ގޭ ބިސީއާއި ރެޖިސްޓަރީގެ ވާހަކަ ކޮޅެއް، މީގެ 110 އަހަރު ކުރިން ރާއްޖޭގައި ހުރީ 13781 ގެ

އެންމެކުރީ ޒަމާނުއްސުރެ ނުވަތަ މީގެ އެތައްސަތޭކަ އަހަރެއް ކުރީއްސުރެ ވާރު ނެގުމުގެ ބޭނުމަށް ރާއްޖޭގެ ރަށްރަށުގެ މީހުންގެ އަދަދާއި ގޯތިގެދޮރުގެ ހިސާބުކިތާބު ލާމަރުކަޒީ ނިޒާމުން ބަލަހައްޓާފައިވެއެވެ. ރާއްޖޭގެ ބިން މީގެ 60 އަހަރުކުރިން 1960ގެ އަހަރުތަކާއި ހަމަޔަށް 3 ބަޔަކަށް ބެހިގެންވެއެވެ. ވަގުފުބިން، އަމިއްލަބިން، ބަންޑާރަބިން މި 3 ބަޔަށެވެ. މީގެ 110 އަހަރުކުރިން 1911 - 1912 ބައިނަލްއަގުވާމީ ފެންވަރުގައި ބޭއްވުނު ރާއްޖޭގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޭރު ރާއްޖޭގެ އާބާދީއަކީ 72,237 (ހަތްދިހަދެހާސް، ދުއިސައްތަ ތިރީސްހަތެއް) މީހުންނެވެ. ރާއްޖޭގައި ތިބީ 13986 (ތޭރަހާސް ނުވަސަތޭކަ އަށްޑިހަހަ) ދެމަފިރިންނެވެ. ރާއްޖޭގައި ހުރީ 13781 (ތޭރަހާސް ހަތްސަތޭކަ އަށްޑިހައެއް) ގޭބިސީއެވެ.

ރާއްޖޭގެ ވެރިރަށް ފުރަމާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ވިހާމަރުވާއާއި އަދި މިނޫންވެސް އިދާރީ މުހިންމު ލިޔެކިޔުންތަކާއި ހިސާބުކިތާބު ދުވަހުންދުވަހަށް ލިޔެ ބަލަހައްޓަން މުޅި ރާއްޖޭގައި ފެށުނީ 1 ޖަނަވަރީ 1959ގައެވެ. ރާއްޖޭގައި ގޭބިސީއެއްގައި ރެޖިސްޓަރީ ނުވާ މީހަކު ނުހުންނަ ގޮތަށްވެސް ހަމަޖެހުނެވެ. އެއީ ރަށްރަށުގައި އިދާރާތައް ގާއިމުކުރެވި، ރަށްރަށުގެ އިދާރީ ހިންގުން ހަރުދަނާވި ދުވަސްވަރެވެ. މީގެ 55 އަހަރުކުރިން މިޖުމުހޫރިއްޔަތު ފެށުނުއިރު ގިރާވަރު މީހުން ހުޅުލެޔަށް ވަނީ ބަދަލުކުރެވިފައެވެ! ދައުލަތުން ގިރާވަރު މީހުންނަށް ބޮޑު ޚަރަދެއް ކުރެއްވިއެވެ! މިސާލެކެވެ. ގިރާވަރުގައި ހުރި ގެއެއްގެ ޝަރުއީ އަގު 450 ރުފިޔާއެވެ. ދައުލަތުން ހުޅުލޭގައި އަޅުއްވައިދެއްވި ގެއެެއްގެ އަގު 1800 ރުފިޔާއެވެ! (އެއިރަށް ބަލާއިރު ބޮޑުއަގެކެެވެ.) ގިރާވަރު މީހުން، ހުޅުލެއިން މާލެއަށް ބަދަލުކުރެވުނީ ހުޅުލޭ މީހުންނާއެކުގައި 1970ގެ ފަހުކޮޅުއެވެ! އެއީ ވައިގެ ބަނދަރު ބޮޑުކޮށް ބައިނަލްއަގުވާމީ ކުރުމަށް މުޅި ހުޅުލެ ބޭނުންވުމުންނެވެ! މާލޭގައިވެސް ދައުލަތުން ގެއަޅުއްވައިދެއްވިއެވެ! މީގެ 50 އަހަރުުކުރިން 1970ގެ އަހަރުތަކުގައި ދައުލަތުން އަމަލުކުރެއްވީ ފުރަމާލެ، ހުޅުލެ، ވިލިގިލި، ގިރާވަރު، މިއީ މާލެ މީހުން ކަމުގައި ބައްލަވައިގެންނެވެ.

ހުޅުލެއަކީ މި 50 އަހަރު ދިވެހިރާއްޖޭގެ އިގުތިސާދުގެ ނާރެހެވެ! ހުޅުލެ ފަޅުތެރެއިން ހިއްކުނު މަސްނޫއީ ހުޅުމާލޭގައި މާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގެ މީހުންނެވެ. ތަބީއީ ވިލިގިލީގައިވެސް ރާއްޖޭގެ ހުރިހާ ރަށެއްގެ މީހުންނެވެ! ގިރާވަރުގައި ރިސޯޓެވެ. ދެވަނަބޮޑު ހަނގުރާމައިގެ ދުވަސްވަރު 1939 - 1945ގައި، ރާއްޖޭގައި ކާބޯތަކެތި ހަމަޖެއްސުމަށް ކޮންމެ ގޭބިސީއަކަށް ކާޑެއް ދެވުނެވެ. އަދި އާބާދީގެ ނިސްބަތުން، ކާބޯތަކެތީގެ ކަންކަން އިންތިޒާމު ކުރެވުނެވެ. ކަމާބެހޭ އިސްޓޯރެއް ރާއްޖޭގެ ކޮންމެ ރަށެއްގައި ގާއިމުކުރެވުނެވެ. ތައާރަފުކުރެވުނު ކާޑުގެ ސަބަބުން ހަނޑޫ، ހަކުރު، ފުއް މިބާވަތްތަކަށް ކާޑުގެ ބާވަތްތައް ކަމުގައި ނަން ކިޔަން ފެށުނެވެ. އަދި އިސްޓޯރަށް ކާޑުގެ މިނަން ކިޔަން ފެށުނެވެ. ދިވެހިރާއްޖެ 26 ޖުލައި 1965ގައި މިނިވަންވުމަށްފަހު، ރާއްޖޭގެ އަމިއްލަ ޕާސްޕޯޓް ތައާރަފުވިއެވެ. ދިވެހި ރައްޔިތުންގެ އައިޑެންޓިޓީ ކާޑެއްގެ މުހިންމު ކަން، 1980ގެ ތެރޭގައި ވަޒަންކުރެވި، ސަރުކާރުން ކަމާބެހޭ އިދާރާއެއް 1 މޭ 1984ގައި ގާއިމުކުރެއްވިއެވެ. އެއީ އައިޑެންޓިޓީ ކާޑް ޔުނިޓް (މިހާރު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން) އެވެ. އެ ޔުނިޓް ގާއިމުވުމާއެކު ދިވެހި ރައްޔިތުންނަށް އައިޑެންޓިޓީ ކާޑު ހަދަން ފެށުނެވެ.

0%
0%
0%
0%
0%
0%