އޮނަރަބްލް އިބްރާހީމް މަނިކު - ދިވެހިރާއްޖޭގެ ބްރޯޑުކާސްޓިންގެ އެންމެ ބޮޑު ޚިދުމަތްތެރިޔާ

އޮނަރަބްލް އިބްރާހީމް މަނިކު މިއަދު އަަވަހާރަވީއެވެ. ޢުމުރުފުޅުން 70 އަހަރުފުޅުވުމަށް ފަހުގައެވެ. ދިވެހިރާއްޖޭގެ ބުރޯޑުކާސްޓުގެ ދާއިރާގެ އެންމެ ޚިދުމަތްތެރި ތަޖުރިބާކާރު އަދި އިސްވެރިޔާ އަވަހާރަވުމެވެ. ގައުމީ އަގުހުރި ޚިދުމަތްތެރިއެއް ވަކިވުމުގެ ގައުމީ ހިތާމައެވެ. ތާއަބަށް ޒިކުރާ ދެމިހުންނާނެތެވެ.

އޮނަރަބްލް އިބްރާހީމް މަނިކުގެ އެންމެބޮޑު ގަައުމީ ޚިދުމަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތްތަައް އެންމެ ބޮޑަށް ފާހަގަކުރެވެއެވެ. މުޅި ރާއްޖޭގެ އެންމެހައި ކަންކޮޅުތަކަށް ވަގުތުން ވަގުތަށް ޚިދުމަތް ލިބެންފެށި ހަމައެކަނި މީޑިއާއަކީ އަދި މުއާސަލާތުގެ ވަސީލަތަކީ ދިވެހިރާއްޖޭގެ އަޑެވެ. މިއީ ދިވެހިރާއްޖޭގެ އަޑަށް ލިބިފައިވާ އެންމެ ބޮޑު ތާރީޚީ ޝަރަފާއި ފަޚުރެވެ. ރާއްޖޭގެ އާންމު ހޭލުންތެރިކަމާއި ރައްޔިތުންގެ ފައިދާއާ ކުރިއެރުމަށް އެންމެ ގިނަގުނަ ޚިދުމަތްތަކެއް ގައުމީ ގޮތުން، އަދާކޮށްފައިވާ މީޑިއަކީ ދިވެހިރާއްޖޭގެ އަޑެވެ.

ރާއްޖެއާ ދުނިޔޭގެ ޚަބަރާ މައުލޫމާތާއި، ދީނީ، ގައުމީ، ތައުލީމީ، ސިއްހީ، އިޖުތިމާއީ، ބަހަވީ، އަދަބީ، ސަގާފީ، އަދި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ރޮނގުތަކުން ދިވެހިރާއްޖޭގެ އަޑުން ކޮށްފައިވާ ގައުމީ ޚިދުމަތްތަކާއި އަދާކޮށްފައިވާ ގައުމީ ދައުރަކީ ދިވެހި ތާރީޚުގައި ލާމަސީލު ނަމޫނާއެކެވެ.

ގައުމީ މުނާސަބަތުތަކާއި އިހުތިފާލުތައް ފާހަގަކުރުމުގައާއި އެ ކަންކަން ރައްޔިތުންނަށް ވަގުތުން ގެނެސްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވާ މީޑިއާއަކީ ވެސް ދިވެހިރާއްޖޭގެ އަޑެވެ. މިހުރިހާ ކަމެއްގައި އެންމެ ބޮޑު ހިއްސާދާރު އަދި އިސްވެރިޔަކީ އޮނަރަބްލް އިބްރާހީމް މަނިކެވެ.

އޮނަރަބްލް އިބްރާހީމް މަނިކުގެ މިއުޒިކާއި އާޓްސްގެ ގިނަގުނަ ޚިދުމަތްތައް ވެސް ފާހަގަކޮށްލެވެއެވެ. ދިވެހި ލަވަ ކިޔުމުގެ ފުރުޞަތު ނުލިބިފައިވާ އެތައް ފަންނާނުންނަކަށް ލަވަ ކިޔުމުގެ ފުރުޞަތު ހޯއްދަވައިދެއްވައި އަދި ލަވަ ކިޔުމާއި ދުރަށް ގޮސްފައިވާ ލަވަ ކިޔުންތެރިންތަކެއް އަނބުރައި ލަވަ ކިޔުމަށް ގެންނެވުން ވެސް އިބްރާހީމް މަނިކު މިރޮނގުން ކުރެއްވި ޚިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ.

ތަފާތު އެކި ދުވަސްވަރުގެ ގިނަ އަދަދެއްގެ މަޝްހޫރު ދިވެހި ލަވަކިޔުންތެރިން، އެއް ސްޓޭޖެއްގެ މަތިން ފެނިގެންދިޔަ ޝޯތަކެއް ކަމުގައިވާ، "ގެލެކްސީ" ޝޯތަކާއި، ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ކޮންމެ އަހަރަކު ދެކެމުން އަޑުއަހަމުން ގެންދާ ދިވެހި ފަންނާނުގެ މިޔުޒިކީ ޢީދަކީވެސް އިބްރާހީމް މަނިކު އިސްނަންގަވައިގެން އޭނާގެ އަމިއްލަފުޅު ޚިޔާލާއި ރޭއްވެވުމުން ބާއްވަވަމުން ގެންދަވާ ޝޯތަކެކެވެ. އެ ޝޯތަކަކީ، މިހާރު އެތައް ބަޔެއްގެ މަޤްބޫލުކަން ލިބި އަދި، ލަވަކިޔުމަށް ޝައުޤުވެރިވާ އެތައްބަޔަކު އެ ޝޯތަކުން، ލަވަކިޔުމުގެ ދުނިޔެއަށް ތަޢާރުފުވުމުގެ ދޮރު ހުޅުވި، އަދި އެފަރާތްތައް ޢާންމުންގެ މެދުގައި މަޝްހޫރުވެގެންދިޔަ ޝޯތަކެކެވެ.

އެފްއޭއެމްގެ ޗެއަރމަން ކަމާއި ފުޓުބޯޅަައި ކުރިއެރުވުމުގެ ގައުމީ ޚިދުމަތްތަކެވެ.

އޮނަރަބްލް އިބްރާހީމް މަނިކު އަދާކުރެއްވި ދައުލަތުގެ އިސްމަގާމުތައް

11 ނޮވެންބަރު 1993ން 6 ނޮވެންބަރު 1996ށް މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް ކަލްޗަރގެ މަގާމު އަދާ ކުރެއްވިއެވެ. 6 ނޮވެންބަރު 1996ން 13 ސެޕުޓެންބަރު 2004ށް މިނިސްޓަރ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރގެ މަގާމު ފުރުއްވާފައިވާއިރު، 13 ސެޕްޓެންބަރު 2004ން 14 ޖުލައި 2005ށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަގާމު އަދާކުރެއްވިއެވެ. ކޮމިއުނިޓީ އޯގަނަައިޒޭޝަން ޑިވެލޮޕްމަންޓް ކައުންސިލްގެ ޗެއަރމަން (ވަޒީރުންގެ ފެންވަރުގައި) 14 ޖުލައި 2005ން 11 ނޮވެންބަރު 2008ށް އަދާކުރެއްވިއެވެ. ވީމާ، ވަޒީރު ކަމުގެ 15 އަހަރު ހޭދަކުރެއްވިއެވެ. 2000ން 2010ށް ހުންނެވީ ރައްޔިތުންގެ މަޖިލިސްގެ ތިލަދުންމަތީ އުތުރުބުރީގެ މެންބަރު ކަމުގައެވެ. އެއީ 2 ދައުރުގައި 10 އަހަރެވެ. 1980ން 1989ށް ދިވެހިރާއްޖޭގެ އަޑުގެ ޑެޕިއުޓީ ޑިރެކްޓަރު ކަމާއި، ޑިރެކްޓަރު ކަން އަދާކުރެއްވިއެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ބްރޯޑްކާސްޓިންގ (ދައުލަތުގެ ރޭޑިއޯ/ޓީވީ އިސްވެރިޔާ) 1989ން 1993 އަށެވެ. އެއީ 1980ގެ ކުރީކޮޅުން 2004ށް 25 ވަރަކަށް އަހަރު ދިވެހިރާއްޖޭގަައި ބްރޯޑުކާސްޓިންގެ ވެރިޔާ / އިސްވެރިޔާ އެވެ.

0%
0%
0%
0%
0%
100%