ރައީސުލްޖުމްހޫރިއްޔާ ހޮވުމުގެ 12 ވަނަ ރިޔާސީ އިންތިޚާބު ޑިމޮކުރަސީގެ 4 ވަނަ ރިޔާސީ އިންތިޚާބު

ރިޔާސީ އިންތިޚާބުގެ އެންމެ ފޯރިގަދަ ފޯވައްސެވެ. ދިވެހިރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރުމަށް މިފަހަރު މިބޭއްވެނީ 12 ވަނަ ރިޔާސީ އިންތިޚާބެވެ.

އެއީ 1968، 1973، 1978، 1983، 1988، 1993، 1998، 2003، 2008، 2013، 2018 މި 11 ފަހަރެވެ. އަދި މިއަހަރު 2023ގައި 12 ވަނަ ފަހަރެވެ. މި 12 ފަހަރުގެ ތެރެއިން 1968، 1973، 1978، 1983، 1988، 1993، މި 6 ފަހަރު ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރުން އޮތީ 1 ނިޒާމުންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ރައްޔިތުންގެ މަޖިލިސްގެ މެންބަރުންގެ އަޣުލަބިއްޔަތުން ހޮއްވަވާ ބޭފުޅަކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ އަޣުލަބިއްޔަތުން އިންތިޚާބުކުރުމުގެ ނިޒާމެވެ. 1998، 2003، މި 2 ފަހަރު އޮތް ނިޒާމަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލައްވާ ބޭފުޅުން އިލެކްޝަން ކޮމިޝަނަރުގެ އޮފީހަށް ނަން ހުށަހެޅުއްވުމުން ނުވަތަ ކުރިމަތިލެއްވުމުން މިބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން، އެބޭފުޅުންގެ ތެރެއިން، ރައްޔިތުންގެ މަޖިލިސްގެ މެންބަރުންގެ އަޣުލަބިއްޔަތުން ހޮއްވަވާ ބޭފުޅަކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ އަޣުލަބިއްޔަތުން އިންތިޚާބުކުރުމުގެ ނިޒާމެވެ. 2008، 2013، 2018ގައި، ރިޔާސީ އިންތިޚާބު ބޭއްވުނީ އަދި މި 2023ގައި ރިޔާސީ އިންތިޚާބު މިބޭއްްވެނީ މަލްޓި-ޕާޓީގެ ޑިމޮކުރަސީގެ ނިޒާމުންނެވެ.

ރިޔާސީ ކެންޑިޑޭޓުންނާއި ރަނިންމޭޓުން ކަނޑަައެޅި ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން، ސީދާ ރައްޔިތުންގެ އަޣުލަބިއްޔަތު (ވޯޓުދޭ މީހުންގެ 51 އިންސައްތަ) ލިބިވަޑައިގެންނެވި ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓު ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމަށް އިންތިޚާބުކުރެވޭ ނިޒާމުންނެވެ. ދިވެހިރާއްޖޭގައި ހިނގަމުންދާ ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމުގެ (ދެވަނަ ޖުމްހޫރިއްޔަތު ނުވަތަ މިޖުމްހޫރިއްޔަތު ގާއިމުކުރުމުގެ) ޚިޔާލުތައް، 1965ގައި ރާއްޖެ މިނވަންވީއްސުރެ ރާއްޖޭގެ ސިޔާސީ ވެރިން ކުރައްވަމުން ގެންދެވިއެވެ. މިޚިޔާލުތަކާއި މަޝްވަރާތަކުގައި 3 އަހަރު ފާއިތުވިއެވެ. ވަޒީރުންގެ މަޖިލީހުގައި ކަމާބެހޭ މަޝްވަރާކުރެވުނެވެ. ރައްޔިތުންގެ މަޖިލީހުގަައި ބަހުސްކުރެވުނެވެ. ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ ޢާންމު ސިއްރު ވޯޓެއް 15 މާރިޗު 1968ގައި ނެގުނެވެ. މިވޯޓުގައި، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން، ވޯޓުދިން މީހުންގެ 81 އިންސައްތަ މީހުން ވޯޓުދިނީ ޖުމްހޫރިއްޔަތަށެވެ. އެއީ 36,997 (ތިރީސްހަހާސް ނުވަސަތޭކަނުވަދިހަހަތެއް) މީހުންނެވެ. ރަސްކަމަށް ވޯޓުދިނީ 8,551 (އައްހާސް ފަސްސަތޭކަފަންސާސްއެކެއް) މީހުންނެވެ.

ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ހެއްދެވިއެވެ. ދިވެހިރާއްޖޭގެ އެންމެމަތީވެރިޔާގެ މަޤާމުގެ ނަންފުޅު "ރައީސުލްޖުމްހޫރިއްޔާ" ކަމުގައި އެންމެ ފުރަތަމަ ތަޢާރަފުކުރެވުނީ މި ޤާނޫނުއަސާސީންނެވެ. ރައީސުލްޖުމްހޫރިއްޔާ ހޮވުނީ، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ ދެބައިކުޅައެއްބައިގެ އަޣުލަބިއްޔަތުން ހޮވުނު ނަންފުޅަށް (އެބޭފުޅަކު އެކަން ޤަބޫލުކުރެއްވުމުން) ރައްޔިތުންގެ ފެންނަ ނުފެންނަ އާންމު ސިއްރު ވޯޓެއް ނަގައި އެވޯޓުގައި ވޯޓުދިން މީހުންގެ އަޣުލަބިއްޔަތުންނެވެ ރައްޔިތުންގެ މަޖިލީހުގެ ސިއްރު ވޯޓުން އަދި ރައްޔިތުންގެ ފެންނަނުފެންނަ އާންމުވޯޓުގެ ވަރަށްބޮޑު އަޣްލަބިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ހޮވިވަޑައިގަތީ (އޭރުގެ ބޮޑުވަޒީރު) ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ.

11 ނޮވެންބަރު 1968ގައި ޖުމްހޫރިއްޔާ ޤާއިމުކުރުމާއި ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުން 11 ނޮވެންބަރު 1968 އަކީ، ޞާޙިބުއްދައުލަތު އިބްރާހީމް ނާޞިރަށް، ޞާޙިބުއްސަޢާދަތު އަޙްމަދު ޒަކީ، ކަމާބެހޭގޮތުން ދެއްވި ލަފާފުޅާ އެއްގޮތަށް ކަނޑައެޅުނު، ދުނިޔޭގެ ތާރީޚީ ދުވަހެކެވެ. އެއީ ދުނިޔޭގެ ފުރަތަމަ ބޮޑުހަނގުރާމަ 11 ނޮވެންބަރު 1918ގައި ނިމުނުތާ 50 އަހަރުވީ ރަންޔޫބީލު މުނާސަބަތުގެ ތާރީޚީ ދުވަސްކަމުގަައިވާ 11 ނޮވެންބަރު 1968އެވެ. މި ޖުމްހޫރިއްޔާ ގާއިމުކުރެއްވުމަށް ރައްޔިތުންގެ މަޖިލިސްގެ ޚާއްޞަ ޖަލްސާ ޢޮތީ މީގެ 55 އަހަރުކުރިން 10 ނޮވެންބަރު 1968 ދުވަހުގެ ރޭއެވެ. ޖަލްސާ ފެށުނީ ރޭގަނޑު 9.30 (2130)ގައެވެ! ޖަލްސާގައި ފުރަތަމަ އޮތީ މި ޖުމްހޫރިއްޔާގެ ރައްޔިތުންގެ މަޖިލިސްގެ މެންބަރުން ހުވާކުރެއްވުމެވެ. މިގޮތުން 43 މެންބަރުން ހުވާކުރެއްވިއެވެ. މެންބަރުން ހުވާކުރައްވައި ނިމުނީ ރޭގަނޑު 11 ޖެހިއިރުއެގެ. (2300ގައެވެ.) ދެން ޖަލްސާ މެދުަކަނޑުއްވާލެއްވިއެވެ. އަލުން ޖަލްސާ ފެށުނީ މެންދަމު 12 ޖެހިއިރުއެވެ. (0000ގައެވެ.) މި ޖުމްހޫރިއްޔާ ގާއިމުކުރެވުނީ، އެވަގުތު 0000 11 ނޮވެންބަރު 1968 ގައެވެ. ޖުމްހޫރިއްޔާގެ މުނާސަބަތުގައި 21 ބަޑީގެ ސަލާމެއް އޮތެވެ. އެވަގުތު ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާކުރައްވީއެވެ.

0%
0%
0%
0%
0%
100%