެ ފެންނަ ނުފެންނަ އާންމު ސިއްރު ވޯޓެއް ނަގައި ވޯޓުދިން މީހުންގެ އަޣުލަބިއްޔަތުންނެވެ

ރައްޔިތުންގެ މަޖިލީހުގެ ސިއްރު ވޯޓުން އަދި ރައްޔިތުންގެ ފެންނަ ނުފެންނަ އާންމުވޯޓުގެ ވަރަށްބޮޑު އަޣުލަބިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ހޮވިވަޑައިގަތީ (އޭރުގެ ބޮޑުވަޒީރު) ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. ޖުމްހޫރިއްޔާ ޤާއިމުކުރުމާއިއެކު 11 ނޮވެންބަރު 1968ގައި އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވިއެވެ.

އެދުވަހަކީ ނުވަތަ 11 ނޮވެންބަރު 1968އަކީ، ޞާޙިބުއްދައުލަތު އިބްރާހީމް ނާޞިރަށް، ޞާޙިބުއްސަޢާދަތު އަޙްމަދު ޒަކީ، ކަމާބެހޭގޮތުން ދެއްވި ލަފާފުޅާ އެއްގޮތަށް ކަނޑައެޅުނު، ދުނިޔޭގެ ތާރީޚީ ދުވަހެކެވެ. އެއީ ދުނިޔޭގެ ފުރަތަމަ ބޮޑުހަނގުރާމަ 11 ނޮވެންބަރު 1918ގައި ނިމުނުތާ 50 އަހަރުވީ ރަންޔޫބީލު މުނާސަބަތުގެ ތާރީޚީ ދުވަސްކަމުގަައިވާ 11 ނޮވެންބަރު 1968އެވެ

100%
0%
0%
0%
0%
0%