ރާއްޖޭގެ އާބާދީ އިތުރުކުރުން ނުހަނު މުހިންމު

ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރާއިރު، ދުނިޔޭގެ އާބާދީ މިވަނީ 8 ބިލިޔަނަށް އަރާފައެވެ. ދުނިޔޭގެ އާބާދީ އެންމެބޮޑު 2 ގައުމު ކަމުގައިވާ ޗައިނާ، އިންޑިޔާ، މި 2 ގައުމުގެ އާބާދީ ވަރަށް އެއްވަރެވެ!! 1.4 ބިލިޔަން މީހުން މި 2 ގައުމުގެ އާބާދީގައެވެ. 3ވަނަ ގައުމު އެމެރިކާގެ އާބާދީ 336 މިލިޔަނެވެ.

މީގެ 111 އަހަރުކުރިން 1911-1912ގައި ބައިނަލްއަގްވާމީ އުސޫލުން ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވުނު ބޯހިމެނުމުގައި، ރާއްޖޭގެ އާބާދީއަކީ 72237 (ހަތްދިހަދެހާސް ދުއިސައްތަތިރީސްހަތެއް)

މީގެ 58 އަހަރުކުރިން، 26 ޖުލައި 1965ގައި ދިވެހިރާއްޖެ ޚާރިޖީގޮތުން ފުރިހަމައަށް މިނިވަންވީއިރު، ރާއްޖޭގެ އާބާދީ ލައްކައެއް ހަމަނުވެއެވެ. 1911ގައި އެންމެގިނަ މީހުންދިރިއުޅޭ ވެރިރަށް ފުރަމާލޭގެ އާބާދީ 5237 މީހުންނެވެ. 1911ގައި އެންމެމަދު މީހުންދިރިއުޅުނު ރަށް އަރިއަތޮޅު މަޑޫގަލީގެ އާބާދީގައި އެންމެ 23 މީހުންނެވެ.

1911ގެ ރާއްޖޭގެ އާބާދީ 72,237 މީހުންގެ ތެރެއިން މަސައްކަތު އާބާދީ ފިރިހެނުންގެ 40 އިންސައްތަ ކަމުގައިވި، 14,386 ފިރިހެނުންނަކީ މަސްވެރިންނެވެ. 1911ގެ ރާއްޖޭގެ އާބާދީ 72,237 މީހުންގެ ތެރެއިން މަސައްކަތު އާބާދީ އަންހެނުންގެ 34 އިންސައްތަ ކަމުގައިވި، 10,486 އަންހެނުން ބޮނބިތަޅާރޯނުވެށުމުގެ މަސައްކަތްކުރެއެވެ.

ވީމާ، މިއިން އެނގެނީ ދިވެހިންނަކީ މުރާލި މަސައްކަތްތެރި ބައެއްކަމެވެ. ތަފާސްހިސާބަކީ ކުރާ ނުވަތަ ކުރެވޭ ކަންކަމުގެ ދިރުން ދައްކައިދޭ ކަމެކެވެ. ކުރިޔަށް ދެވޭކަން ނުވަތަ ނުދެވޭކަން އެނގި ހާމަވާނީވެސް ތަފާސްހިސާބުގެ އަލީގައެވެ. މިހެންވުމުން ތަފާސްހިސާބަށް އިލްމީގޮތުން ވަނީ މުހިންމު އަހަންމިއްޔަތެއް ދެވިފައެވެ.

ރާއްޖޭގެ ތަފާސް ހިސާބުގެ ކަންކަމުގެ މާޒީއަށް ބަލާއިރު، އެންމެކުރީ ޒަމާނުއްސުރެ ނުވަތަ މީގެ 1000 އަހަރު ކުރީއްސުރެ، ވާރު ނެގުމުގެ ބޭނުމަށް ރާއްޖޭގެ ރަށްރަށުގެ މީހުންގެ އަދަދާއި ގޯތިގެދޮރުގެ ހިސާބުކިތާބު، މިފަދަ ތަފާސްހިސާބު މަރުކަޒީ ނިޒާމުން އަދި ލާމަރުކަޒީ ނިޒާމުން ރާއްޖޭގައި ބަލަހައްޓާފައިވާކަން ސާބިތުވެއެވެ.

މިހާރު ސިޓީއެއްގެ ދަރަޖަ ދެވިފައިވާ، ކުޅުދުއްފުށީގެ މިސާލެކެވެ. 1811ގައި ކުޅުދުއްފުށީގައި ތިބީ ވާރުދޭ އުމުރުގެ (15 އަހަރާ 60 އަހަރާ ދެމެދުގެ އުމުރުގެ) 112 މީހުންނެވެ. 1911ގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޯހިމެނިއިރު ކުޅުދުއްފުށީގެ އާބާދީއަކީ 1697 މީހުންނެވެ.

  1. ފުރަމާލެ 5236
  2. 2000 މީހުންނަށްވުރެ ގިނައިން 2 ރަށް
  3. ހުވަދުއަތޮޅު ހަވަރުތިނަދޫ 2325
  4. އައްޑޫމުލައް (ފުވައްމުލައް) 2199
  5. 1000 މީހުންނަށްވުރެ ގިނައިން
  6. ތިލަދުންމަތީ ހުވަރަފުށި 1811
  7. ތިލަދުންމަތި ކުޅުދުއްފުށި 1697
  8. އައްޑުއަތޮޅު ހިތަދޫ 1587
  9. ފާދިއްޕޮޅު ނައިފަރު 1289
  10. ތިލަދުންމަތި ދިއްދޫ 1163
  11. ފާދިއްޕޮޅު ހިންނަވަރު 1140

މީގެ 112 އަހަރުކުރިން، ‫1911ގައި ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހިރާއްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ ބޯހިމެނުމުގެ މިތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ތިބި ޒާތްޒާތުގެ މީހުންގެ ތެރޭގައި، ބޯރާއިން، މަލާބާރީން، ސޯޅިއާއިން މިޒާތްޒާތުގެ 100އަށްވުރެ ގިނަމީހުން ދިވެހިރާއްޖޭގައި ތިއްބެވެ.

މީގެ 23 އަހަރުކުރިން 21ވަނަ ގަރުނު (މިގަރުނު) ފެށުނުއިރު، 2020ށް (މިހާރަށް) ކުރި ތަސައްވުރުގެ ތެރެއިން: ގައުމީ ތަރައްގީއާއި އާބާދީއާއި ތަފާސްހިސާބުގެ ކަންކަމަށް ބަލާއިރު، ލާމަރުކަޒީ އުސޫލުން ސަރަހައްދީ ތަރައްގީ ކުރިއެރުވުމަށްޓަކައި އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތު ހިންގުން، ގައުމުގެ ތަރައްގީއަށް އެކަށޭނަ އާބާދީ ސިޔާސަތެއް ކަނޑައަޅައި ހިންގުން، ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގެ ކުރިމަގު ރޭވުމަށް ބޭނުންވާ ތަފާސްހިސާބު، ޒަމާނީ ޓެކުނޮލޮޖީގެ އެހީގައި އެއްކުރެވި، ކަމާބެހޭ ވިއުގައެއް ގާއިމުކުރެވި، މަރުކަޒީ ފެންވަރުގައި ދިރާސާ ކުރެވި، ތަފާސްހިސާބުގެ ޚިދުމަތް ބޭނުންވާ ހުރިހާ ފަރާތްތަކަށް، ހަލުވިކަމާއެކު ޚިދުމަތް ލިބޭނެ ނިޒާމެއް ގާއިމުވެފައި އޮތުން ހިމެނެއެވެ. މިކަންކަން ހާސިލުވެފައި ނުވާކަން ފާހަގަކުރެވެއެވެ.

2022ގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް  ބަލާއިރު، ވިސްނާ ފިކުރު ކުރަންޖެހޭ ކަންކަން ފާހަގަވެފައިވެއެވެ. އެގޮތުން  ބިދޭސީ އާބާދީގެ ބޮޑުކަން ފާހަގަކުރެވެއެވެ.

ރާއްޖޭގެ އާބާދީ އަކީ 515122 އެވެ. ދިވެހީން 382751 އެވެ. ބިދޭސީން 132371 އެވެ.

ރާއްޖޭގައި އުފަންވާ ކުދިންގެ އަދަދު މަދުވުމާ ގުޅިގެން ރާއްޖޭގެ ކުޑަކުދިންގެ އާބާދީ ދަށަށް ދާކަން ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކައެވެ. ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 8 އަހަރު ތެރޭގައި ރާއްޖޭގައި އުފަންވެފައިވަނީ އެވްރެޖްކޮށް އަހަރަކު 5500 ކުދިންނެވެ. އަދި ރާއްޖޭގެ އާބާދީގެ ތެރެއިން ތުއްތު ކުދިންގެ އާބާދީ ވަރަށް ބޮޑަށް މަދުވެފައިވާކަން ފާހަގަވިއެވެ.

މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯއިން ހާމަކޮށްފައިވާގޮތުގައި 2014 ވަނަ އަހަރު ރާއްޖޭގެ އާބާދީ ހުރީ 3،38،434ގައެވެ. އަދި 2022 އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އާބާދީ 3،82،751 މީހުންވަނީ އިތުރުވެފައެވެ. އެ 8 އަހަރު ތެރޭގައި އާބާދީއަށް އިތުރުވީ 44،317 މީހުންނެވެ. އެއީ އެވްރެޖްކޮށް އަހަރަކު 5500 ކުދިންނެވެ. މިހާރުގެ ރާއްޖޭގެ އާބާދީ 521000 (ފަސްލައްކަ އެކާވީސް ހާހަށްވުރެ) އިތުރެވެ.

ރާއްޖޭގެ އާބާދީ އިތުރުކުރުން ނުހަނު މުހިންމެވެ. ދިވެހި މަސައްކަތްތެރިންނާއު މަސައްކަތުގެ ސުލޫކު އާލާކުރުން ވެސް ވަރަށް މުހިންމެވެ.

0%
0%
100%
0%
0%
0%