މިއަހަރަކީ ރާއްޖޭގެ ގައުމީ މިނިވަންކަމުގެ ސައްތަ، އަލިމަސްޔޫބީލު، ރަންޔޫބީލު، ހިމެނޭ ތާރީޚީ އަހަރެއް!

ޖުލައި މަސް ފެށުނީއެވެ. ޖުލައި މަހަކީ ރާއްޖޭގެ މިނިވަން ދުވަަސް ކަމުގައިވާ ޖުލައި 26 ހިމެނޭ މަހެވެ. ވީމާ، ރާއްޖޭގެ މިނިވަންކަމުގެ ފަޚުރުވެރި ޒިކުރާގެ މަހެވެ.

ޖުލައި މަހުގައި މީލާދީގޮތުން ފާހަގަނުކުރެވުނަސް، ރާއްޖޭގެ ގައުމީ މިނިވަންކަމުގެ މިނިވަންކަމުގެ އެންމެ ބޮޑު އެންމެ މުހިންމު އެންމެ ފަޚުރުވެރި ހާދިސާވެސް ހިމެނިފައިވަނީ ޖުލައި މަހުގެތެރޭގައެވެ. ޖުލައި ފެށޭ އެއްވަނަ ދުވަހުއެވެ! އަދި މިފަހަރު މިއީ މިކަމަށް 450 އަހަރު ފުރުނު ފަހަރަށްވުމުން އެކަން ފާހަގަކޮށްލުން ނުހަނު މުނާސަބުވެސްމެއެވެ. އަދަދުގެގޮތުން މީލާދީގޮތުން ބަލާއިރު ހަތަރުސައްތައާއެކު ރަންޔޫބީލު ފުރިހަމަވި ގައުމީ މިނިވަން ކަމުގެ ފަޚުރުވެރި އަދަދު ކަމުގައި ވުމުންވެސްމެއެވެ.

އެއީ ހިޖުރީގޮތުން 1 ރަބީޢުލްއައްވަލު 981، މީލާދީގޮތުން 1 ޖުލައި 1573 މެންދަމު ބޮޑުތަކުރުފާނު ޖެއްސެވި އުންޑައިން، އަނދިރިއަނދިރީން ގަތުލުވެ، ފޯޗުގީޒުންގެ އަޅުވެތިކަމުން، ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ސަލާމަތްވެ، ދިވެހި ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު ލިބުނުގެ ފަޚުރުވެރި ހާދިސާއެވެ.

އުތީމުން ތިންޒުވާނުން ހިންމަތާއެކު ކޮށްލި މިންނަތަކުން އޮތީ މުސްތަޢުމިރުންގެ އެބާރުތައް އުއްޑުން ޖެހެވިފައިތާ،

ދެޙާޖީންނާއި ދަންޑެހެލާ ގޮވައިގެން އެއިގެ ތިންބަޠަލުން ޖިހާދު ކުރައްވަމުން ގެންދެވި ގޮތީ ޤައުމީ މިސާލެއްތާ،

އުތީމު މަހާރަދުންނަށް  ދެންނެވުން ޝުކުރާ ތަޢުރީފާ އޮތީ ދިވެހީންގެ މައްޗަށް ވާޖިބެއް ކަމުގައި ހިމެނިފައިތާ.

ހިޖުރީގޮތުން 1 ރަބީޢުލްއައްވަލު 981ގެ ފަޚުރުވެރި ހާދިސާއަށް ނިސްބަތްކޮށް ހިޖުރީގޮތުން 1 ރަބީއުލް އައްވަލު ފާހަގަކުރެވުނީ ދިވެހިރާއްޖޭގެ ގައުމީ ދުވަސް ކަމުގައެވެ. 

ގައުމީ ދުވަަހަކީ ގައުމީގޮތުން އެންމެ މުހިންމު ދުވަހެވެ. އެދުވަހެއްގެ ވާހަކަ ތާރީޚާއެކު ގާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެގެންވާ ދުވަހެވެ.

ބޮޑުތަކުރުފާނު އިސްވެހުންނަވައިގެން، ޕޯޗުގީޒުންގެ އަޅުވެތި އަނިޔާވެރި އިސްތިއުމާރުން އިސްލާމު ދިވެހި ގައުމިއްޔަތު ސަލާމަތްކޮށްދެއްވައި، ދިވެހި ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައިދެއްވި، ފަޚުރުވެރި ގައުމިއްޔަތުގެ ފެށުން ކަމުގައިވި 1 ރަބީޢުލްއައްވަލު 981ން ފެށިގެން މިހިނގާ 1444ށް މިވަނީ 463 އަހަރު ފުރިފައެވެ.

1 ރަބީޢުލްއައްވަލު 1365 (4 ފެބުރުވަރީ 1946)ގައި، ސުމުއްވުލްއަމީރު މުޙައްމަދު އަމީނު ދޮށިމޭނާކިލެގެފާނުގެ ވެރިކަމުގައި   ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޤައުމީ ދުވަހެއް ފާހަގަކުރެވުނުތާ ހިޖުރީގޮތުން 79 އަހަރުވީއެވެ. 

މިނިވަންކަމުގެ ވާހަކަދައްކާއިރު، މިއަހަރަކީ ދިވެހިރާއްޖޭގެ ދާޚިލީ މިނިވަންކަމުގެ 75އަހަރު އަލިމަސްޔޫބީލު ފުރިހަމަވި އަހަރުކަންވެސް ފާހަގަކޮށްލަންޖެހެއެވެ!

(މިކަމާބެހޭ ކޮލަމެއްވެސް މިކޮލަމުތަކުގެ  ތެރޭގައިވޭމެއެވެ!) ދުނިޔޭގެ އެންމެ ބޮޑު ހަނގުރާމަ ކަމުގައިވި ދެވަނަ ބޮޑުހަނގުރާމަ 1945ގައި ނިމި، މިސަރަހައްދުގެ ގައުމުތައް އިނގިރޭސި އިސްތިއުމާރުން މިނިވަންވެ، ދިވެހިރާއްޖެއަށް ދާޚިލީ މިނިވަންކަން ލިބުނީ 24 އޭޕުރީލު 1948ގައެވެ!

ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލޭގައި ބޭއްވުނު ތާރީޚީދަރުބާރުގައި މިކަމުގެ އެއްބަސްވުމުގައި ދިވެހި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ ރަސްކަމުގެ މަޖިލިސް (ވަލީ  ކޮމެޓީގެ) ޢިއްޒަތްތެރި 2 ބޭފުޅުން ކަމުގައިވި ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނާއި، އަންނަބީލު މުޙައްމަދު އަމީނެވެ. (މުޙައްމަދު އަމީނަށް ކިލެގެ ކަމަށް ކޮލިލެވި އަމީރެއް ނުވަތަ ސުމުއްވުލް އަމީރެއްގެ ޝަރަފުލިބިވަޑައިގަތީ އެއިގެ ފަހުންނެވެ.) އެއިރު ސަރުކާރު ހިންގަވަނީވެސް އަންނަބީލު މުޙައްމަދު އަމީނެވެ.

އެއިރު ދައުލަތުގެ އެންމެ ޝަރަފުވެރި ވެރިޔާގެ އިއްޒަތް ވަނީ، ސުމުއްވުލް  އަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު، އަލްމުންތަޚަބް ލިއަރުޝިއް ދައުލަތުލްމަޙަލްދީބިއްޔާ ނުވަތަ ދިވެހިރާއްޖޭގެ އިންތިޚާބީ ރަދުންނަށެވެ.

ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލޭގައި ބޭއްވުނު މިތާރީޚީ ދަރުބާރުގެ އެންމެ ބޮޑު ޝަރަފުވެރިޔާއަކީ އެކިލެގެފާނެވެ.

ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ތާރީޚީ ރަސްމިއްޔާތު އޮތީ 26 ޖުލައި 1965 މިދުވަހު ހެނދުނު ދިހައެއްޖެހިއިރު ސިލޯނުގެ ވެރިރަށް ކޮޅުނބުގައެވެ. 

ދިވެހިދައުލަތުގެ ފަރާތުން ސޮއިކުރެއްވީ ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ. އިނގިރޭސިވިލާތުގެ ފަރާތުން ސޮއިކުރެއްވީ ހައިކޮމިޝަނަރ މައިކަލް ވޯކަރެވެ. 

ވީމާ، މިޖުލައި 26 އަކީ، މިތާރީޚީ އެއްބަސްވުމަށް 78 އަހަރު ފުރޭ މިނިވަން ދުވަހެވެ!

0%
100%
0%
0%
0%
0%