އަލިރަސްގެފާނު ޝަހީދުކުރެވުނުތާ 479 އަހަރު!

ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަހުގެ ހެޔޮއެދުންތައް، ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރަމެވެ. ދީނާއި ޤައުމަށްޓަކައި ޖިހާދުކުރައްވައި ޝަހީދުވި، މިދީބުގެ ހެޔޮދަރީންގެ ޤުރުބާނީ މި ލޮބުވެތި ޤައުމު ދެމިއޮތްހާ ހިނދަކު ދެމިހުންނަ ހުއްޓެވެ.

ޝަހީދުންގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރަން ފެށުނީ ހިޖުރީ ގޮތުން 1400 ވަނައެވެ. 1 ޝަޢުބާންގައެވެ. ވީމާ، މިފަހަރު މިއީ 45 ވަނައަށް ފާހަގަކުރެވޭ ޝަހީދުންގެ ދުވަހެވެ.

ޝަހީދުންގެ ދުވަސް ނިޞްބަތް ކުރެވެނީ 1 ޝަޢުބާން 965 ގައި، އައްސުލްޠާން އަލީ ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުން (އަލި ރަސްގެފާނު) ޕޯޗްގީޒުން ރާއްޖެއަށް ދިން ވަރުގަދަ އުދުވާނުގައި، ޕޯޗްގީޒު ލަޝްކަރާއި ކުރިމަތިލައްވައި ކުރެއްވެވި ދީނީ ޤައުމީ ޖިހާދުގައި ދީނާ ގައުމަށްޓަކައި ޝަހީދުވެވަޑައިގެންނެވި ތާރީޚީ ހާދިސާއަށެވެ.

އެއީ ޤައުމީ އެންމ މަތިވެރި ޝަހީދެވެ. އަލި ރަސްގެފާނު ޝަހީދު ކުރުމަށްފަހު 1 ޝަޢުބާން 965 (19 މޭ 1558) އިން 1 ރަބީޢުލްއައްވަލު 981 (1 ޖުލައި 1573) އަށް 15 އަހަރު ރާއްޖެ އިސްތިއުމާރުކުރިއެވެ. އެންމެ އަޅުވެތި އެންމެ އަނިޔާވެރި އިސްތިޢުމާރެވެ.

"މިދީބުގެ ހެޔޮދަރީންކުރެ ނަންއިތުރު އަލިރަސްގެފާނުން މާތް! ޝަހީދުވުމަށްފަހުން ދިޔައޫ އަމާންކަން ގެއްލި އުވިގެންތާ!"
އުސްތާޛުލްޖީލު މުޙައްމަދު ޖަމީލު ދީދީ

ޤައުމީ އެންމެ މަތިވެރި ޝަހީދު އައްސުލްޠާން އަލީ ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުން (އަލި ރަސްގެފާނު) ޝަހީދުކުރެވުނުތާ ހިޖުރީގޮތުން މިވީ 479 އަހަރެވެ.

ޝަހީދުންގެ ދުވަހަކީ އަލިރަސްގެފާނުގެ ދީނީ ޤައުމީ ޖިހާދާއި ޤުރުބާނީގެ ޒިކުރާއާކޮށް ޢިބުރަތް ހާސިލުކުރުމުގެ ޚާއްޞަ ދުވަހެވެ. އަދި ޤައުމީ އެންމެހައި ޝަހީދުންގެ ޒިކުރާ އާކުރުމުގެ ޚާއްޞަ ދުވަސްވެސްމެއެވެ. ޤައުމަށްޓަކައި ހިތާއިރޫހުން ނަފުސާއިޖިސްމުން ޖާނާއިމާލުން ޖިހާދުކުރުމާއި، ޤައުމުގެ ދިފާޢުގައި ޝަހީދުވުމުގެ ހަށިގަނޑާއި ފުރާނައިން ޤުރުބާންވާން ޖެހިއްޖެ ހާލަތްތަކުގައި ޤުރުބާންވުމުގެ ޤައުމީ އަޒުމު އާލާކޮށް، ޤައުމަށް ތެދުވެރިވެ ވަފާތެރިވުމުގެ ޤައުމީ ރޫހު ދިރުވައި، ގައުމީ ވަތަނީ ޖޯޝް އިތުރުކުރުމުގެ ދުވަހެވެ.

ދިވެހި ޤައުމީ ދިދައިގެ އެންމެ ބޮޑު ކުލައަކީ ޤައުމީ ޝަހީދުންގެ ޤައުމީ ޤުރުބާނީގެ ހަނދާނާއި ޒިކުރާއާއި ޤައުމީ ޝަހީދުންގެ ލޭ ރަމުުވާ ރަތް ކުލައެވެ.

ދިވެހި އިސްލާމީ ޤައުމިއްޔަތަށް ހިޖުރައިން 548 ވަނަ އަހަރުން ފެށިގެން ހިޖުރީގޮތުން 896 އަހަރުވީއެވެ. ބޮޑުތަކުރުފާނު އިސްވެހުންނަވައިގެން، ޕޯޗުގީޒުން އަޅުވެތި އަނިޔާވެރި އިސްތިއުމާރުން އިސްލާމް ދިވެހި ގައުމިއްޔަތު ސަލާމަތްކޮށްދެއްވައި، ދިވެހި ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައިދެއްވި، ފަޚުރުވެރި ގައުމިއްޔަތުގެ ފެށުން ކަމުގައިވި 1 ރަބީޢުލްއައްވަލު 981 އިން ފެށިގެން މިވީ 463 އަހަރެވެ.

1 ރަބީޢުލްއައްވަލު 1365 (4 ފެބުރުވަރީ 1946) ގައި، ސުމުއްވުލްއަމީރު މުޙައްމަދު އަމީނު ދޮށިމޭނާކިލެގެފާނުގެ ވެރިކަމުގައި ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޤައުމީ ދުވަހެއް ފާހަގަކުރެވުނުތާ މިވީ 79 އަހަރެވެ.

0%
20%
0%
0%
0%
80%