އަތޮޅުތަކުގެ ރަށްރަށުގައި މަދުރަސީ ތައުލީމު ފެށުނުތާ 90 އަހަރު - ހިރިލަންދޫ ސްކޫލަށްވެސް 90 އަހަރު

ރާއްޖޭގެ ނިޒާމީ މަދުރަސީ ތައުލީމުގެ މިއީ 90ވަނަ އަހަރެވެ. 1933ން ފެށިގެން ރާއްޖޭގައި މާލެއާއި ރަށްރަށުގައި މަދުރަސީ ތައުލީމު ފެށުނެވެ. މެދުނުކެނޑި މިހާތަނަށް ނުހިނގިޔަސްވެހެވެ.

އަތޮޅުތަކުގެ މަދުރަސީ ތަޢުލީމުގެ މިސާލަކަށް ކޮޅުމަޑުލަށް ބަލާލަމާތޯޢެވެ. އެކަށޭނަ ސަބަބުތަކަށްޓަކައިވެސް މެއެވެ. އެވްރެޖު ގޮތެއްގައި ތަޢުލީމުގެ މިސާލީ އަތޮޅެއް ވެސް މެއެވެ.

އެއީ 1980ގެ އަހަރުތަކުގައި އަސާސީ ތައުލީމުން ޖެހިޖެހިގެން 3 އަހަރު 1ވަނަ ލިބި، އަސާސީ ތައުލީމުގެ ތަށި މިލްކުކުރި އަތޮޅެވެ. ކޮޅުމަޑުލުގަައި 1933ގަައި މަކުތަބުތަކުގެ ތައުލީމު ފެށިފައިވެއެވެ.

އަދި 1940ގެ އަހަރުތަކުގައި ކޮޅުމަޑުލުގެ މެންބަރު އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ، ކޮޅުމަޑުލުގައި ރަސްމީގޮތުން ފަށްޓަވައިދެއްވި މަދުރަސާތަކުގެ ތެރެއިން މެދުނުކެނޑި ހިނގަމުންދާ މަދުރަސާތަކަށްވެސް 75 އަހަރުގެ އަލިމަސް ޔޫބީލުވެއްޖެއެވެ.

މިގޮތުން ހިރިލަންދޫގައި 1933ން ފެށިގެން ހިނގަމުންދާ މަދުރަސީ ތައުލީމަށް މިއީ 90ވަނަ އަހަރެވެ. މެދުނުކެނޑި 90 އަހަރުވެސްމެއެވެ!

ހިރިލަންދޫގެ މަދުރަސީ ތައުލީމު 1951ގައި ރެޖިސްޓަރީ ކުރެވުނު ތާރީޚަށް ބަލައި ހިރިލަންދޫ ސްކޫލްގެ 71 ވަނަ އަހަރީ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރެވުނީ މިދިޔަ ހަފްތާގައެވެ.

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވެ. ތައުލީމުގެ ވަޒީރާޢީ ސަރުކާރުގެ ބައެއް ވަޒީރުން ވަޑައިގެންނެވެ. ޤައުމީ އިހުތިފާލެއްގެ ގޮތުގައެވެ.

ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ (1932)ން ދިވެހި ރައްޔިތުންކިޔެވުން ލާޒިމުކުރެއެވެ. އަދި އުނގެނުމާއި އުނގަންނައިދިނުމުގެ މިނިވަންކަން ދިވެހި ރައްޔިތުންނަށް ލިބިދީފައިވެއެވެ.

ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ 1932ގެ 14 ވަނަ މާއްދާގައިވެއެވެ.

"ކޮންމެ ދިވެހި ރައްޔިތަކުގެ މައްޗަށް ޤްރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި، ތާނައަކުރު ލިޔާންކިޔާން ދަސްކުޅައުމަކީ މިޤާނޫނުއަސާސީ ލާޒިމުކުރާކަމެކެވެ."

15ވަނަ މާއްދާގައިވެއެވެ. "ޤާނޫނަށާއި އަދަބުތަކަށް ޚިލާފުނުވާގޮތުގެމަތިން ކިޔެވުމާއި، ކިޔަވައިދިނުމީ، މިނިވަންކަން ލިބިގެންވާ ކަމެކެވެ."

ދިވެހިރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ވަޒީރުލް މަޢާރިފް (ރާއްޖޭގެ ފުރަތަމަ މިނިސްޓަރ އޮފް އެޑިޔުކޭޝަން) އަލްއުސްތާޛު  އަޙްމަދު ކާމިލު ދީދީ، ޤާނޫނުއަސާސީގެ ތައުލީމާއި އުނގެނުމުގެ މާއްދާތަކާއި ކަމާބެހޭ ޤާނޫނުތައް ތަންފީޒު ކުރައްވަން 1932 އިން  1933 އަށް މަސައްކަތްކުރެެއްވިއެވެ.

އަދި މަދުރަސަތުއްސަނިއްޔާގަައި އަންހެން ދަރިވަރުންނަށް ތަޢުލީމު ދެއްވަން ފެށްޓެވީވެސް 1933ގަައި އެމަނިކުފާނެވެ. ރާއްޖޭގެ  ނިޒާމީ  މަދުރަސީ ތަޢުލީމުގެ ތާރީޚުގެ ތެރެއިން، މެދުނުކެނޑި ހިނގަމުންދާ ސްކޫލް/މަދުރަސާތަކަށް ބަލާލާއިރު،  ރާއްޖޭގެ  އެންމެ  ފަޚުރުވެރި  މަދުރަސާ  ކަމުގަައިވާ، މަޖީދިއްޔާ ސްކޫލްގެ ފެށުމަކީ 17 ޝައްވާލު 1346 ހެނދުނު 7 ޖެހިއިރު ކިޔަވައިދޭން ފެށުނު ފެށުމެވެ. މީލާދީގޮތުން އެދުވަހަކީ 20 އޭޕްރީލް 1927އެވެ. މަދުރަސަތުއްޞަލާހިއްޔާ، މަދުރަސަތުލްމަޖީދިއްޔާ، މަޖީދިއްޔާ ސްކޫލެވެ. އަމީނިއްޔާ ސްކޫލްގެ ފެށުން ކަމަށް ބަލަނީ، 11 ޛުލްހިއްޖާ 1363ގެ ރޭގަނޑު 8 ޖެހިއިރު އުފެދުނު, މަދުރަސަތުއްސަނިއްޔާގެ އަންހެންކުދިންގެ ގޮތްޕެވެ. މީލާދީގޮތުން އެއީ 27 ނޮވެންބަރު 1944އެވެ. މަދުރަސަތުލްއަމީނިއްޔާ، އަމީނިއްޔާ ސްކޫލެވެ. އިސްކަންދަރު ސްކޫލްގެ ފެށުމަކީ 10 މޭ 1961ގައި ހުޅުވުނު ރާއްޖޭގެ ފުރަތަމަ މޮންޓެސޫރީ ސްކޫލް ކަމުގައިވާ ޙަމީދިއްޔާ މޮންޓެސޫރީ ސްކޫލެވެ. 2އަހަރުބައިން ފެށިގެން 6 އަހަރާ ދެމެދުގެ ކުދިންނަށެވެ. ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލް، އިސްކަންދަރު މޮންޓެސޫރީ ސްކޫލް، އިސްކަންދަރު ސްކޫލެވެ.

ރާއްޖޭގެ ފުރަތަމަ ކޮމިޔުނިޓީ ސްކޫލްގެ ނަން ދެވުނު ސްކޫލް، ބ. އަތޮޅު އޭދަފުށީގައި ހުޅުވުނީ، 22 ފެބުރުއަރީ 1978އެވެ. އެއީ ބ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.

1932ގެ ޤާނޫނު އަސާސީއިން ލިބުނު، އުނގަންނައި ދިނުމުގެ މިނިވަންކަމުގެ ތެރެއިން އުފެދުނު ބައެއް މަދުރަސާތަކާއި ބައެއް މަކުތަބުތަކަށް ބަލާއިރު، 1930ގެ އަހަރުތަކާއި 1940ގެ އަހަރުތަކުގައި އަތޮޅުތަކުގެ ރަށްޜށުގައި އުފެދުނު، ބައެއް މަދުރަސާތައް މެދުނުކެނޑި ހިނގަމުންދާތާ އަލިމަސް ޔޫބީލު 75 އަހަރަށްވުރެ ގިނަދުވަސްވެފައިވެއެވެ. (އަމީނިއްޔާއަށްވުރެ ގިނަދުވަސް ވެފައެވެ) އެ މަދުރަސާތަކުގެ ތެރޭގައި، މަދުރަސަތުލް އިފްތިތާޙް/ޅ.ނައިފަރު، 22 ޖޫން 1933އެވެ. އަދި މޭނާ ސްކޫލް/ނ.ހޮޅުދޫ  ހިމެނެއެވެ. ޤާޟީ ޝަމްސުއްދީން ސްކޫލް/އައްޑޫ މީދޫ 29 ޑިސެންބަރު 1943އެވެ. މި ސްކޫލް މިހާރު ނެތެވެ. އަދި މިނޫންވެސް ބައެއް ރަށްރަށުގެ މަދުރަސާތައް ހިމެނެއެވެ. މިއީ ފާހަގަކޮށްލަންޖެހޭ ޢިލްމީ ތަޢުލީމީ ގައުމީ ކަންކަމެވެ.

0%
100%
0%
0%
0%
0%