ރާއްޖޭގެ ޒަމާނީ ޑިމޮކްރަސީއަށް 15 އަހަރު

ދިވެހިރާއްޖެ ޒަމާނީ ޑިމޮކްރަސީއަށް ވާސިލުވިތާ 15 އަހަރުވީއެވެ. މިހާރުގެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުނީ 7 އޮގަސްޓު 2008ގައެވެ. މިޤާނޫނުއަސާސީއަކީ،  2 ޖުމާދަލްއާޚިރާ 1425،  19 ޖުލައި 2004ގައި އެއްކުރެވުނު ރައްޔިތުންގެ ޚާއްޞަ މަޖިލީހުން، 26 ޖޫން 2008ގައި އެކުލަވާލަައި ނިންމި މިޤާނޫނުއަސާސީއެކެވެ. ދައުލަތުގެ ތިންބާރު ކަމުގައިވާ ޤާނޫނު ހެދުމުގެ ބާރު، ވެރިކަން ހިންގުމުގެ ބާރު ،ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު ފުރިހަމައަށް ވަކިވެފައިއޮތުމާއެކު، އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބެއް ފުރިހަމަ ގޮތެއްގައި މިޤާނޫނު އަސާސީގައި އެކަށައެޅި ބަޔާންވެގެންވެއެވެ. މީގެތެރޭގައި ރައްޔިތުންނަށް މިޒަމާނުގައި ލިބެންވާ މިނިވަންކަމާއި ޙައްޤުތަކާއި ޚިދުމަތްތައް އެކަށޭނަ ގޮތެއްގައި ހިމެނެއެވެ. މިގޮތުން ބަލާއިރު މަލްޓިޕާޓީ ޑިމޮކްރަސީ އެއް ދިވެހިރާއްޖޭގައި ކުރިއަށް ގެންދިއުމަށް މިޤާނޫނު އަސާން ވަނީ ވަރަށް ފުރިހަމައަށް މަގުކޮށައިދީ އަލިކޮށްދީފައެވެ. ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނު އަސާސީއެއްގައި ބަޔާންވެގެންނުވާ، މިޤާނޫނު އަސާސީގައި ހަމައެކަށި ބަޔާންވެފައިވާ ބާބުތަކަށް ބަލާއިރު، ސަލާމަތީ ޚިދުމަތްތައް، ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުން ،ދައުލަތުގެ މިލްކުވެރިކަމާ މާލީޒިންމާތަކާ ދަޢުވާތައް، މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމުތައް، މިފަދަ ބާބުތައް ހިމެނެއެވެ.

މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމުތަކުގެތެރޭގައި، ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނު އަސާސީއެއްގައި ބަޔާންވެގެންނުވާ މިޤާނޫނު އަސާސީގައި ހަމައެކަށި ބަޔާންވެފައިވާ، ކޮމިޝަންތަކާއި މަޤާމުތަކުގެތެރޭގައި، ހިއުމަންރައިޓްސް ކޮމިޝަން، އިލެކްޝަންކޮމިޝަން، ސިވިލްސަރވިސްކޮމިޝަން، އެންޓި-ކޮރަޕްޝަން، ޖުޑީޝަލްސަރވިސްކޮމިޝަން، އަދި ޕްރޮސިކިއުޓަރ ޖެނެރަލް ހިމެނެއެވެ. 7 އޮގަސްޓު 2008ގެ ގާނޫނުއަސާސީއަށް މި 15 އަހަރުގެ ތެރޭގައި މިވަނީ ކުދިކުދި ބައެއް ބަދަލުތައް ގެނެވިފައެވެ. އަލުން މަޖިލީހެއް އެއްނުކޮށް، ރައްޔިތުންގެ މަޖިލީހަށް މިކަން ކުރެވޭތީ ގާނޫނުއަސާސީއަށް ބަދަލުގެންނަން މިވަނީ މާފަސޭހަވެފައެވެ. ކުރިންނަމަ މިކަމަށް ވަކި މަޖިލީހެއް ޚާއްޞަ މަޖިލީހެއް އެއްކުރަން ޖެހުމެވެ. ބޮޑު އިންތިޚާބެއް ބާއްވައިގެންނެވެ. 15 އަހަރުކުރިން ހީކުރެވުނީ މިއީ ރާއްޖޭގެ އެންމެ ފުރިހަމަ ގާނޫނުއަސާސީ ކަމުގައެވެ! އެހެނަސް، މިހާރު މިބެލެވެނީ މިރާއްޖެއާއި "މުޅިން ނުގުޅޭ" ގާނޫނުއަސާސީއެއް ކަމެވެ! 15 އަހަރުވީއިރުވެސް "ދިވެހި މުޖުތަމައާއި ދިވެހި ވައިފެނަށް" ފައްކާނުވުމެވެ!! 15 އަހަރަކީ ޖީލެކެވެ! އުފަންވެ ބޮޑުވުމުގެ މުއްދަތެވެ! ވީމާ، މިއީ ވިސްނާ ފިކުރު ހިންގަންޖެހޭ ގައުމީ ކަންކަމެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ޙަޔާތް ނުވަތަ ޤާނޫނުއަސާސީއެއްގެ ދަށުން ދައުލަތް ހިންގަން ފެށުނުތާ މިވަނީ 90 އަހަރު ފުރިފައެވެ.

ދިވެހިރާއްޖޭގައި ޤާނޫނުއަސާސީއެއް ހިންގަން ފެށުނީ 22 ޑިސެންބަރު 1932ގައެވެ. ލިޔެވި ބަޔާންވެ ޤަރާރުވެގެންވާ ދުސްތޫރެއްގެ ދަށުން، ދިވެހި ދައުލަތް ހިންގަން ފެށުމެވެ. އެއީ މަޝްވަރާކޮށްގެން ވެރިކަން ހިންގުމުގެ ދުސްތޫރީ ނިޒާމެއް ހިންގުން ކަމަށް ވާތީ، ދިވެހިރާއްޖޭގައި ޑިމޮކުރަސީގެ ބިންގާ އެޅުމެވެ. މީގެ 90 އަހަރު ކުރިންނެވެ. "ކުރިޔަށް މިއަންނާންއޮތް 5 އަހަރަކީ، ވަރަށް ވިސްނަައިގެން ކަންތައް ހިންގާންވީ 5 އަހަރެވެ. ރައްޔިތުންނަށް ލުއިކޮށްދީގެންނެވެ. ރާއްޖޭގެ ތަޢުލީމާއި، ބޭސްފަރުވާގެކަންކަމާއި، އަތުމަސަައްކަތާއި، ގޮވާންކުރެވުމާއި، ރުއްއެރުވުމާއި، މަސްވެރިކަމާއި، އޮޑިދޯނިބަައްތެލިފަހަރާއި މިއެންމެހައިކަންކަން ވާނީ ރަނގަޅަށް ކުރިއަރުވާށެވެ. (ދިވެހި)ރައްޔިތުންނާއި، މިދައުލަތުގައިތިބޭ ބޭރުރައްޔިތުންނަށް ހަމައެއްވެސް ބާވަތަކުން އަނިޔާއެއްކޮށްގެން ހަމަހިލައިނުވާނެއެވެ." ރާއްޖޭގެ ފުރަތަމަ  ގާނޫނުއަސާސީ  (1932)ގެ ދަށުން، ދިވެހި ދައުލަތް ހިންގަން ފެށުމުގެ  ތާރީޚީމުނާސަބަތުގައި ކީރިތި މަހާރަދުންގެ ފަރާތްޕުޅުން މަޖިލީހަށް އިއްވެވި އެންމެ ފުރަތަމަ "ޚުޠުބަތުލްޢަރުޝް" ގައި މިފަދައިން ބަޔާންވެގެންވެއެވެ!

0%
100%
0%
0%
0%
0%